އަންނަ އަހަރު ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް 49.1 މިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަނީ އަންނަ މާޗު މަހުގެ ތެރޭގައެވެ. ނަމަވެސް އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާންކޮށްފައެއް ނުވެއެވެ.

އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި ލޯކަލް ކައުންސިލް އިންތިހާބަށް ޖުމްލަ 49.18 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެއީ އެންމެ ފުރަތަމަ އެ އިންތިހާބަށް ކަނޑައެޅި ބަޖެޓަށްވުރެ 31.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ހަރަދުކޮށްފައިވަނީ 45 މިލިއަން ރުފިޔާއެވެ.

މިދިޔަ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހު ބާއްވަން ތާވަލުކުރި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ވަނީ ކޮވިޑްގެ ސަބަބުން އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނެސް އަންނަ އަހަރަށް ފަސްކޮށްފައެވެ. އަންނަ އަހަރަށް އިންތިހާބު ފަސްކުރީ، އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގުދަންމާލާ ގޮތަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. އެ މަގާމުތަކަށް ޖުމްލަ 2،400 އަށްވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ.