އެންމެފަހުގެ ޕްރިމިއާ ލީގު ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް މެންޗެސްޓާ ސިޓީން ކުޅުނު މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެއްވަރު ވެގެން ނިމުނުއިރު، އެޓީމަށް ވަނީ ޕެނެލްޓީއެއްވެސް ލިބި، ނާކާމިޔާބު ވެފައެވެ. ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ސިޓީއަށް ލިބުނު ޕެނެލްޓީ ކެވިން ޑްބްރޭނާ ޖެހީ ބޭރަށެވެ.
އަނިޔާގެ ސަބަބުން ލިވަޕޫލަށް ޑިފެންސް މައްސަލަތަކެއް ކުރިމަތިވެފައިވީ ނަމަވެސް ކޯޗު ޔާގަން ކްލޮޕް ނުކުތީ ސީދާ އެޓޭކިން ފުޓުބޯޅައެއް ކުޅުމަށެވެ. ލިވަޕޫލްގެ އެޓޭކް ލައިންގައި ޑިއާގޯ ޖޮޓާގެ އިތުރުން މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ އަދި ރޮބާޓް ފިރްމީނޯވެސް ހިމަނާފައިވެއެވެ. ރޭގެ މެޗުގައިވެސް އަނިޔާގައި ތިބި ފަބީނިއޯއާއި ތިއާގޯ އަލްކަންޓްރާ ފެނިފައެއް ނުވެއެވެ.
ލިވަޕޫލަށް ރޭގެ މެޗު ކާމިޔާބާކޮށް، ތާވަލުގެ އެއްވަނައަށް ޖެހިލެވެން އޮތެވެ. މެޗު ވަރުގަދައަށް ފެށީވެސް ލިވަޕޫލުންނެވެ. ކުރީކޮޅުގައި ލިބުނު ޕެނެލްޓީއަކުން ސަލާހް ވަނީ ލީޑު ނަގައިފައެވެ. ލިވަޕޫލަށް ޕެނެލްޓީ ލިބުނީ އޭރިއާ ތެރެއިން ކައިލް ވޯކާ، މާނޭއަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ދެވަނަ ހާފަށް ނުކުމެ މާ ގިނައިރެއްނުވެ ސިޓީން ނަތީޖާ ހަމަހަމަކުރިއެވެ. އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު އަލުން ކުޅުމަށް އަނބުރާ އައި ގެބްރިއަލް ޖީސަސްގެ ހިތްގައިމު ގޯލާއެކު ސިޓީން ނަތީޖާ ހަމަހަމަކުރި އިރު، ކޯޗު ޕެޕް ގާޑިއާލޯ މާޔޫސްކޮށްލީ ލިބުނު ޕެނެލްޓީ ޑިބްރޭނާ ބޭކާރު ކޮށްލުމުންނެވެ.
ޖޯ ގޮމޭޒްގެ އަތުގައި ޖެހުމުން ޕެނެލްޓީ ދިނުމުގެ ކުރިން ރެފްރީ ވަނީ ގިނަ އިރުތަކެއް ވަންދެން ވީއޭއާރްގެ އެހީގައި ބަލައިފައެވެ.
ރޭގެ މެޗުގައި ލިވަޕޫލްގެ ޑިފެންޑަރު ޓްރެންޓް އެލެކްސެންޑްރާ އާނޯލްޑަށް އަނިޔާވެފައިވާ އިރު، އެޓީމަށް އެއީ ފޫނުބެއްދޭ ވަރުގެ ގެއްލުމެކެވެ. މިހާރުވެސް ސީޒަނަށް ވާޖިލް ވެންޑައިކް ލިވަޕޫލަށް ގެއްލިފައިވާ އިރު، އެތަން ފޫބައްދަން ކްލޮޕް ބޭނުންކުރި ފަބީނިއޯވެސް މިހާރު ހުރީ އަނިޔާގައެވެ.
ރޭގެ މެޗުގައި ހޯދި ޕޮއިންޓާއެކު ލިވަޕޫލް ތާވަލުގެ ތިންވަނައިގައި އޮތީ އަށް މެޗުން 17 ޕޮއިންޓާއެކުގައެވެ. ސީޓީއަށް ހަތް މެޗުން 12 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ތާވަލުގެ 11 ވަނައިގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު