އެޓާނީ ޖެނެރަލްގެ އޮފީހުގައި ފެންވަރު ރަނގަޅު ވަކީލުންނާއި ކޮލިޓީ މުވައްޒަފުން ނެތް ކަމަށާއި އެއީ އެ އޮފީހަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ، ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނަށް ޕީއެންސީގެ ފަރާތުން މި ހަފުތާގައި ހުށަހެޅި ބިލަށް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ކުރިއަށް ދިޔައިރު ނާޒިމް ވިދާޅުވީ އޭޖީ އޮފީހަށް ބޭނުންވާ، ފެންވަރު ރަނގަޅު މުވައްޒަފުންނާއި ވަކީލުން ނުލިބެނީ ސިވިލް ސާވިސްގެ މުސާރަ އޮނިގަނޑަށް މުވައްޒަފުން ނަގަން ޖެހޭތީ ކަމަށެވެ. އަދި އެކަމުގެ ވަކާލާތު ބަންޑާރަ ނައިބު އަހްމަދު އުޝާމް މީގެކުރިން ކުރައްވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވާ ސްޕީޑުގައި ބަންޑާރަ ނައިބުގެ އޮފީހުގެ މަސައްކަތްތައް ނުހިނގާކަން އެނގޭ. ބޭނުންވާ ބިލުތައް ލިބުން ދަތިވުމާއި އަދި ބިލުތައް އައުން ލަސްވަމުންދާކަން،" ނާޒިމް ވިދާޅުވި އެވެ.

ގާނުނުތަކަށް ގެންނާން ޖެހޭ އިސްލާހުތައް ގެނެސްގެން ގިނަ ކަންތައްތަކެއް ރަނގަޅުކުރެވޭނެކަން ނާޒިމް ފާހަގަކުރެއްވި އެވެ.

"ޖުޑިޝަރީ، ކަންތައްތައް އިސްލާހުކުރަންވެސް ވަރަށް ގިނަ ބިލުތަކަށް އިސްލާހު ގެންނަން އެބަޖެހޭ، މަދަނީ ކޯޓުގައި މިހާރު ފުނިޖެހިފައި ހުރި ގިނަ މައްސަލަތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނުނުގެ ސަބަބުން ފުނިޖެހިފަ ހުރި މައްސަލަތަކެއް، އެ ގާނޫނު ވުޖޫދަށް ގެނެވުނުއިރު އޭތި ރޯލްއައުޓް ކުރެވިފަ އޮތީ އެ ކުރަންވާ ގޮތަކަށް ނޫން، އެހެންވީމަ މީޑިއޭޝަންގެ މަރުހަލާވެސް ވަނީ މެދުކެނޑިފަ،" މިސާލެއްގެ ގޮތުން ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ބަންޑާރަ ނައިބު ގާނޫނަށް މިހާރު ހުށަހަޅާފައިވަ އިސްލާހުތައް ފާސްވުމުން އެ އޮފީހަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އެގޮތުން ފެންވަރު ރަނގަޅު ވަކީލުން ހޯދޭނެ ކަމަށެވެ.

"އަލުން އެތަނަށް ފެންވަރު ރަނގަޅު މުވައްޒަފުން ހޯދި، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބަންޑާރަ ނައިބުގެ އޮފީހުގައި މިހާރު މަޑުޖެހިފައި، ފުނިޖެހިފައި އޮތް މަސައްކަތްތައް ކުޑައަޑިވެގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.

ބަންޑާރަ ނައިބު އޮފީހުގެ ގާނޫނަށް އިސްލާހު ގެންނަތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާވެސް އިސްލާހުތަކެއް ފޮނުވުމުން ގިނަ މެންބަރުން ވަނީ އެ އޮފީހަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލު ފޮނުއްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. ބިލު ހުށަހަޅުއްވާ ބޭނުމެއްގެ ގޮތުގައި ފަޒާދު ވިދާޅުވެފައިވަނީ، ގާނޫނުގައި ބަޔާންކުރާ ބަންޑާރަ ނައިބުގެ އޮފީހުގެ މަސްއޫލިއްތުތައް މުރާޖައާކުރުމަށާއި، ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ގާނޫނުގައި ބަޔާންކުރުމަށް، އަދި އެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ބެހޭ ބައެއް އުސޫލުތައް އިސްލާހުކުރުމަށްޓަކައި ކަމަށެވެ.

ބިލުގައި އިސްލާހުގެ ގޮތުގައި ބޮޑަށް ހިމަނާފައިވަނީ ބައެއް މާއްދާތައް އިތުރަށް ތަފްސީލުކުރުމަށެވެ. އެ ބިލުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުންނާ ގުޅޭ މާއްދާއެއް އިތުރުކުރުމަށް ގެންނަން ހުށަހަޅާ އިސްލާހެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން---ފޮޓޯ: މަޖިލިސް އިދާރާ

އެ މާއްދާގައި ބުނެފައިވަނީ ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން އެ މީހުންގެ މަސްއޫލިއްޔަތުތައް އަދާކުރަންވާނީ، ބަންޑާރަ ނައިބު ދޭ އިރުޝާދުގެ ދަށުން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، އަދި ގާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް ކުރިއެރުވުމަށް އިސްކަންދީގެން ކަމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން އެމީހުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ މަސްލަހަތުގެ ފުށުއެރުމުން އެއްކިބާވާންވާނެ ކަމަށް ބުނެފައިވެއެވެ. އަދި ވަކީލުން ހިފަހައްޓަން ޖެހޭ އަސާސީ ސުލޫކީ ހަމަތައް ވެސް ވަނީ ބަޔާންކޮށްފައެވެ. އެއީ؛

  • އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތައައްސުބުން އެއްކިބާވެ ހުރެ މުސްތަގިއްލުކަމާއެކު ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް ބަންޑާރަ ނައިބުގެ އޮފީހުގެ މަސައްކަތްތައް ކުރުމާއި، ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުންގެ ހައިސިއްޔަތުން ނިންމަން ޖެހޭ ނިންމުންތައް ނިންމުން
  • ހަމަހަމަކަމާއި ހާމަކަމާއި އަދި ޖަވާބުދާރީވުމުގެ މައްޗަށް މަސައްކަތުގެ އަސާސް ބިނާކުރުންއެއްވެސް މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޖިސްމާނީ، ނުވަތަ ނަފުސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ އެ މީހެއްގެ ސިޔާސީ، ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް، ނުވަތަ އުފަންރަށަށް، ނުވަތަ ވާހަކަދައްކާ ބަހަށާއި އިޖުތިމާއީ ދަރަޖަ ނުވަތަ މަގާމަށް ބަލައި ތަފާތުނުކުރުން
  • މަގާމުގެ ހައިސިއްޔަތުން އެމީހަކަށް ލިބިފައިވާ މައުލޫމާތެއް އެމީހެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ފިޔަވައި، އެހެން ގޮތަކަށް ހާމަނުކުރުންމަގާމުގައި ދެމިހުންނައިރު އަދި މަގާމުން ވަކިވުމަށްފަހުގައިވެސް، އެމީހެއްގެ މަގާމު އަދާކުރުމުގައި އެމީހަކަށް ލިބިފައިވާ މައުލޫމާތުތަކާއި ބަންޑާރަނައިބުގެ އޮފީހުގެ މަސައްކަތަކާ ގުޅިގެން ލިބިފައިވާ މައުލޫމާތުތައް ސިއްރުގެ ގޮތުގައި ހިފެހެއްޓުން
  • މަސައްކަތުގެ ވަގުތުގައާއި، ބަންޑާރަަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުންގެ ހައިސިއްޔަތުން ކުރާ ހުރިހާ ކަމެއްގައިވެސް، މުޖުތަމައު ގަބޫލުކުރާ ފެންވަރުގައި އަހުލާގާއި އަބުރުގެ ރައްކާތެރިކަން ދެމެހެއްޓުން

ބިލުގައި ބުނެފައިވަނީ އެ އަސާސީ ހަމަތަކުގެ އިތުރުން، ދައުލަތް ތަމްސީލުކުރުމުގެ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން އަދާކުރަންޖެހޭ ޒިންމާތަކާ ގުޅިގެން އެމީހުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑުތަކާއި ޖަވާބުދާރީވުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް، އެ ގާނޫނުގެ ދަށުން ބަންޑާރަ ނައިބު ކަނޑައަޅަންވާނެ ކަމަށެވެ.

އެ ބިލުގައި އިތުރަށް ފާހަގަވާ ކަންތައްތަކަށް ބަލައިލާ އިރު، ދެން ފާހަަގަކޮށްލެވެނީ ގާނޫނުން އެއް މާއްދާއެއްގެ އަކުރެއް އުނިކުރުމާއި އިތުރު މާއްދާއެއް އެއްކޮށް އުނިކުރުމަށް ހުށަހެޅި އިސްލާހެވެ. އޭގެ ތެރެއިން އެއް މާއްދާއަކީ ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ހިމެނޭ މާއްދާގެ (ފ) އުނިކުރުމެވެ. އެއީ ދައުލަތުގެ ދެ އިދާރާއެއްގެ ދެމެދުގައި އުފެދޭ ހުޞޫމާތްތަކަށް ގާނޫނީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހުޞޫމާތް އުފެދިފައިވާ މައްސަލައާ މެދު ގާނޫނީގޮތުން ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ބުނާ އަކުރެވެ.

އެއްކޮށް އުނިކުރަން ހުށަހަޅާފައިވަނީ އެ ގާނޫނުގެ 26 ވަނަ މާއްދާއެވެ. އެއީ ވަޒީފާއިން މުސްކުޅިކުރުމާ ގުޅޭ މާއްދާއެވެ. އެ މާއްދާގައި މިހާރު އޮންނަގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފަކު އުމުރުން 65 އަހަރުވުމުން ގާނޫނުގެ ދަށުން ހަދާ މުވައްޒަފުންގެ ރިޓަޔާމަންޓް ގަވާއިދުގައި ބަޔާންކުރާ ހިދުމަތުން މުސްކުޅިކުރުމުގެ އިނާޔަތާއެކު ވަޒީފާއިން މުސްކުޅިކުރެވޭނެ އެވެ.

އޭގެ އިތުރުން 55 އަހަރުވުމުން އަމިއްލައަށް ހިދުމަތުން މުސްކުޅިކުރެވިދާނެ ކަމަށާއި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރާ މުވައްޒަފުންނަށް މުސްކުޅިކުރުމުގެ އިނާޔަތާއެކު ވަޒީފާއިން މުސްކުޅިކުރެވިދާނެ ކަމަށް ވެސް މިހާރު ގާނޫނުގައި އޮންނަ އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ދާދިފަހުން ވެސް ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނަށް ވަނީ އިސްލާހެއް ގެނެސްފައެވެ. އެއީ ސިވިލް ސާވިސްގައި ނުހިމެނޭ ގޮތަށް ބަންޑާރަ ނައިބުގެ އޮފީހުގެ ހިދުމަތަކީ ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކުރުމަށް ކަނޑައަަޅައި ގެނައި އިސްލާހެވެ. އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ މަހުގެ 29 ގައެވެ.