އދ. ގެ އާންމު މަޖިލީހުގެ ރައީސަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެނައުމަށް އިންޑިއާގެ ތާއީދު ލިބޭނެކަމުގެ ޔަގީންކަން އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ދެއްވައިފިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސަކަށް ޝާހިދު ގެނައުމަށް އިންޑިއާގެ ތާއީދު ލިބޭނެކަމުގެ ޔަގީންކަން އިންޑިއާގެ ފޮރިން ސެކްރެޓަރީ ދެއްވާފައިވަނީ ފޮރިން މިނިސްޓްރީގައި ޝާހިދާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި އދ. ގެ އާންމު މަޖިލީހުގެ ރައީސަކަށް ޝާހިދު ގެނައުމަށް އިންޑިއާގެ އެހީތެރިކަން ލިބޭނެކަން އިންޑިއާގެ ފޮރިން ސެކްރެޓަރީ އިއުލާންކުރައްވާފައިވާ ކަމަށެވެ.

އޭގެ އިތުރުން އިންޑިއާއިން އުފައްދާ ކޮވިޑް ވެކްސިން ދިނުމުގައި ރާއްޖެއަށް އިސްކަންދެއްވާނެ ކަމަށް ވެސް ބައްދަލުވުމުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ.

އިންޑިއާއިން އުފައްދާ ކޮވިޑް ވެކްސިން، "ކޮވަކްސިން" އަންނަ އަހަރުގެ ފެބުރުއަރީ މަހު އާއްމުކޮށް ބޭނުންކުރަން ފެށޭ ވަރު ވާނެ ކަމަށް އެ ވެކްސިން އުފެއްދުމުގެ މަސައްކަތުގައި ހަރަކަތާތްތެރިވާ ސައިންސްވެރިން މީގެ ކުރިން ވަނީ ބުނެފައެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ކުރައްވާ ދަތުރަކީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ކުރައްވާ މި ދަތުރުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުމުގެ ތެރެއިން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވައިލައްވާނެއެވެ. މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝްރިންގްލާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.