ދިވެހިންގެ ބޮޑު ޗުއްޓީ ފެށެނީ އެވެ. ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު ސްކޫލްތައް ބަންދުވާތީ އަތޮޅުތެރޭ ރަށްތަކަށް މާލޭން މީހުން ދިއުމާއި ރާއްޖޭން ބޭރަށް ދިއުމަކީ އާންމު ކަމެކެވެ. ކޮވިޑް-19އާ އެކު މާލޭން އަތޮޅުތެރެއަށް ދިއުމުގައި ދަތިތަކެއް ހުރި ނަމަވެސް އެކަމަށް އެތައް ބަޔަކު އަންނަނީ ތައްޔާރުވަމުންނެވެ. ކުރިން އުސޫލު އޮތްގޮތުން މާލޭން ރަށްރަށަށް ދެވެނީ ވަކި ބޭނުންތަކެއްގައި އެކަންޏެވެ. ނަމަވެސް މިހާރު އެ ވަނީ އެ އުސޫލަށް ބަދަލު ގެނެސްފަ އެވެ. ހުރިހާ ބޭނުމަކަށް ވެސް މާލެ އިން އެހެން ރަށްރަށަށް ދެވޭނެ ގޮތް ހަމަޖައްސައިފި އެވެ. ނަމަވެސް ފުރަބަންދު ކަރަންޓީން ވާން ޖެހޭ ގޮތަށެވެ.
ކުރިން އުސޫލު އޮތްގޮތުން މާލޭން ރަށަކަށް ދެވޭނީ މާލޭގައި ދިރިއުޅޭގެ ދޫކޮށްލާ ނަމަ ނުވަތަ އުޅޭ ވަޒީފާއިން ވަކިވާން ޖެހުމުން ހުންނާނެ ތަނެއް ނެތުން ފަދަ ކަމެއް ދިމާވި ނަމަ އެވެ. ނުވަތަ ކޮންމެވެސް މަސައްކަތެއް ކުރުމަށެވެ. ޗުއްޓީއަށް ރަށަށް ދިއުމަށްޓަކައި އެފަދަ ސައްހަ ނޫން ލިޔުންތައް ވެސް އެޗްޕީއޭއަށް ދިޔައީ ހުށަހަޅަމުންނެވެ. ނަމަވެސް އާ އުސޫލާއެކު ހަމަ ދާން ބޭނުންވާ މީހަކު ދާންވީ އެވެ. ނަމަވެސް ކަރަންޓީން ވާން ޖެހެ އެވެ. މިއީ މިބަންދާ ދިމާކޮށް ރަށްތަކަށް މީހުން ދިއުން އިތުރު ވާނެ ކަމެއްކަން ޔަގީނެވެ. ސުވާލަކީ މިއީ ރަނގަޅު ލުޔެއްތޯ އެވެ؟ ނޫނީ މިކަމުގެ ސަބަބުން އަތޮޅު ތެރެއަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑުތޯ އެވެ؟
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން، "ވަން އޮންލައިނަށް" ވިދާޅުވިގޮތުގައި ބޭނުންވާ ވަރަށް ކޮވިޑް-19ގެ ކޭސްތައް މަދު ނުކުރެވުނު ނަމަވެސް މިހާރު ކޭސްތައް ހުރިވަރުން ދެވެން އޮތް ލުއިތައް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެން ދިރިއުޅެން އެބަ ޖެހޭ ދެއްތޯ؟ އެކިކަންކަމުގައި އުޅެން އެބަ ޖެހޭ. އެހެންވެ ކޭސްތައް ހުރި ވަރަށް ބަލައި ދެވެން ހުރި ލުއިތައް ދިނުމާއި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުން،" ތަސްލީމާ ވިދާޅުވި އެވެ.
ރަށްރަށަށް ދެވޭ ޝަރުތުތައް އުވާލި ނަމަވެސް އަދިވެސް ކަރަންޓީންގެ މުއްދަތު ހަމަ ކުރަން ޖެހުމާއި ޓެސްޓްގެ ނަތީޖާ ލިބުމުން ނޫނީ އާއްމުންގެ ތެރެއަށް ނުކުމެ އުޅުން މަނާ ވުމާއެކު އެކަންކަމަށް ފުރިހަމަޔަށް އަމަލު ކުރާ ނަމަ، ރަށްރަށުގައި ބަލި ފެތުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ތަސްލީމާ ވިދާޅުވި އެވެ.
"ރަށަކަށް އެދާ މީހަކު ނުވަތަ ފަސް މީހަކު އެ މީހުން ވަކިން ދެއްތޯ ކަރަންޓީންގައި ތިބޭނީ. އުސޫލު އޮތްގޮތުން އެ މީހުންނާ އެހެން ބަޔަކާ ކޮންޓެކްޓެއް ނުވާނެ ނޫންތޯ؟ ކަރަންޓީން ނިންމައި ހަދާ ޓެސްޓުން ޕޮޒިޓިވް ވިޔަސް އެ މީހަކު ނުވަތަ އެ މީހާއާއެކު މާލޭން ގޮސް ކަރަންޓީން ވި މީހުން އެކަނި ނޫންތޯ ޕޮޒިޓިވް ވާނީ. އެ މީހުންނާ އިތުރު ބަޔަކާ ރަށު ތެރެއިން ދިމާވެގެން ނުވާނެ އުސޫލަށް އަމަލު ކުރަންޏާ. އެހެންވީމަ ކޮމިއުނިޓީއަކަށް ބައްޔެއް ނުފެތުރޭނެ،" ތަސްލީމާ ވިދާޅުވި އެވެ.
ކަރަންޓީންގެ އުސޫލާ ހިލާފު ވެގެން މީގެ ކުރިން ރަށްރަށުން މީހުން ޕޮޒިޓިވް ވެފައި އެބަހުއްޓެވެ. އެގޮތުން ދެކުނު ރަށެއްގައި ކޮމިއުނިޓީ ސްޕްރެޑެއް އޮވެގެން ބެލިއިރު މާލޭން ގޮސް ކަރަންޓީން ވި ބަޔަކާ ދިމާވި ކަމަށް އޭރު ތުހުމަތުތައް ކުރި އެވެ. އަދި އުތުރުގެ ރަށަކަށް ކަރަންޓީނަށް ދިޔަ މީހަކު ޕޮޒިޓިވް ވެގެން އެޗްޕީއޭއިން ގުޅިއިރު އޭނާ ރަށުތެރެއަށް ނުކުމެ އުޅުނު މައްސަލައެއް ވެސް ފެންމަތި ވި އެވެ. އެހެން ކަމުން މިފަދަ ލުޔެއް އެޗްޕީއޭއިން ދޭއިރު ރަށްރަށުގެ ކައުންސިލްތައް މިފަދަ ކަންކަމަށް ބޮޑަށް ހޭލުންތެރިކޮށް، އަވަހަށް ފިޔަވަޅު އެޅޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހެ އެވެ.
ވަކި ޝަރުތެއް ނެތި މާލޭން ރަށްރަށަށް ދެވޭ ނަމަ ޗުއްޓީއާ ދިމާކޮށް ގިނަ އާއިލާތަކަކުން ރަށްރަށަށް ދާނެ އެވެ. މާލޭން ރާއްޖޭގެ އެކި ރަށްތަކަށް މީހުންގޮސް އެ މީހުންގެ ކަރަންޓީން ނިންމައި ޓެސްޓް ހަދާއިރު އޭގެ ތެރެއިން ބައެއް ބަޔަކު ޕޮޒިޓިވް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ރާއްޖޭގެ އެކި ރަށްރަށުން މީހުން ޓެސްޓް ކުރާއިރު ގިނަ ރަށްތަކަކުން މީހުން ޕޮޒިޓިވް ވެއްޖެ ނަމަ ފަރުވާ ދެވޭނެ ކެޕޭސިޓީ އަތޮޅު ތެރޭގައި ހުރިތޯ މިއީ ވެސް ކުރަން ޖެހޭ ސުވާލެކެވެ.
ތަސްލީމާ ވިދާޅުވިގޮތުގައި ކަރަންޓީންވާން ދާ މީހުން އުސޫލާ އެއްގޮތަށް އަމަލު ކުރާނަމަ އެ ރަށެއްގެ ތެރެއަށް ބަލި ފެތުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ. އެހެން ކަމުން އަތޮޅުތެރޭގައި މިހާރު ގާއިމު ކޮށްފައިވާ ފެސިލިޓީތަކުން ދައްޗެއް ނެތި ފަރުވާ ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ކަރަންޓީނަށް ގޮސް ހުރި މީހަކު ޕޮޒިޓިވް ވީ. އެހެން ވިޔަސް އޭނާއާ ކޮންޓެކްޓްވި ބައެއް ރަށުގެ ތެރޭގައި އުޅެގެން ނުވާނެ ނޫންތޯ؟ އެހެން ކަމަށް ވާނަމަ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނަސް އެކަންކަން ކުރެވޭނެ. މީގަ ނުރައްކާ ވާނީ އެ ރަށެއްގެ ތެރޭގައި ބަލި ފެތުރޭނަމަ. ކަރަންޓީން އުސޫލަށް އަމަލު ކުރާނަމަ އެކަމެއް ނުވާނެ،" ތަސްލީމާ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ހާއްސަ ފެސިލިޓީތައް މާލޭގެ އިތުރުން ހއ. އިހަވަންދޫ އާއި ށ. ފުނަދޫ އާއި ބ. އޭދަފުއްޓާއި ލ. ގަމާއި ގއ. ވިލިގިއްޔާއި ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައި ވެސް ވަނީ ހަދައިފަ އެވެ. އަދި ގދ. ތިނަދޫގައި ވެސް ފެސިލިޓީއެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކޮވިޑް-19 އަށް ހާއްސަކޮށްގެން އަތޮޅުތެރޭގައި 200 އެއްހާ އެނދުގެ ކެޕޭސިޓީ މިހާރު އަންނަނީ ގާއިމު ކުރަމުންނެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރި ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ވެސް ފަހުން ދިމާވި މައްސަލައަކީ އޭގެ ދެވަނަ ރާޅަކާ ކުރިމަތިލާން ޖެހުމެވެ. ސިއްހީ ހިދުމަތުގެ ފެންވަރު ދަށް މި ރާއްޖޭގައި އެކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ. އަތޮޅުތެރޭގައި ބަލި ފެތުރިއްޖެ ނަމަ ބަލި ޖެހޭނެ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ އެވެ. އެހެންކަމުން ލުއިތަކާ އެކު ދަތުރުތައް ފަށައިގަންނަ އިރު އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފުރިހަމަޔަށް ތަބާވުން މުހިންމެވެ. އެހެން ނޫން ނަމަ ދެވޭ ލުއިތައް އަނެއްކާވެސް ހިފަހައްޓަން ޖެހޭތަން އޮންނާނީ ވަރަށް ގާތުގަ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް