އެކި ދާއިރާތަކުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދު އަދި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ މަޝްވަރާކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި މަޝްވަރާތައް ކުރައްވާފައިވަނީ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ.

އެގޮތުން މި ބައްދަލުވުމުގައި ދެގައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް 55 އަހަރު ފުރިފައިވާ އިރު، ދެގައުމުގެ މެދުގައި އޮތް ޒަމާންވީ ގާތްގުޅުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ކޮވިޑް 19ގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. އެގޮތުން ފަތުރުވެރިކަން ކުރިއެރުވުން، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުން އަދި ދެގައުމުގެ މެދުގައި ވިޔަފާރިއާއި ދަތުރުފަތުރު އިތުރުކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި ސިއްހީ ދާއިރާއާއިން ގުޅިގެން މަސައްކަތްކުރުމާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ އިތުރުން ކޮންސިއުލާ ހިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް މި ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ވެދޭ އެހީތެރިކަމާއި ދިވެހި ރައްޔިތުންނާ މެދު ބަހައްޓާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ.

ރާއްޖެއަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ކުރައްވާ މި ދަތުރަކީ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރެކެވެ.