ވޭތުވެދިޔަ 24 ގަޑިއިރު އެމެރިކާ އިން 126،480 ކޮވިޑް ކޭސް ފެނިފައިވާ ކަމަށް ޖޯން ހޮޕްކިންސް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފާއިތުވެދިޔަ ތިން ދުވަސްތެރޭ އެމެރިކާއިން ވަނީ ކޮވިޑް ކޭސްތަކުގެ އަދަދު ކޮންމެ ދުވަހަކު ލައްކައަކަށްވުރެ މައްޗަށް އަރައިފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ވެފައިވަނީ މުޅި ދުނިޔެއިންވެސް އެއް ދުވަސްތެރޭ އެއް ގައުމަކުން ކޮވިޑްގެ މިހާ ގިނަ ކޭސް ފެނިގެން ދިޔަ ދުވަސް ކަމުގައެވެ. ފާއިތުވެދިޔަ ތިން ދުވަހު އެމެރިކާއިން ވަނީ މި ރެކޯޑު ދަމަހައްޓާފައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިޔަށް ދިޔަ ދަނޑިވަޅުގައި އެގައުމުން ކޮވިޑްގެ އިތުރު ގިނަ ކޭސްތަކެއް ފެންނަން ފަށާފައި ވާއިރު ތަޖުރިބާކާރުން ވަނީ އެގައުމުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދޯހަޅިކަމާއި ގިނަ ބަޔަކު ރައްކާތެރިކަމެއް ނެތި އެއްވެ އުޅުމުގެ ސަބަބުން އަދަދު މިއަށްވުރެވެސް އިތުރުވާނެ ކަމަށް ބުނެފައެވެ.

އެމެރިކާގެ ކޮވިޑް ކޭސްތަކުގެ އަދަދު 9.7 މިލިއަނަށް އަރާފައިވާއިރު އެގައުމުން މިހާތަނަށް 236000 އަށްވުރެ ގިނަ މީހުން މިބަލީގައި މަރުވެފައި ވެއެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ބައިޑަން ވަނީ ރައީސްކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި އެގައުމު ކޮވިޑު ކޮންޓްރޯލް ކުރުމަށް ހާއްސަ ޕްލޭނެއް އެކުލަވައިލައްވަން ނިންމަވައިފައެވެ.