މިއީ މާލީ ހާލަތު ތަންދިން އެންމެ ބޮޑަކަށް އިގުތިސޯދީ ހަރަކާތް ހިންގަން ޖެހޭ ވަގުތު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓާ އަމީރު މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން ދެއްކެވި ވާހަކައިގައެވެ.

މިނިސްޓަރު ވިދާޅުވީ، މިއީ ފަހަތަށް ޖެހެންވީ ވަގުތެއް ނޫން ކަމަށާއި، މިހާރު މި އޮތް ހާލަތުން އަރައިގަނެ، އިގްތިސާދު ވީ އެންމެ އަވަހަކަށް ރިބައުންޑްކުރުމަށް އޮތް ހައްލަކީ ފިސްކަލް ޕޮލިސީ މެދުވެރިކޮށް އިގްތިސާދު ސްޓިމިއުލޭޓްކުރުން ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ މާލީ ހާލަތު ތަންދިން އެންމެ ބޮޑަކަށް، އިގްތިސޯދީ ހަރަކާތް ސްޓިމިއުލޭޓްކޮށް، އިތުރު މަޝްރޫއުތައް ފަށައި، އިގްތިސޯދު ސިންދަފާތުކޮށް، ވިލުންވެރިކަން އިތުރުކޮށް، ސަރަހައްދީ ތަރައްގީ އަށް އިންވެސްޓްކުރަންވީ ވަގުތު،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދައުލަތަކީ ފުރަބަންދުގެ ތެރޭގައި އިގްތިސާދުގައި ހަރަކާތްތެރިވެވެން އޮތް ހަމައެކަނި މައިގަނޑު ފަރާތް ކަމަށެވެ.

އެހެންކަމުން މާބޮޑަށް ހަރަދު ކުޑަކުރުމަކީ، ނުވަތަ އިގްތިސާދު ކޮންޓްރެކްޓް ކުރުމަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ދާއިމީ ގެއްލުންތަކެއް ވެދާނެކަމެއް ކަމަށް ވިދާޅުވިއެވެ.

"އެކަމަކީ އިޖުތިމާއީ ރައްކާތެރިކަން ގެއްލިދާނެ ކަމެއް. ވެއްޓުނު އިގުތިސާދީ ވަޅުގަނޑު އިތުރަށް ފުންވެދާނެ ކަމެއް. ފިސްކަލް ޕޮލިސީ އަކީ ގައުމުގެ އިގްތިސާދު ނެގެހެއްޓުމަށް އެހީތެރިވެވެން އޮތް އެންމެ މުހިއްމު ވަސީލަތް. އެހެންކަމުން މި ދަނޑިވަޅަކީ ކައުންޓަސިކްލިކަލް ފިސްކަލް ޕޮލިސީއެއް ދަމަހައްޓަން ޖެހޭ ދަނޑިވަޅެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، އަންނަ 2021 ވަނަ އަހަރާވެސް މިކުރިމަތި ލަނީ ކޮވިޑް ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށެވެ.

ނަމަވެސް އުއްމީދަކީ މި ބައްޔަށް ވެކްސިނެއް ނުވަތަ ފަރުވާއެއް އަވަހަށް ހޯދިގެން ދިއުން ކަމަށާއި، ރާއްޖޭގެ އިގުތިސާދު މިހާރު މި އަންނަނީ ހުޅުވާލަމުން ކަމަށެވެ.

"މިގޮތަށް ކުރިއަށް ދިއުމުގެ އަސާސަކީ ކާމިޔާބު ކަމާއެކު ބަލި ކޮންޓްރޯލް ކުރެވޭ މިންވަރު. އެހެންކަމުން މިބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް ދާއިރާއަކީ ސިއްހީ ދާއިރާ. މިގޮތުން ސިއްހީ ދާއިރާއަށް ވާނީ 4 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ 2021 ވަނަ އަހަރުގެ ބަޖެޓުގައި އިގުތިސާދު އަދި ސިނާއަތްތައް ކުރިއެރުވުމަށް 7 ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓަކީ އިގްތިސާދު އާރާސްތުކޮށް، ސިންދަފާތުކޮށް ވިލުންވެރިކަން އިތުރުކުރުމަށް ކުރަންޖެހޭ އިންވެސްޓްމަންޓްތަކަށް އިސްކަންދީފައިވާ ބަޖެޓެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.