ދިވެހިންނަށް ބިން ވިއްކައިގެން 300 މިލިއަން ރުފިޔާ ހޯދުމަށް އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓަށް އާމްދަނީ އިތުރުކުރުމަށް ގިނަ ކަންކަމެއް ހުށަހަޅާފައިވާއިރު، އެކަންކަމުން އަންނަ އަހަރު 1.2 ބިލިއަން ރުފިޔާ ހޯދޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އާމްދަނީ އިތުރުކުރުމަށާއި ސިޔާސަތުތަކަށް ބަދަލު ގެނައުމުގެ ގޮތުން އަންނަ އަހަރު އާމްދަނީގެ ބައެއް ސިޔާސަތުތަކަށް ބަދަލު ގެންނަން ރޭވިފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ރަށްތަކުގެ ބިން، ވަކިން ހާއްސަކޮށް ހިއްކާފައިވާ ބިންތަކުގެ ވަކި ޕަސެންޓެއް އާންމުންނަށް ވިއްކުމަށް ހުޅުވާލެވޭނެ ކަމަށާއި އަދި ލެގޫން ލޭންޑް ކޮންސެޕްޓެެއް ތައާރަފުކޮށް، ވަކި އުސޫލުތަކެއްގެ ތެރެއިން ރަށްރަށުގެ ފަޅުތައްވެސް ބިމެކޭ އެއްގޮތަށް ތަރައްގީކުރުމަށް ހުޅުވާލެވޭނެ ކަމަށް ވިދާޅުވި އެވެ.

ދިވެހިންނަށް ބިން ވިއްކައިގެން 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، މިހާރު ރައްޔިތުންގެ މަޖިލީހުގައިވާ އެއާޕޯޓް ސާވިސް ޗާޖު އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށް ބަދަލު ގެނައުމުގެ ބިލު ފާސްވެ، އަންނަ އަހަރުގެ މެދުތެރެއިން ފެށިގެން ތަންފީޒުކުރެވޭނެ ކަމަށެވެ. މި ބަދަލާއެކު ދައުލަތަށް 273 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އޭގެ އިތުރުން ރިއަލް އެސްޓޭޓް ޓޫރިޒަމް ފުޅާކޮށް އެކަމުން 154 މިލިއަން ރުފިޔާ އަދި ރާއްޖެގެ އެންމެ އުތުރާއި ދެކުނުން އާ ރިސޯޓްތައް ތަރައްގީކުރުމަށް ހުޅުވާލައިގެން 154 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ދައުލަތަށް އާމްދަނީ އިތުރުކުރުމަށް އަންނަ އަހަރު ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމަށާއި އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވާލުމަށް ވެސް ރޭވިފައިވާ ކަމަށެވެ. އަދި ޕާކިން ސްލޮޓްތައް ހަދައި ކުއްޔަށްދިނުމާއި ކޮންޖެޝަން ޗާޖެއް ތައާރަފްކުރުމަށް ރޭވިފައިވާ ކަމަށް ވިދާޅުވި އެވެ.