ފަސް ރަށެއްގައި ޓާޝިއަރީ ހޮސްޕިޓަލް އެޅުމަށާއި ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމަށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެތޫގެ ގޮތުގައި ސަރުކާރުން ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުން 4 ބިލިއަން ރުފިޔާ ސިއްހީ ދާއިރާއަށް ހަރަދުކުރަން ނިންމާފައިވާއިރު، ސިއްހީ ދާއިރާގެ ރިކަރަންޓް ހަރަދުގެ ގޮތުގައި ހޭދަވާނެ ކަމަށް ލަފާކޮށްފައި ވަނީ 3.4 ބިލިއަން ރުފިޔާއެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމަނާފައިވަނީ 620 މިލިއަން ރުފިޔާއެވެ.
ސިއްހީ ދާއިރާއަށް 4 ބިލިއަން ރުފިޔާ ހާއްސަކުރިއިރު، އޭގެން އެންމެ ބޮޑު ހަރަދެއް ދަނީ މުވައްޒަފުންނަށް ހިނގާ ހަރަދުގެ ގޮތުގައެވެ. އެގޮތުން މުވައްޒަފުންގެ ހަރަދަށް އެކަނިވެސް 1.9 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ދެން އެންމެ ބޮޑު ހަރަދެއް ހިނގަނީ އެހެނިހެން ރިކަރަންޓް ހަރަދަށާއި މެޑިކަލް ކޮންސިއުމަބަލްގެ އިތުރުން ކޮވިޑްގެ ބަލިމަޑުކަން ނައްތައިލުމަސް ކުރާ ހޭދައަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ކޮވިޑްގެ ބަލިމަޑުކަން ނައްތައިލުމަށް 200 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.
ސިއްހީ ދާއިރާގެ ވަސީލަތްތައް އިތުރުކުރުމަށްވެސް އަންނަ އަހަރުގެ ބަޖެޓުގައި ބޮޑު އަދަދެއް ހިމަނާފައި ވެއެވެ. އެގޮތުން ފަސް ރަށެއްގައި ޓާޝިއަރީ ހޮސްޕިޓަލް ގާއިމްކުރުމަށް 191 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް އިމާރާތްކުރުމަށް 98 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޕްރޮޖެކްޓަށް 34 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.
މީގެ އިތުރުން ބޭހަށް ކުރާ ހަރަދު ކުޑަކުރުމަށް މެކްސިމަމް ރީޓައިލް ޕްރައިސްއެއް ތަންފީޒުކޮށް ޖެނެރިކް ބޭހަށް އަހުލުވެރިކުރުވުން އަދި ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް ފުޅާކުރުމަށްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު