މިދިޔަ ބުދަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ ރާއްޖޭގެ ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގައި، ޔޫޕީއާރު ވޯކިން ގްރޫޕުން ރާއްޖެއާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް އިއްޔެ ބޭއްވި ސެޝަންގައި އެޑޮޕްޓްކޮށްފިއެވެ.
އެޓާނީ ޖެނެރަލް އޮފީހުން ބުނީ އެ ރިޕޯޓުގައި ބުދަ ދުވަހު ބޭއްވި ރާއްޖޭގެ ރިވިއު ސެޝަންގައި ބައިވެރިވި 95 މެންބަރު ގައުމުތަކުން ރާއްޖެއަށް ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތައް ހިމަނާފައިވާ ކަމަށެވެ. އެގޮތުން 95 ގައުމަކުން 259 ރެކޮމެންޑޭޝަން ހުށަހަޅާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
އޭޖީ އޮފީހުން ބުނީ މި ރެކޮމެންޑޭޝަންތަކުގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބައިވެރިވުމަށާއި ޖެންޑާ އިކުއަލިޓީ ގާއިމް ކުރުމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި މޫސުމީ ބަދަލުތަކުން ކުރާ އަސަރުކުޑަކުރުމަށް މިހާރުވެސް ކުރަމުން އަންނަ މަސައްކަތްތައް އެގޮތުގައި ދެމެހެއްޓުމަށް ކަމަށެވެ.
ގައުމުތަކުން ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތަކަށް ރާއްޖެއިން ޖަވާބުދާރީ ވާނީ އަންނަ މަހު 14ގެ ކުރިންނެވެ. ރާއްޖެއިން މި ރެކޮމެންޑޭޝަންތައް ގާބޫލު ކުރާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ރާއްޖޭގެ ގާނޫނު އަސާސީއާއި ރާއްޖޭގައި އަމަލުކުރެވެމުން އަންނަ ގާނޫނުތަކަށާއި އިސްލާމްދީނުގެ އަސްލުތަކަށް ރިއާޔަތްކުރާނެ ކަމަށްވެސް އޭޖީ އޮފީހުން ބުންޏެވެ.
ރާއްޖޭގެ ސެޝަންގައި ވާހަކަ ދެއްކި ގައުމުތަކުން ވަނީ، ރާއްޖޭގެ ހިންގުމުގެ ނިޒާމާއި ގާނޫނީ އޮނިގަނޑާއި އަދުލު އިންސާފުގެ ނިޒާމު އިސްލާހުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފު ކޮށްފައެވެ. އަންހެނުންނާއި ކުޑަކުދިންނާއި އެނޫންވެސް މުޖުތަމައުގެ ހާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށްފައެވެ.
މި ޔޫޕީއާރު ސައިކަލްއަކީ ރާއްޖޭގެ ތާރީހުގައިވެސް ކެބިނެޓްގެ ގިނަ މިނިސްޓަރުން ހިމެނިވަޑައިގެންނެވި އިސް ފަންތީގެ ޑެލެގޭޝަންއަކުން ރާއްޖެ ތަމްސީލުކުރެވިގެންދިޔަ ފުރަތަމަ ފަހަރެވެ. ރިވިއު ސެޝަންގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުން މުހިންމު ދާއިރާތަކުން އިންޓަވެންޝަން ދެއްވާފައިވާއިރު، މި އިންޓަވެންޝަންތަކުގައި އިންސާނީ ހައްގުތައް ކުރިއެރުވުމުގައި ރާއްޖޭން ހޯދާފައިވާ ކާމިޔާބީއާއި ތަންފީޒުކުރަމުން އަންނަ ސަރުކާރުގެ ސިޔާސަތުތަކާއި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ފާހަގަކޮށްފައިވާ މުހިންމު ކަންކަމަށް އަލިއަޅުވާލާފައި ވެއެވެ.
އިއްޔެ ބޭއްވި ޔޫޕީއާރު ވޯކިން ގްރޫޕްގެ ސެޝަންގައި ވޯކިން ގްރޫޕުން ރާއްޖެއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް އެޑޮޕްޓްކުރުމާއެކު ޔޫޕީއާރުގެ ތިންވަނަ ސައިކަލްގައި ރާއްޖޭގެ ރިވިއު ނިމުމަކަށް އައީ ކަމަށްވެސް އޭޖީން ބުންޏެވެ. ޔޫ.ޕީއާރު ޕްރޮސެސްއަކީ ކޮންމެ ހަތަރު އަހަރާއި ބައިން ކުރިއަށްދާ ޕްރޮސެސް އެކެވެ. އެހެންކަމުން ރާއްޖޭގެ ރިވިއު ދެން އޮންނާނީ 2025ގަ ކަމަށްވެސް އޭޖީން ބުންޏެވެ.