ސަސްޕެންޝަނުގައި ހުންނެވި، ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސޫޒަން ހަނީފު އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އިސްތިއުފާދެއްވުމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ އެ މަގާމަށް އާ ބޭފުޅަކު ހޯދުމަށް އިއްޔެ އިއުލާނުކޮށްފައެވެ. އޭނާ އިސްތިއުފާދެއްވާފައިވަނީ މިދިޔަ މަހުގެ 15 ގައެވެ.

ސޫޒަންއާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކެއް ބެލުމަށާއި އެ ކޮމިޝަންގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީގައި ހިންގި ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން އިދާރީ ގޮތުން ބަލަންޖެހޭ މައްސަލަތައް ބަލައި ނިމެންދެން ސޫޒަން ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު 17 ގައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ޕީއެސް ކަމަށް އައްޔަންކުރި ސޫޒަންގެ ޝަކުވާތަކެއް ބަލައިދިނުމަށް ސީއެސްސީއަށް ސިޓީއެއް ހުށަހެޅީ ޓޫރިޒަމް މިނިސްޓްރީގެ 26 މުވައްޒަފެކެވެ. ސިޓީގައި ސޫޒަންގެ ކިބައިގައި މަގާމު އަދާކުރުމުގެ ގާބިލުކަން ހުރިކަމާ މެދު ސުވާލު އުފައްދައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ މައުލޫމާތުތައް ސޫޒަންގެ ކިބައިގައި ނެތް ކަމަށާއި ޕީއެސްގެ މަސްއޫލިއްޔަތުތައް ވެސް ސޫޒަން ފުރިހަމަ ނުކުރާ ކަމަށް އެ ސިޓީގައިވެއެވެ.

އޭގެ އިތުރުން މުވައްޒަފުންގެ މެދުގައި ސޫޒަން ތަފާތުކުރުން ގެންގުޅޭ ކަމަށާއި ބައެއް އިސްވެރިންނާއި މުވައްޒަފުންނާ ދެމެދު މަސްލަހަތު ގެއްލި މައްސަލަތަކެއް އުފެދޭ ގޮތަށް ސޫޒަން މުއާމަލާތުތައް ކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 19ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އަދި މަގާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން ހުށަހެޅުން އަދި އިމްތިހާނު ކުރުން އޮންނާނީ މި މަހުގެ 24 އިން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ މާގަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ސަރުކާރުގައި ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން ހަ އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

މި މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 20،500 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ ލިބޭނެއެވެ.