ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް)ގެ ތެެރެއިން ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ 291 މިލިއަން ރުފިޔާގެ މުގާބިލުގައި، އެ ޕްރޮޖެކްޓްގައި ހިމެނޭ އައިލެންޑް އެކްސްޕާޓުން ހަދަމުންދާ 17 ބުރީގެ އިމާރާތް ދައުލަތަށް ނެގުމަށް އެޓާނީ ޖެނެރަލް (އޭޖީ) އަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ފާސްކޮށްފިއެވެ.

އެގޮތަށް އަންގަން ފާސްކުރީ އެ މައްސަލަ ބަލަމުންދާ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިއަދު ފާސްކުރި ރިޕޯޓުގައި ހިމަނައިގެންނެވެ.

އެ ރިޕޯޓްގައި ޕޮލްކޯ ހިޔާނާތާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކަށް ގިނަ ކަންތައްތަކެއް ވަނީ ރެކޮމެންޑް ކޮށްފައެވެ.

ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ޕޮލްކޯ ހިޔާނާތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަންގެ ސަބަބުން ސަރުކާރަށް ގެއްލިފައިވާ ފައިސާގެ ތަފްސީލް ކޮމިޓީ ރިޕޯޓުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

"ދިވެހި ދައުލަތަށް ނުވަތަ ސަރުކާރަށް މިކަމުން ގެއްލުނު ފައިސާ ވަރަށް ރަނގަޅަށް އައިޑެންޓިފައިކޮށްފައިވާނެ، އެގޮތުން 291 މިލިޔަން ރުފިޔާ އަނބުރާ ލިބެންޖެހޭކަަމަށް އޮތީ، އެއީ ޕޮލްކޯއާއެކު ހެދި ސެޓްލްމަންޓް އެއްބަސްވުމުގައި ހިމެނޭ 129 މިލިޔަންގެ އިތުރަށް ސަބް ކޮންޓްރެކްޓަރުންނަށް ދީފައި ހުރި ފައިސާ އެއްކޮށްލައިގެން،"

ޕްރޮޖެކްޓް ކުރިއަށްގެންދިޔަ އެއް ކުންފުނި ކަމަށްވާ އައިލެންޑް އެކްސްޕާޓާއި ޕޮލްކޯއާ ދޭތެރޭ އޮތް ސެޓްލްމަންޓް އެއްބަސްވުމުގައި، އައިލެންޑް އެކްސްޕާޓުން ޕޮލްކޯއަށް 129.5 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.

އެހެންކަމުން އެ ފައިސާ ހޯދުމަށް ބަންޑާނަ ނާއިބަށް އެންގުމާއެކު، 15 ރެކޮމެންޑޭޝަނެއް ބަންޑާރަނާއިބަށް އަންގަން ރިޕޯޓުގައި ހިމަނަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

"މި ރިޕޯޓުގައި އަޅުގަނޑުމެން ބަަންޑާރަނާއިބަށް އަންގާ އެންގުންތައް އެންމެ ގިނައީ، ސަބަބަކީ އަޅުގަނޑުމެން 15 އެންގުމެއް ބަންޑާރަނާއިބަށް މި އަންގަނީ،"

ނާޒިމް ވިދާޅުވީ، އެ ފައިސާ ސަރުކާރަށް ލިބެންޖެހޭނެކަަމަށް ބަންޑާރަނާއިބަށް އެންގި ނަަމަވެސް އެ ޕްރޮޖެކްޓްގައި ހިމެނޭ އައިލެންޑް އެކްސްޕާޓުން އެ ފައިސާ ލިބުމަކީ މުސްތަހީލު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގިފަ އޮތްގޮތުން އެމީހުން އަތުން މި ފައިސާ ހޯދުމަކީ މުސްތަހީލު ކަމެއް، ސަބަބަކީ ޕޮލްކޯއާ ވެފައިވާ އެގްރީމެންޓް ޓާމިނޭޓް ކުރުމަށް ބޭއްވި ޖަލްސާގެ ޔައުމިއްޔާ އަޅުގަނޑުމެންނަށް ލިބިފަ އެބައޮތް، އެ ޔައުމިއްޔާގަ އެމީހުން ކަނޑައެޅިގެން ބުނެފަ އެބައޮތް އެމީހުން އަތުގައި އެއްވެސް ފައިސިާއެއް ނެތްކަަމަށް، އެހެންވީމަ މި ރެކޮމެންޑްކުރަނީ އައިލެންޑް އެކްސްޕާޓުގެ ފަރާތުން ހުލުމާލޭގައި އިމާރާތްކޮށްފައި ހުރި 17 ބުރީގެ، ކޮންކްރީޓް ސްޓްރަކްޗާ ނިންމާފައިވާ އިމާރާތް މީގެ މުގާބިލުގައި އަތުލުމަށް، އެއީ އެ އިމާރާތް އަގުކުރުމަށްފަހު، އެ އިމާރާތުގެ އަގު، އެ އަދަދާއަޅާކިޔައިވަ ސަރުކާރަށް ނެގުމަށް،" އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، 22000 އަކަފޫޓުގެ ބޮޑުމިނުގައި އެތަން އިމާރާތްކޮށްފައިވަނީ 117 ޔުނިޓް ހިމެނޭގޮތަށް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ހަތަރު ކޮޓަރިއާއި މެއިޑްރޫމެއް ހިމެނޭ 26 ޔުނިޓާއި ތިން ކޮޓަރިއާއި މެއިޑް ރޫމެއް ހިމެނޭ 39 ޔުނިޓާއި ތިން ކޮތަރީގެ 13 ޔުނިޓާއި ދެ ކޮޓަރީގެ 39 ޔުނިޓް ކަމަށެވެ.

އެ އިމާރާތްކޮށްފައިވަނީ އެޗްޑީސީގެ ބިމުގައި އެޗްޑީސީއަށް އެކުއިޒިޝަން ކޮސްޓް ނުދައްކައި ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވަނީ އެ ކުންފުނީގެ ހިއްސާދާރުގެ ހާލަތުވެސް ބަލަންޖެހޭ ކަަމަށް ވިދާޅުވެފައެވެ.

"އެތަނުގެ ހިއްސާދާރެއްގެ ނަމުގައި ހަތަރުފަސް ވެހިކަލް ރަޖިސްޓްރީކޮށްފަ، ހުޅުމާލޭން ބިމެއް ގަނެފަ އެ ބިން ވިއްކާލައިފަ އެ ފައިސާ ނަގާފައިވާކަން އެނގޭ، އެ ފައިސާވެސް އޭނާގެ އަތުން ނެގެންނާ ނެގޭގޮތަށް ބަލަންޖެހޭ، އަދި އެ ހިއްސާދާރުގެ މައިންބަފައިންގެ ގެއެއް ހަދައިފަ ލ. ފޮނަދޫގައި އެބަހުރި،"

ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަން ފެށީ، އެކަމާ ގުޅުންހުރި އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފާހަގަވެގެންނެވެ.

އޮޑިޓް ރިޕޯޓުގައިވާގޮތުން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ބިލިއަން ރުފިޔާ ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. އެހެންކަމުން 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.