މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ، ތިލަމާލެ ބުރިޖު މަޝްރޫއަށް އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެ މަޝްރޫގެ އެއްބަސްވުމުގެ އިތުރުން ވެސް ތިން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

ތިލަމާލެ ބުރިޖު އެޅުމަށް ހިންގާ ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ. އެ މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ގުޅާލުމަށް ޖުމްލަ 6.7 ކިލޯމީޓަރުގެ ބުރިޖެއް ކޯޒްވޭތަކާއެކު ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދު ސޮއެކުރެވުނު އެމްއޯޔޫ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއާޒްގެ ދަށުން ރާއްޖޭގެ އެތުލީޓުންނާއި ކޯޗުންނަށް ތަމްރީނު ފުރުސަތުތައް ހޯދައިދީ، ތަޖުރިބާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މިއަދު ދެން ސޮއެކުރެވުނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ ދަށުން ރާއްޖޭގައި ހިންގާ ދެ މަޝްރޫއަކާ ބެހޭ އެމްއޯޔޫގައެވެ. އެ ދެ މަޝްރޫއަކީ ހދ. ހަނިމާދޫގައި އެގްރިކަލްޗަރަލް ރިސާޗް ސެންޓަރެއް ހެދުމާއި އައްޑޫ ސިޓީ ހުޅުދޫގައި ގާއިމުކުރާ ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރު ތަރައްގީކުރުމުގެ މަޝްރޫއެވެ. އެ އެމްއޯޔޫގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރު ހެދުމަށް 1،711،434.60 ރުފިޔާ (1.7 މިލިއަން ރުފިޔާ) އަދި ހުޅުމީދޫ ޑްރަގް ޑީޓޮކްސް ސެންޓަރުގެ މަސައްކަތަށް 7،980،563.69 ރުފިޔާ (7.9 މިލިއަން ރުފިޔާ) އިންޑިއާ ސަރުކާރުން ފޯރުކޮށްދޭނެއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި އެ މަޝްރޫއުތަކަކީ މުޖްތަމައުގެ ހާލަތު ރަނގަޅުކޮށް، އިގުތިސާދީ ގޮތުން ފުދުންތެރި މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކެކެވެ.