ގާނޫނާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ހަ ބިދޭސީއަކު، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އެކުލަވާލާފައިވާ ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަންތަކެއްގައި ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، ގާނޫނާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ މައްސަލައިގައި ހައްޔަރުކުރި މި މީހުން މިހާރު ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ޑިޓެއިންކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތުތަކާ ހަވާލާދީ ފުލުހުން ބުނީ، ފާއިތުވި ތިން އަހަރުގެ ތެރޭގައި މި މީހުންގެ އެކައުންޓްތަކުގައި ޖުމްލަ 54،429،550 ރުފިޔާ އާއި 1،627،810 ޑޮލަރު ދައުރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހަކާއި އިންޑިއާގެ ދެ މީހެކެވެ.
މި މީހުންނަކީ ޑްރައިވަރުންނާއި، ވެއިޓަރުންނާއި، އެކައުންޓެންޓުންނާއި، އިންޖިނިއަރުންނާއި، ސޭލްސްޕާސަނުންގެ އިތުރުން ކްލީނަރުންގެ ގޮތުގައި މަސައްކަތްކުރުމަށް ހުއްދަދެވިފައިވާ މީހުންނެވެ. ނަމަވެސް، މި މީހުން ހަރަކާތްތެރިވަމުން އައީ ހުއްދަދެވިފައިވާ މަސައްކަތުގެ ދާއިރާއިން ބޭރުން، ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ކަމަށް ފުލުހުން ފާހަގަކުރިއެވެ.
ހައްޔަރުކުރި ބިދޭސީންނާއި ހުއްދަދެވުނު މަސައްކަތް:
- މުހައްމަދު ރާހޫލް އަމީން (ބަންގުލަދޭޝް) - އެކައުންޓަންޓް
- މަސޫދް މިއާ (ބަންގުލަދޭޝް) - ވެއިޓަރު
- އެމްޑީ ފަރީދް އުދީން (ބަންގުލަދޭޝް) - ޑްރައިވަރު
- ދުލްކަރްނައި އިމްރާން ހާން (އިންޑިއާ) - އިންޖިނިއަރު
- މުހައްމަދު އަސަތު ކަލަންދާރް ހުސައިން (އިންޑިއާ) - ސޭލްސްޕާސަން
- މުހައްމަދު މަހަމުދޫރް ހަސަން (ބަންގުލަދޭޝް) - ކްލީނާ
ޓާސްކްފޯސްއިން އެއްކޮށްފައިވާ މައުލޫމާތުތައް ދިރާސާކުރިއިރު، ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް، ބިދޭސީން އިސްވެ ހިންގާ ގާނޫނާ ހިލާފު އަމަލުތަކުން ހޯދާ ފައިސާ ދައުރުކުރުމަށް ދީފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން، އެއްވެސް މީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއް، އެހެން ފަރާތަކުން ހިންގާ ގާނޫނާ ހިލާފު އަމަލުތަކަށް މަގުފަހިކުރުމަށް ދޫކުރުމަކީ ކުށުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށް ފުލުހުން ވަނީ އިންޒާރުދީފައެވެ.
ގާނޫނާ ހިލާފު ކުށުގެ އަމަލުތައް ހިންގުމަށް އެއްވެސް ފަރާތަކަށް ބޭންކު އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ އަމަލުތައް ކުރާ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށާއި، މިކަމުގައި އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް