އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއިން އާސެނަލް ކޮޅަށް ތިން ގޯލް ޖަހައި، އެޓީމު ލަދު ގަންނަވާލައިފިއެވެ.

އާސެނަލްގެ އެމެރެޓްސް ދަނޑުގައި ރޭ ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން އާސެނަލް ބަލިވެފައިވާއިރު، މެޗުގައި އޮލީ ވަޓްކިންސް ވަނީ ދެ ގޯލް ޖަހާފައެވެ.

އެސްޓަން ވިލާއިން މި ސީޒަންގެ ލީގު ފެށީ ވަރުގަދަ ކޮށެވެ. ލިވަޕޫލްވެސް ބޮޑު ތަފާތަކުން ބަލިކޮށް، އެޓީމުން ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި ހިފަހައްޓަމުން އައިއިރު، ފޯމު ގެއްލުނީ އެންމެފަހުން ކުޅުނު ދެ މެޗެއްގައެވެ. އަލުން އަނެއްކާވެސް ރަނގަޅު ފޯމަކަށް އެޅުމަށް ރޭގެ މެޗު އެސްޓަން ވިލާއަށް ވަނީ މުހިއްމު ވެފައެވެ. އާސެނަލްއިން ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ، ހަތަރު މެޗުން ބަލިވެފައި މިވަގުތު އޮތްއިރު، އެޓީމު އޮތީ ތާވަލުގެ 11 ވަނައިގައެވެ. އެސްޓަން ވިލާއިން ވަނީ ރޭގެ މޮޅާއެކު ތާވަލުގެ ހަވަނައަށް ޖެހިލާފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި އާސެނަލް ކޮޅަށް ފުރަތަމަ ގޯލް ވަދެފައި ވެއެވެ. މެޓް ޓާގެޓް ނަގައިދިން ހުރަސް އާސެނަލް ގޯލަށް ވަނީ ބުކަޔޯ ސަކާގެ އަތުން ބައިކޮޅަށެވެ.

ލިވަޕޫލް ކޮޅަށް ހެޓްރިކް ހެދި ވަޓްކިންސްގެ ފަރާތުން މެޗުގައި ދެ ގޯލް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ނަތީޖާ 2-0 އަކަށް އޭނާ ބަދަލުކޮށްލީ 72 ވަނަ މިނެޓުގައި އޭނާ ބޮލުން ޖެހި ގޯލަކާއެކުގައެވެ. އޭގެ ދެ މިނެޓް ފަހުން ވިލާގެ ތިންވަނަ ގޯލްވެސް ޖެހިއެވެ. އާސެނަލް ގޯލްކީޕަރު ބާންޑް ލެނޯގެ އަތް ދަށުން ކަހަލަ ގޮތަކަށް ވަޓްކިންސް ވައްދާލި ގޯލާއެކު އެޓީމުން ތިން ޕޮއިންޓް ޔަގީން ކުރިއެވެ.