ހައިކޯޓު

އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރުކަމުން ވަކިކުރި ޑރ. ޒިޔާދަށް 14 ދުވަހުގެ ތެރޭގައި ވަޒީފާ ދޭން ހުކުމްކޮށްފި

އިބްރާހިމް ޒަކީ

އައިޖީއެމްއެޗްގެ މެޑިަލް އޮފިސަރުގެ މަގާމުން ވަކިކުރި، ތ.ވޭމަންޑޫ ފުނަމާގެ، ޑރ.މުހައްމަދު ޒިޔާދަށް 14 ދުވަހުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމަށް ހައިކޯޓުން ސިވިލްސާވިސްގެ މައްޗަށް ހުކުމްކޮށްފިއެވެ.

ޒިޔާދު އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރު ކަމުގެ މަގާމުން 8 މާޗް 2016 ގައި ވަކި ކުރުމާ ގުޅިގެން އޭނާ ވަޒީފާއިން ވަކިކުރީ، ވަޒީފާއާ ބެހޭ ގާނޫނާއި، ދިވެހި ސިވިލް ސާވިސްގެ ގާނޫނާއި ސިވިލް ސާވިސްގެ ގަވައިދާއި ހިލާފަށްކަމަށް ބުނެ ޒިޔާދުގެ ފަރާތުން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.

އޭނާ ހުށަހަޅާފައިވަނީ ވަޒީފާއިން ވަކި ކުރި ސަބަބަކީ އެކަށޭނަ ސަބަބެއް ނޫން ކަމަށް ކަނޑައަޅައިދިނުމާއި އޭނާ އަދާކުރަމުން ދިޔަ ވަޒީފާ ރުޖޫއަ ކުރުމަށާއި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާއަށް އަނބުރާ ނެރޭ ދުވަހާއި ހަމައަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ލިބިދިނުމަށް އެދިއެވެ.

އެ މައްސަލަ ބަލައި ޓްރައިބިއުނަލުން އަންގާފައިވަނީ ވަޒީފާގެ މާހައުއުލުގައި ޑރ. ޒިޔާދުގެ އަމަލުތައް ހުންނަ ގޮތުން ހޮސްޕިޓަލްގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިން އޭނާގެ މަސައްކަތުގެ އަހުލާގާ ގުޅޭ ގޮތުން ތަކުރާރުކޮށް ޝަކުވާކޮށްފައިވާ ކަން އެނގެން އޮންނާތީ އާއި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އޭނާ އަނބުރާ ވަޒީފާއަށް ރުޖޫއަ ކުރުމަކީ ދެފަރާތުގެ މަސްލަހަތަށް ބަލައި އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ ބަދަލުގެ ގޮތުގައި 90540 ރުފިޔާ ނަގައި ދިނުމަށް ކަނޑައަޅައި މިފައިސާ 5 ޑިސެމްބަރު 2016 އިން ފެށިގެން 15 ދުވަހުގެ ތެރޭގައި އެއްފަހަރާ ޑރ. ޒިޔާދަށް ދިނުމަށްފަހު ފަސް ދުވަހުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އެކަން އެންގުމަށެވެ.

މި މައްސަލަ ޑރ. ޒިޔާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުން މައްސަލަ ބަލައި ކުރި ހުކުމްގައި ޓްރައިބިއުނަލްގެ ނިންމުން ވަނީ ބާތިލު ކޮށްފައެވެ.

އެއަށްފަހު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ޒިޔާދު ވަޒީފާއިން ވަކި ކޮށްފައިވާތީ ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާ ވަޒީފާއިން ވަކިކުރިއިރު ހުރި އައިޖީއެމްއެޗުގެ މެޑިކަލް އޮފިސަރުގެ ވަޒީފާއަށް ހަމަޖެއްސުމަށާއި އެ ވަޒީފާ ހަމަޖެއްސެން ނެތް ނަމަ ޒިޔާދު އަދާކުރަމުން ދިޔަ ވަޒީފާއާ އެއް ބާވަތުގެ ވަޒީފާއެއް ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއް ދިނުމަށާއި އެއްވެސް ހާލެއްގައި ޒިޔާދަކީ ވަޒީފާއިން ވަކި ވެފައިވާ މީހެއް ކަމުގައި ނުބެލުމަށާއި އޭނާ އެވަޒީފާގައި ހުރި ނަމަ، ލިބޭނެ މުސާރައާއި އިނާޔަތްތައް، މިމައްސަލަ ނިންމި ރިޕޯޓުގެ 13 އަދި 14 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޒިޔާދަށް ދިނުމަށް ސިވިލް ސަރވިސްގެ ކޮމިޝަނުގެ މައްޗަށް އަންގައި މިމަހު ފަަހަކުން ފެށިގެން 14 ދުވަހުގެ ތެރޭގައި ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖެއްސުމަށް ފަހު، އެކަން ހަމަޖެހޭތާ ހަތް ދުވަހުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް އަންގައި، ހުކުމް ކުރާ ކަމަށެވެ.