ނަގުދު ފައިސާ ބޭނުން ނުކޮށް ޓެކްސީއަށް ފައިސާ ދެއްކޭނެ ކޭޝްލެސް ޕޭމަންޓް ހިދުމަތެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފިއެވެ.

ބީއެމްއެލުން ބުނީ މިއީ އެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށާއި ނަގުދު ފައިސާ ނުގެންގުޅޭ މުޖުތަމައަކަށް ވާސިލުވުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ތައާރަފް ކުރި ހިދުމަތެއް ކަމަށެވެ. އަދި މި ހިދުމަތާއެކު ޓެކްސީ ޑްރައިވަރުންނަށް މިހާރު ބީއެމްއެލް މޮބައިލްޕޭ މެދުވެރިކޮށް ކޮންޓެކްޓް ލެސް ޕޭމަންޓް ބަލައިގަނެވޭނެ ކަމަށް ބުންޏެވެ.

މި ހިދުމަތުގެ އެހީގައި ކަސްޓަމަރުންނަށް ބީއެމްއެލް މޮބައިލްޕޭ މެދުވެރިކޮށް ޑްރައިވަރުގެ މޯބައިލް ފޯނުގައިވާ ނުވަތަ ޓެކްސީގައި ބަހައްޓާފައިވާ ކިޔުއާރު ކޯޑު ސްކޭން ކޮށްގެން ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެ އެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް ކޭޝްލެސް ޕޭމަންޓްގެ ހިދުމަތް ފޯރުކޮށްދެވިފައިވަނީ ރައްކާތެރިކަމާއެކު ކޮންޓެކްޓް ލެސް ޕޭމަންޓް ހިދުމަތް ދިނުމަށް ބޭންކުން ބޭނުން ކުރަމުން އަންނަ އެމްޕޮސް ހިދުމަތްތަކުގެ ތެރެއިންނެވެ.

އެ ހިދުމަތް ތައާރަފް ކޮށްދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. ހިދުމަތް ތައާރަފް ކޮށްދެއްވުމަށްފަހު މިނިސްޓަރު ނަހުލާ އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވަނީ ކޮވިޑުން ރައްކާތެރިވުމަށް ބޭނުންކުރެވޭ ހޭންޑް ސެނިޓައިޒާ އާއި ފޭސް މާސްކް ޓެކްސީ ޑްރައިވަރުންނަށް ހަދިޔާކޮށްފަ އެވެ.

ބީއެމްއެލުން ބުނީ، ކޭޝްލެސް ޕޭމަންޓުގެ ހިދުމަތް ދޭ ކޮންމެ ޓެކްސީއަކަށް ހޭންޑް ސެނިޓައިޒާ އާއި ފޭސް މާސްކު ހިމެނޭ ޕެކެއް ހަދިޔާ ކުރާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ޓިމް ސޯޔާ ވިދާޅުވީ ފައިސާ ދެއްކުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފްކުރުމަށް އިސް ދައުރެއް އަދާކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި އެ ވަސީލަތުގެ އެހީގައި ކަސްޓަމަރުންނަށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު އަވަހަށް ފައިސާ ދެއްކުމުގެ މުއާމަލާތްތައް ފުރިހަމަ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

"ނަގުދު ފައިސާ ބޭނުންނުކޮށް ފައިސާގެ މުއާމަލާތްތައް ހިންގުން އާދައަކަށް ވެފައިވާ ދަނޑިވަޅެއްގައި، ފައިސާ ދެއްކުމުގެ ޒަމާނީ މި ހިދުމަތް ކަސްޓަމަރުންނާއި ޑްރައިވަރުންގެ މެދުގައި މަގުބޫލު ހިދުމަތަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރަން. އެކުގައި މި ދަތި ދުވަސްތަކާ ކުރިމަތިލުމުގައި ބޭންކުން މުޖަތަމައަށް އެހީތެރިވުމުގައި ދެމި އޮންނާނެ،" ޓިމް ސޯޔާ ވިދާޅުވި އެވެ.

ބީއެމްއެލް މޮބައިލްޕޭ އަކީ ކޮންމެ ތަނަކުން ވެސް ތަކެތި ގަތުމަށްޓަކައި ފައިސާ ދެއްކުމަށް ބޭނުންކުރެވޭ ބޭންކުގެ ޑިޖިޓަލް ވޮލެޓް އެޕްލިކޭޝަނެވެ. އެޕަލް ސްޓޯރުންނާއި ގޫގަލް ޕްލޭ ސްޓޯރުން މި އެޕް ޑައުންލޯޑް ކުރެވޭނެ އެވެ.