އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި، 104 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށާއި 53 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިމަނައިފިއެވެ.
އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި 104 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގުމަށް 631 މިލިއަން ރުފިޔާ އަދި 53 ރަށެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމަށް 110 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ފެނާއި ނަރުދަމާގެ ހިދުމަތަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިދޭން ޖެހޭ އަސާސީ ހައްގަކަށްވާއިރު ސަރުކާރުގެ ވައުދާ އެއްގޮތަށް ސަރުކާރުގެ އަމާޒަކީ 2023 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުން ކަމަށެވެ.
އެގޮތުން މިހާތަނަށް މަސައްކަތް ނުފެށި ހުރި ހުރިހާ ރަށެއްގައި 2021 ވަނަ އަހަރު އަމަލީ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.
"މި އަންނަ އަހަރުގެ ބަޖެޓުގައި 169 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި 1.2 ބިލިއަން ރުފިޔާ ހިމަނާފައިވާނެ. މިއީ، ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން އަތޮޅުތަކުގައި ހިންގާފައިނުވާވަރުގެ ބޮޑު މަޝްރޫއެއް،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
ފެނާއި ނަރުދަމާގެ އިތުރުން ފެން ހިންދާ ނިޒާމު ގާއިމް ކުރުމުގެ 10 މަޝްރޫއަކަށް 40 މިލިއަން ރުފިޔާ އާއި ކުނި މެނޭޖްކުރުމުގެ 21 މަޝްރޫއެއް ހިންގުމަށް 181 މިލިއަން ރުފިޔާ ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު