ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށާއި ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250،000 އެމެރިކާ ޑޮލަރު ބެހެއްޓުން، ނުވަތަ އެ އަދަދުގެ މިންވަރެއް އިންވެސްޓްކުރާ ފަރާތްތަކަށް ދިގު މުއްދަތުގެ ވިސާ ލިބޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު، އަބުދުލް މުޣުނީ ހުށަހެޅުއްވި މި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ، ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން 53 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ބިލު ފާސްކޮށްފައި ވަނީ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ވިސާގެ އިތުރުން އާ ދެ ވިސާއެއް ތައާރަފުކުރަން ހިމަނައިގެންނެވެ.

މިހާރު ގާނޫނުގައި އޮންނަ އަށް ވިސާއަކީ، ޓޫރިސްޓު ވިސާ، ޑިޕްލޮމެޓިކް ވިސާ، ސްޓޫޑެންޓް ވިސާ، ބިޒްނަސް ވިސާ، ޑިޕެންޑަންޓް ވިސާ، ވާކް ވިސާ، ރެސިޑެންޓް ވިސާ، އަދި ސްޕެޝަލް ވިސާ، އެވެ.

މިއަދު ފާސްކުރި ބިލުން އަލަން ތައާރަފު ކުރަަން ހިމަނާފައި ވަނީ މީޓިން ވިސާ އާއި ކޯޕަރޭޓް ރެޒިޑެންޓް ވިސާ އެވެ.

ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ވިސާ ކޮންމެ އަހަރަކުން އާ ކުރަން ޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، ދިވެއްސަކާ ކައިވެނިކޮށްގެން ދަރިޔަކު ލިބިފައިވާ ބިދޭސީންގެ ތެރެއިން، ވަރިވެފައިވާ ހާލަތުގައި ނުވަތަ އޭނާ ކައިވެނިކޮށްގެން އުޅުނު މީހާ ނިޔާވެފައިވާ ހާލަތުގައި، އޭނާގެ ދަރިންނާ އެކު ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދަ، ކޮންމެ ފަސް އަހަރަކުން އާ ކުރަން ޖެހޭ ގޮތަށް ކަނޑައަޅަން ބިލުގައި ވަނީ ހިމަނައިފައެވެ.

ނަމަވެސް ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން އަލަށް ރެސިޑެންޓް ވިސާއަށް އެދި ހުށަހަޅާ ފަރާތެއް ނަމަ އެއް އަހަރު ދުވަހުގެ މުއްދަތަށް އެފަރާތަކަށް ރާއްޖޭގައި ހުރުމުގެ ހުއްދަ ދޫކުރަން ވާނެ ކަމަށް ބިލުގައި ބުނެފައި ވެއެވެ.

ބިލުގައި ބުނާ ގޮތުން ކޯޕަރޭޓް ރެސިޑެންޓް ވިސާއަކީ ރަޖިސްޓްރާ އޮފް ބިޒްނަސަސް ކަނޑައަޅާ ގޮތެއްގެ މަތިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ފޮރިން އިންވެސްޓްމެންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެނޫންވެސް އިސް ފަރާތެއް އަދި އެއިން ފަރާތެއްގެ އާއިލާގެ މެންބަރެއް ރާއްޖޭގައި ވަޒީފާ އަދާ ކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް، އެ ފޮރިން އިންވެސްޓްމަންޓް ނުވަތަ އެ ވިޔަފާރި ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައެއް ކަމަށެވެ.

ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250،000 އެމެރިކާ ޑޮލަރު ފަސް އަހަރުގެ މުއްދަަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައި ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށާއި ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން، ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކުގައި މަދުވެގެން 250،000 އެމެރިކާ ޑޮލަރު އިންވެސްޓްކޮށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް އެ ހުއްދަ ދޭން ވާނެ ކަމަށްވެސް ބިލުގައި ބުނެފައި ވެއެވެ.

އެ ހާލަތް ދެމިއޮތްހާ ހިނދަކު ކޮންމެ ފަސް އަހަރަކުން އެ ހުއްދަ އާކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިއެވެ.

ބިލުގައި ބުނާގޮތުން މީޓީން ވިސާ އަކީ "ކަސްޓަމްސްގެ ކޮންޓްރޯލާ ކަނޑައަޅާ ގޮތެއްގެ މަތިން ރަޖިސްޓްރާ އޮފް ބިޒްނަސަސް ގަބޫކުކުރާ ވިޔަފާރިއަކާ ގުޅުން ހުރި ބައްދަލުވުމެއް ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ބޭނުމަށް ރާއްޖޭގައި ބޭއްވޭ ބައްދަލުވުމެއް، ނުވަތަ އެނޫންވެސް ފަރާތަކުން އިންތިޒާމުކޮށްގެން ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން، ބާއްވާ ބައްދަލުވުމެއް، ނުވަތަ ކޮންފަރެންސެއް، ނުވަތަ ކޮންވެންޝަނެއްގައި ބައިވެރިވުމަށް އަންނަ ބިދޭސީއަކަށް ކުރު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކުން ދެވޭ ހުއްދައެއް ކަމަށެވެ.