ރައްޖޭގައި ހުރުމަށް ދޫކޮށްފައިވާ ހުއްދައިގެ ޝަރުތުތަކާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށްބުނެ 10 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖެ ނާދެވޭގޮތަށް ބިދޭސީއަކު އޭނާގެ ގައުމަށް ފޮނުވާލަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމި ނިންމުމެއް ސިވިލް ކޯޓުން ބާތިލުކޮށްފިއެވެ.
މި މައްސަލައަކީ ފްރާންސްގެ ރައްޔިތެއް ކަމަށްވާ އަނާ ސާރިއާއަށް ރާއްޖޭގައި ހުރުމަށް ދޫކޮށްފައިވާ ހުއްދައިގެ ޝަރުތުތަކާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ކަމަށް ފާހަގަކުރެވޭ ކަމަށްބުނެ 10 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭ ނާދެވޭގޮތަށް އޭނާ ބްލެކްލިސްޓު ކުރުމަށް އިމިގްރޭޝަނުން ނިންމި ނިންމުމެކެވެ.
ދައުލަތަށް ރައްދުވާގޮތަށް އަނާގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ އިމިގްރޭޝަނުން އެ ފިޔަަވަޅު އަޅާފައި ވަނީ، އިދާރީ ފިޔަަވަޅުތައް އެޅުމުގައި ދައުލަތުގެ ވުޒާރާތަކުން ދަމަހައްޓާފައިވާ ކަންކަމާއި، ސުޕްރީިމް ކޯޓުން ނިންމާފައިވާ ނިންމުންތަކާއި، އިދާރީ ފިޔަވަޅެއް އެޅުމުގައި ކަށަވަރު ކުރަންޖެހޭ ކަމަށް އެހެނިހެން ދިމިގްރާތީ ގައުމުތަކުގައި ބަލައިގަނެފައިވާ މިންގަނޑުތަކާ ހިލާފަށް ކަމަށެވެ.
އެހެންކަމުން އެ ނިންމުން ބާތިލުކޮށްދިނުމަށް އޭނާ ވަނީ އެދިފައެވެ.
މި މައްސަލައިގައި އަނާގެ ފަރާތުން ބުނެފައިވަނީ، ސޯޝަލް މީޑިއާގައި ޓްރެވަލް އިންފުުލުއެންޒަރެއްގެ ގޮތުގައި މަސައްކަތްކުރާ އަދި އެކަމާގުޅޭ ފޮތްލިޔެ އަދި ވްލޮގް ކުރަމުން އަންނަ މީހެއް ކަަމަށެވެ.
ޓްރެވަލް މަސައްކަތް ކުރުމަށް އޭނާ ރާއްޖެ އައިސް 29 ޑިސެމްބަރު 2021 އިން ފެށިގެން 3 މެއި 2023 އާ ހަމައަށް ރާއްޖޭގައި ވަޒީފާ އަދާކޮށްފައިވަނީ މުހައްމަދު ރިޒާގެ ނަންމަތީގައި ރަޖިސްޓްރި ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމަށްވާ "ޝެޑޯ ޕާމް" އިން ކ. މާފުށީގައި ހިންގަމުންދާ ގެސްޓް ހައުސްއެއްގައި ގެސްޓް ރިލޭޝަންސް އޮފިސަރެއްގެ ގޮތުގައި ކަމަށެވެ.
ނަމަވެސް ވަޒީފާގެ އެއްބަސްވުމެއް ލިޔުމުން ދޭނަމޭ ބުނެ މިއަދާ ހަމައަށް އައިއިރުވެސް އެއްބަސްވުން ދީފައިނުވާ ކަމަށް އޭނާ ބުނެފައިވެއެވެ.
ލިޔުމުން އެ އެއްބަސްވުން ނުދިނުމާއި، އެ ފަރާތުން އެއްބަސްވި މުސާރަ އާއި އިނާޔަތްތައް ނުދިނުމުން "ޝެޑޯ ޕާމް" ގެ ވެރިފަރާތް ކަމަށްވާ މުހައްމަދު ރިޒާގެ ދެ ދަރިން ކަމަށްވާ ރިޒްހާން މުހައްމަދާއި އަލީ ރައްޒާން ރަޖިސްޓްރީކޮށް ހިންގާ ކުންފުންޏެއް ކަމަށްވާ، "އެންތްރޭ އަޒުލެސް" އާއެކު ޕާޓްނާޝިޕެއް ހަދަން އޮޅުވާލައިގެން އެއްބަސްވުމެއްގައި ސޮއިކުރުވި ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތަށް އެ ވިޔަފާރީގައި އޭނާއަށް ލިބިފައިވާ ތަޖުރިބާގެ ބޭނުންކޮށް ޕާޓްނަރެއްގެ ގޮތުގައި "އެންތްރޭ އަޒުލެސް" ގެ ވިޔަފާރި ޕްރޮމޯޓްކޮށްދެމުން ދިޔަ ނަމަވެސް އެ ވިޔަފާރީގެ އާމްދަނީން ޕާޓްނަރެއްގެ ގޮތުގައި އޭނާއަށް ލިބެންޖެހޭ 49 ޕަސެންޓް ނުލިބުމާއި، ލިބެންޖެހޭ އުޖޫރަވެސް ނުލިބުމުން ޝަކުވާ ކުރާތީ "އެންތްރޭ އަޒުލެސް" އިން އެއްބަސްވުމަށް އަމަލު ނުކުރަން ނިންމައި އެ ފަރާތުން ހިންގާ ގެސްޓް ހައުސެއް ކަމަށްވާ "އެންތްރޭ އަޒުލެސް މޯލްޑިވްސް" ގައި ގެސްޓް ހައުސް އޮޕަރޭޓަރެއްގެ ގޮތުގައި ކޮންމެ މަހަކު 4،500 ޑޮލަރު ދޭގޮތަށް އެއްބަސްވި ނަމަވެސް އެ އެއްބަސްވުމުގެ ލިއުންވސް ދީފައިނުވާ ކަަމަށް އޭނާ ބުނެފައިވެއެވެ.
ސޯޝަލް މީޑިއާގައި އަނާ ބިނާކޮށްފައިވާ ޓްރެވަލް ދާއިރާގެ މަގުބޫލު ކަމާއި ރާއްޖެއާ ގުޅޭގޮތުން އޭނާ ޝާއިއު ކޮށްފައިވާ ފޮތާ ގުޅިގެން، އޭނާ މަސައްކަތްކުރި ގެސްޓް ހައުސަށް އެކި ގައުމުތަކުގެ ފަތުރުވެރިން އައި ނަމަވެސް އޭނާއަށް ލިބެންޖެހޭ އުޖޫރަ ނުލިބުމާއި އެތަނަށް އަންނަ ފަތުރުވެރިންނަށް އެއްބާރުލުން ނުލިބޭތީ "އެންތްރޭ އަޒުލެސް" އަށް ކޮށްދޭ ވަޒީފާގެ ހިދުމަތް ހުއްޓާލަން ގަސްތުކުރާކަން އެ ފަރާތަށް އެނގި ކަމަަށްވެސް އަނާ ބުނެފައިވެއެވެ.
އެކަމާ ގުޅިގެން އޭނާ އެހެން ތަނަކަށް ބަދަލުވެދާނެތީ "އެންތްރޭ އަޒުލެސް" އެކި ގޮތްގޮތުން އޭނާއަށް ހުރަސް އަޅަމުންދިޔަ ކަމަށާއި، އެގޮތުން އޭނާއާ ގުޅިގެން އަންނަ ފަތުރުވެރިންނާ ހުތުރު ބަހުން ވާހަކަދައްކައި އޭނާއާ ގުޅުވައިގެން އެމީހުން ކައިރީގައި ދޮގު ވާހަކަދައްކައި، ހަޑިކޮށް މުއާމަލާތް ކުރަން ފެށީ ކަމަށްވެސް ބުނެފައިވެއެވެ. އަދި އޭނާ އެތަނުން ވަގަށް ތަކެތި ގެންގޮސްފައިވާ ކަމަށްބުނެ މާފުށީ ޕޮލިހަށް މައްސަލަ ހުށަހެޅި ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަަލަ ސިވިލް ކޯޓުން ނިންމި ގަޒިއްޔާގައި ބުނެފައިވަނީ އަނާ ސާރިއާ އިމިގްރޭޝަނަށް ހާޒިރުކޮށްފައިވާކަން އެނެގެން އޮތް ނަމަވެސް އޭނާއާ ދެކޮޅަށް ހުށަހެޅިފައިވަނީ ކޮންކޮން ޝަކުވާތަކެއް ކަމާއި އޭގެ ތެރެއިން ތަހުގީގުކޮށް ފިޔަަވަޅު އެޅީ ކޮން ޝަކުވާއަކާ ގުޅިގެންކަން ސާފުކޮށްދީފައިނުވާ ކަމަށެވެ.
އަނާ ސާރިއާ ޑީޕޯޓް ކޮށްފައިވަނީ، ރައްޖޭގައި ހުރުމަށް ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަަސައްކަތްކުރި ކަމަށްބުނެ ހުށަހެޅި ކަންތައްތަކުގެ މައްޗަށް ކަމަށްވާނަމަ އޭނާއާ ދެކޮޅަށް "އެންތްރޭ އަޒުލެސް" އިން ހުށަހެޅި ހެކިތަކުގެ ރައްދުގައި އޭނާ ފާހަގަކުރަން ހުރި ކަންކަން ފާހަގަކުރުމުގެ ފުރުސަތު އޮންނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ގާނޫނުއަސާސީގައި ބުނާ ފަދައިން އިދާރީ ފިޔަވަޅު އެޅިފައިވަނީ އަދުލުވެރިކަމާއެކު ކަމަށް ބެލެވޭނީ ދެ ފަރާތުގެ ބަސް އެހުމަށްފަހު ފިޔަވަޅު އެޅުމުން ކަމަށްވެސް ބުނެފަައިވެއެވެ.
އެހެންކަމުން އަނާ ސާރިއަގެ މައްޗަށް އިމިގްރޭޝަނުން ފިޔަވަޅު އަޅާފައިވަނީ، ފިޔަވަޅު އެޅުމުގެ ކުރިން އެ ކުށުގެ މައުލޫމާތު އޭނާއަށްދީ އެކަމުގެ މައްޗަށް ބަސް ބުނުމުގެ ފުރުސަތު ހަގިގީ މާނައިގައި އޭނާއަށް ލިބިދިނުމެއްނެތި ކަމަށްވާތީ 10 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖެ ނާދެވޭގޮތަށް އަނާ ސާރިއާ ރާއްޖޭން ފޮނުވާލުމަށް އިމިގްރޭޝުން ނިންމާފައިވާ ނިނުމަކީ ބާތިލު ނިންމުމެއް ކަަމަށް ސިވިލްކޯޓުން ވަނީ ކަނޑައަޅައިފައެވެ.
އިބްރާހިމް ޒަކީ
ސިވިލް ކޯޓް
ސިވިލް ކޯޓް
ކޮމެންޓް