ށ. ފަރުކޮޅުގައި އެއާޕޯޓެއް ތަރައްގީކުރުމަށް އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލްކުރި މައްސަލަ އާއި އެ މަސައްކަތުގެ މުގާބިލެއްގެ ގޮތުން ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް އެ ކުންފުންޏަށް ގއ. އިންނަހެރާ ދިނުމަށްވެފއިވާ އެއްބަސްވުން ބާތިލް ކުރުމުން ބަދަލެއްގެ ގޮތުގައި 51.2 މިލިޔަން ޑޮލަރު ސަރުކާރުން ނަގައި ދިނުމަށް އަރާމް ޓްރެވަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.
އެ ފަރާތުން މިކަމަށް އެދިފައި ވަނީ، އެ މައްސަލައިގައި، އެޓާނީ ޖެނެރަލް އޮފީހާ ދެކޮޅަށް، އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން އިސްތުނާފު މައްސަލަ ހުށަހަޅުއްވަމުންނެވެ.
މި މައްސަލަ ހުށަހަޅުއްވަމުން އަރާމް ޓްރެވަލް ޕްރައިވެޓްގެ ގާނޫނީ ވަކީލު ހަސަން މާޒް ޝަރީފް ވަނީ ހަތަރު ކަމަކަށް ކޯޓުގައި އެދިވަޑައިގެންފައެވެ.
އެގޮތުން، ސަރުކާރުން ފަރުކޮޅު ޕްރޮޖެކްޓް އެއްބަސްވުމާއި، އިންނަހެރާ އެއްބަސްވުން ބާތިލްކުރީ ޕްރޮޖެކްޓް ތަކާބެހޭ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމާއި އެކަމާ ގުޅިގެން ގާނޫނުގެ ދަށުން ބަދަލު ދޭން ޖެހޭނެކަމަށް ކަނޑައަޅައިދިނުމާއެކު، އެމައްސަލައިގެ ހައިކޯޓު މަރުހަލާގައި ހެކިންގެ ހެކިބަސް ނުނެގުމަށް އެ ކޯޓުން ނިންމާފައިވާ ނިންމުން ބާތިލްކޮށް ކޯޓަށް ހެކިން ހާޒިކޮށް ހެކީންގެ ހެކިބަސް ނެގުމާއި ފަރުކޮޅު އެއްބަސްވުން އެކިއުރޭޓް ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ގޮތުގަ ލިބެން ޖެހޭ އެއްލައްކަ އަށްޑިހަ ހާހަށްވުރެ ގިނަ ޑޮލަރު ނަގައި ދިނުމާއި އިންނަރެހާ އެއްބަސްވުން އެކިއުރޭޓް ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލަށް، 51 މިލިއަން ޑޮލަރާއެކު ޖުމްލަ 51.2 މިލިޔަ ޑޮލަރު ނަގައިދުމަށް އެދި ވަނީ ހުށަހަޅައިފައެވެ.
މި މައްސަލައަށް އެޓާނީ ޖެނެރަލްގެ ފަރާތުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ ޖަވާބު ދެއްވައިފައެވެ.
ފަރުކޮޅުގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީ ކުރުމަށް ކުރީގެ ސަރުކާރުން އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ، 25 ޖޫން 2013ގަ އެވެ.
އެ އެއްބަސްވުމުގެ ދަށުން ކުރާ މަސައްކަތުގެ މުގާބިލުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ޓަކައި ގއ. އިންނަހެރާ އާއި ގއ. އިންނަހެރާއާ ގުޅިފައިވާ ގއ. މެދަހެރާ އާއި ގއ. މައްތުހެރާ އާއި ގއ. މެދުބުރިޔާ އަދި ގއ. މާފެހެލާ 50 އަހަރު ދުވަހުގެ މުއްދަތަށް އެކުންފުންޏަށް ކުއްޔަށް ދިނުމަށް ވެސް ނިންމިއެވެ.
ނަމަވެސް އޭގެ ފަހުން 2014 ވަނަ އަހަރު ސަރުކާރުން ވަނީ އެ އެއްބަސްވުންތައް ބާތިލުކޮށްފަ އެވެ. އެ އެއްބަސްވުން ބާތިލްކުރީ އެއާޕޯޓުގެ މަަސައްކަތާ ގުޅިގެން ތިމާވެށީގެ މައްސަލަތައް ކުރިމަތިވެދާނެ ކަމަށް ދައްކާތީއެވެ.
އެކުންފުނީގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، އެ އެއްބަސްވުން ސަރުކާރުން ބާތިލު ކުރީ ރަނގަޅަށް ކަމަށް 2016 ވަނަ އަހަރު އެ ކޯޓުން ހުކުމް ކުރިއެވެ. އަދި އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ސިވިލްކޯޓުގެ ހުކުމް ހައިކޯޓުން ވަނީ ދަމަހައްޓައިފައެވެ.
ސުޕްރީމް ކޯޓް