މިއަދު ރާއްޖޭގެ ބޯޑަރު ހުޅުވައި އިގުތިސޯދީ ހަރަކާތްތައް ފެށިފައިވުމުގެ އަސްލަކީ ސަރުކާރުން އޭރު އެޅި ހަރުދަނާ ފިޔަވަޅުތައް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އަންނަ އަހަރު ބަޖެޓް ހުށަހަޅުއްވަމުން، ދެއްކެވި ވާހަކައިގައެވެ.

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު، އަލުން ހުޅުވާލާފައިވާއިރު، މިނިސްޓަރު ވިދާޅުވީ، ޖުލައި 15 ގައި ފަތުރުވެރިކަމަށް އަލުން ހުޅުވާލުމާއެކު ފާއިތުވި ދުވަސްތަކުގައި އަންނަނީ އުންމީދީ ނިޝާންތަކެއް ފެންނަމުން ކަމަށެވެ.

އެއާލައިންތަކުން އަންނަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށައިގަންނަމުން ކަމަށާއި، އާ އެއާލައިންތައްވެސް ރާއްޖެއަށް އަންނަނީ ދަތުރުތައް ފަށަމުން ކަމަށް ވިދާޅުވިއެވެ. ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތައް އަންނަނީ އިތުރުވަމުން ކަމަށާއި، އިތުރު ރިސޯޓުތަކާއި ގެސްޓް ހައުސްތައް އަންނަނީ އަލުން ހުޅުވަމުން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، "ގައުމުތަކުން އަންނަނީ ރާއްޖެއިން ދަތުރުކުރާ ފަރާތްތަކަށް އިތުރު ލުއިތައް ދެމުން. ދުވަހަކަށްވުރެ ދުވަހެއް ފަތުރުވެރިން ޒިޔާރަތް ކުރާ އަދަދު އަންނަނީ އިތުރުވަމުން. އަޅުގަނޑުމެންގެ އަމާޒަކީ މި ހޯދާ ކުރިއެރުން އިތުރަށް ހަލުވިކުރުމަށް މަސައްކަތްކުރުން،" ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ވާދަވެރިކަން އިތުރުވެގެން އަންނަ މިދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަން މާކެޓު ކޮށް ޕްރޮމޯޓުކުރުމަށް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ. ފަތުރުވެރިކަން މާކެޓު ކުރުމަށް 154 މިލިއަން ރުފިޔާ މިބަޖެޓުގައި ކަނޑައަޅާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ މުހިންމު އެއް ދާއިރާއަކީ ވައިގެ ދަތުރުފަތުރުގެ ނިޒާމު ކަމަށާއި އަންނަ 2021 ވަނަ އަހަރުގެ ބަޖެޓުގައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުން ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް 1.1 ބިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާނެ ކަމަށްވެސް ވިދާޅުވިއެވެ.