ތައިވާނަށް ކުރިމަތިވެފައިވާ ޓައިފޫން ޗަމްޕީގެ ސަބަބުން މިއަދު އެ ގައުމުގެ ހުރިހާ ހިދުމަތްތަކެއްހެން ހުއްޓާލައި، އެތައް ސަތޭކަ ފްލައިޓެއް ކެންސަލްކޮށްފައިވާ ކަމަށް ދަ ސްޓްރެއިޓްސް ޓައިމްސްއިން ރިޕޯޓުކޮށްފިއެވެ. އެ ނޫހުން ބުނި ގޮތުގައި، މިއަދު އެ ގައުމުގެ މާލީ ބާޒާރުތައްވެސް ވަނީ ބަންދުކޮށްފައެވެ.

ތައިވާނުގެ 22 ސިޓީއާއި ކައުންޓީގެ ތެރެއިން 20 ސަރަހައްދެއްގެ ލޯކަލް ސަރުކާރުތަކުން މިއަދު މަސައްކަތްތަކާއި ކިޔެވުން މެދުކަނޑާލަން އަންގާފައިވާއިރު، އާންމު އުސޫލުން އޮފީސްތަކާއި ސްކޫލްތައް ހުޅުވާފައިވަނީ ހަމައެކަނި ކިންމެން ކައުންޓީއާއި ޓައިޓުންގް ކައުންޓީގެ ބޮޑު ބައެއްގައެވެ. މީގެ އިތުރުން، ތައިޕޭގެ މޭޔަރު ޗިއަންގް ވަން-އަން ވަނީ މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައި، ރައްޔިތުން ރައްކާތެރިވުމަށް އިލްތިމާސްކުރައްވާފައެވެ.

ތައިވާނުގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މިއަދަށް ތާވަލުކޮށްފައިވާ އެ ގައުމުގެ އެތެރޭގެ ހުރިހާ ދަތުރުތަކެއް ކަމަށްވާ 262 ފްލައިޓާއި، ބައިނަލްއަގުވާމީ 350 އަށް ވުރެ ގިނަ ފްލައިޓު ވަނީ ކެންސަލްކޮށްފައެވެ. އަދި އިއްޔެވެސް 125 ފްލައިޓެއް ކެންސަލްކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެއާލައިންތަކުން ނެރުނު އިރުޝާދުތަކުގައި ބުނެފައިވާ ގޮތުގައި، މިއަދު ސިންގަޕޫރު އެއާލައިންސްގެ ހަތަރު ފްލައިޓަކާއި ސްކޫޓްގެ 10 ފްލައިޓެއް ކެންސަލްކޮށްފައިވާއިރު، އެޗްކޭ އެކްސްޕްރެސްއިންވެސް ވަނީ ހޮންގްކޮންގާއި ތައިވާނާ ދެމެދު މިއަދު ކުރަން އޮތް 10 ދަތުރެއް ކެންސަލްކުރާކަން އިއުލާންކޮށްފައެވެ.

ތައިވާނުގެ ސެންޓްރަލް ވެދަރ އެޑްމިނިސްޓްރޭޝަން (ސީޑަބްލިއުއޭ) އިން ބުނި ގޮތުގައި، މި ތޫފާން އޮތީ އެ ގައުމުގެ ދެކުނުކޮޅުގެ އިރުން ގާތްގަނޑަކަށް 330 ކިލޯމީޓަރު ދުރުގައެވެ. އަދި މިއަދާއި މާދަމާ ތައިވާނުގެ އިރުއުތުރު އައްސޭރިފަށުން ޗައިނާއާއި ޖަޕާނާ ދިމާއަށް މި ތޫފާން ދަތުރުކުރާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. ޖޮއިންޓް ޓައިފޫން ވާނިންގް ސެންޓަރު (ޖޭޓީޑަބްލިއުސީ) އިން ބުނެފައިވާ ގޮތުގައި، މި ތޫފާނުގައި ގަޑިއަކު 213 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހެއެވެ.