އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ކާބޯތަކެތީގެ އަގުހެޔޮ ކުރުމަށް 366 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކަރަންޓާއި ކާބޯތަކެތި އަދި ތަކެތި ނުވަތަ ހިދުމަތުގެ އަގުހެޔޮ ކުރުމަށް ޖުމްލަ 888 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އޭގެ ތެރެއިން ކާބޯތަކެތީގެ އަގުހެޔޮ ކުރުމަށް 366 މިލިއަން ރުފިޔާ، ކަރަންޓު އަގުހެޔޮ ކުރުމަށް 428 މިލިއަން ރުފިޔާ އަދި ތަކެތި ނުވަތަ ހިދުމަތުގެ އަގުހެޔޮކުރުމުގެ ގޮތުން 94 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވެ އެވެ.

މިއަހަރަށް ފާސްކުރި ބަޖެޓަށް ބަލާއިރު ކަރަންޓު އަގުހެޔޮ ކުރުމަށް ހިމަނާފައިވަނީ 350 މިލިއަން ރުފިޔާ އެވެ. އަދި ކާބޯތަކެތީގެ އަގުހެޔޮކުރުމުގެ ގޮތުން 254.3 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ތަކެތި ނުވަތަ ހިދުމަތުގެ އަގުހެޔޮކުރުމުގެ ގޮތުން ދޭ ފައިސާގެ ގޮތުގައި ކަނޑައަޅާފައިވަނީ 445 މިލިއަން ރުފިޔާ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އިންޝުއަރެންސްގެ އަގަށް ދައްކާ ފައިސާގެ ގޮތުގައި 718 މިލިއަން ރުފިޔާ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އެހީގެ ފައިސާގެ ގޮތުގައި 250 މިލިއަން ރުފިޔާ އަދި އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދެވޭ އެހީގެ ގޮތުގައި 60 މިލިއަން ރުފިޔާ ވެސް ވަނީ ހިމަނައިފަ އެވެ.