މި ސަރަހައްދުގެ ކޯޗިންގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ކޯހުގެ ފުރުސަތު ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) އަށް ލިބިއްޖެއެވެ.
އޭއެފްސީ ޕްރޯ ލައިސަންސް އަކީ ޔުއެފާ ޕްރޯ ލައިސަންސާ އެއް ފެންވަރެއްގެ ކޯޗިން ކޯހެކެވެ. އެއީ އޭ ލައިސަންސް އަށް ފަހު ދެން އޮންނަ، އަދި ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ލައިސަންސެވެ.
ސުޒޭން އާއި އިންމަގެ ފުރުސަތާއި ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕްރޯ ލައިސަންސް ކޯޗުން ރާއްޖޭގައި އިތުރު ކުރުމަށް ކަނޑައެޅުނު ޓާގެޓްގެ ދަށުން މި އަންނަ އަހަރު ދެކޯޗަކަށް ފުރުސަތު ލިބިފައިވާ ކަމަށެވެ. ފުރުސަތު ލިބުނު ސުޒޭން އާއި އިންމައަށް ބައްސާމް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ސުޒޭން ކޯޗިން ކެރިއަރު ފެށީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ވިކްޓަރީންނެވެ. މިއަދު ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ސުޒޭން ވަނީ ވިކްޓަރީއާ އެކު ދިވެހި ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްވެސް ކާމިޔާބުކޮށްދީފައެވެ.
ސާފް ޗެމްޕިއަންޝިޕުގައި 2005 ވަނަ އަހަރު ވާދަކުރި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމް ވެސް ފުރި ސުޒޭން 2012 ވަނަ އަހަރަށް ފަހު ވިކްޓަރީން ވަކިވެ އެފްއޭއެމުގައި ވެސް މަސައްކަތްކުރިއެވެ. ސުޒޭން ވަނީ މާޒިޔާ އަށް 2016 ވަނަ އަހަރު އުރީދޫ ދިވެހި ޕްރިމިއާ ލީގާއި ޗެރިޓީ ޝީލްޑުގެ އިތުރުން 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީފައެވެ.
އިންމައަކީ 2006 ވަނަ އަހަރު މާޒިޔާ ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރި ޓީމުގެ ކޯޗެވެ. އެ ކްލަބު ރަނގަޅު، ސްޓޭބަލް ގޮތެއްގައި ފުރަތަމަ ޑިވިޝަނަށް ފައްކާ ކުރުމަށް އިންމަ މުހިއްމު ދައުރެއް އަދާކޮށްފައި ވާއިރު، 2012 ވަނަ އަހަރުގެ އެފްއޭ ކަޕް އިންމަ ވަނީ މާޒިޔާއާއެކު ހޯދައިފައެވެ. ފަހުން އިންމަ ވަނީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ގިނަ އަހަރުތަކަކު މަސައްކަތްކޮށްފަ އެވެ.
އިންމަ މިހާރު ކޯޗުކޮށްދޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ މިދިޔަ އަހަރު ހަވާލުވުމުގެ ކުރިން އޭނާ ވަނީ މާޒިޔާ އަށް ކޯޗުކޮށްދީފައެވެ. އެއީ 2017 ވަނަ އަހަރުގެ ސީޒަނުގެ ފަހު ކޮޅުގައި އެ ޓީމާ ހަވާލުވި ގޮތަށް 2018 ވަނަ އަހަރުގެ ސީޒަން ނިމެންދެންނެވެ.
މިހާތަނަށް ރާއްޖޭގައި މި ލައިސަންސް ހާސިލް ކުރީ ދިވެހި ދެ ކޯޗުންނެވެ. އެއީ އެންމެ ފުރަތަމަ މި ލައިސަންސް ނެގި ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އާއި ދާދި ފަހުން މި ކޯސް ފުރިހަމަކުރި ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު