އަލީ އަޝްފާގު (ދަގަނޑޭ)ގެ ކެރިއަރުގައި އޭނާ ކުރަން ބޭނުން ވެ، އެކަމެއް ނުކޮށް، "ރިގްރެޓް" ކުރި ނިންމުމަކީ ޕޯޗުގަލްގެ ގަދަބާރު، ބެނިފީކާއިން އޭނާއަށް ލިބުނު ހުށަހެޅުމެވެ. ދާދި ފަހުން ފީފާއިން ފީޗާ ކުރި ދަގަނޑޭގެ އެކްސްކްލޫސިވް ޕްރޮފައިލް އިންޓަވިއުގައި ދަގަނޑޭ ބުނެފައި ވަނީ "އަހަންނަށް ޔޫރަޕްގެ އިތުރުން އޭޝިއާގެ ބައެއް ކްލަބުތަކުންވެސް ހުށަހެޅުންތައް ލިބުނު. އެންމެ ބޮޑަށް ވިސްނީ ބެނިފީކާގެ ހުށަހެޅުމަށް. އެއީ އަހަރެން ގަބޫލުކުރަންވެސް ޖެހޭ ފުރުސަތެއް، އެއީ އެ ފުރުސަތުގެ ބޭނުން ހިފިނަމަ ދުނިޔޭގެ ބޮޑެތި ތަރިންނާއެކު ކުޅެވުނީސް،" މިހެންނެވެ.
ދަގަނޑޭގެ ޒުވާން އުމުރުގައި ބެނިފީކާއިން އޭނާ ބޭނުން ވީ ސަބަބެއް ނެތިއެއް ނޫނެވެ. ބެނިފީކާއިން ކުޅުންތެރިން ގެންގޮސް، އެ ކުޅުންތެރިޔަކު ފައްކާ ކުރާނީ އެންމެ ކަމަކަށް ދެ ކަމަކަށް ބަލައިފައެއްވެސް ނޫނެވެ. އެ ކްލަބަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގައި ތަރިން އުފައްދާ "ކާރުހާނާ" އެކެވެ. އެ ކްލަބުގެ ޔޫތު ސިސްޓަމަކީ އެތައް މިލިއަނަކުން ފައިދާކުރާ، ދުރު ރާސްތާ ބޮޑު ޕްރޮޖެކްޓެކެވެ. އެތަކެއް ތަރިންނެއް މިހާރުވެސް ދުނިޔޭގެ ފުޓުބޯޅައަށް ނެރެދެނީ ހަމަ ބެނިފީކާއިންނެވެ.
"އަހަރެންގެ އަމިއްލަ ހުވަފެނަކީ ބެނިފީކާ އަމިއްލައަށް އުފައްދާފައިވާ ހަތަރު ފަސް ކުޅުންތެރިންނާއެކު ޗެމްޕިއަންސް ލީގެއް ނެގުން،" ބެނިފީކާގެ އެކަޑެމީގެ ޓެކްނިކަލް ކޯޑިނޭޓަރު ރޮޑްރީގޯ މަގަޅައިސް ބުނެފައި ވެއެވެ.
އެއީ ބެނިފީކާގެ އުންމީދު ނަމަވެސް، އެ ކްލަބުން އުފައްދާ ތަރިންނަކީ ޔޫރަޕްގެ ވަރުގަދަ ޓީމުތަކަށް ގެންދިޔުމަށް އަބަދުވެސް ލޯ އަޅާ ކުޅުންތެރިންނެވެ. މަގަޅައިސް ބެނީފީކާގައި ހޭދަކުރި 15 އަހަރު، އޭނާގެ ލޯމަތިން، ބެނިފީކާއިން އުފެއްދި އެތަކެއް އެލީޓް ކުޅުންތެރިންނެއް ޔޫރަޕްގެ ގަދަ ބާރުތަކާ ގުޅި ވިދާލައިފިއެވެ. އެކަމަކު އެކަމަށް ފަރުވާލެއްވެސް ނެތެވެ. ބެނިފީކާގެ މައިގަނޑު އަސާސަކީވެސް ކުޅުންތެރިންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމެވެ.
އިނގިރޭސި މުއްސަނދި ކްލަބު މެންޗެސްޓާ ސިޓީން އާ ޖީލަކަށް ޓީމުގެ ހުންގާނު ބަދަލުކޮށްލުމަށްފަހު، މިހާތަނަށް ބެނިފީކާގެ އެކަޑެމީއަށް ކުޅުންތެރިން ގަތުމަށް 200 މިލިއަން ޕައުންޑް ހޭދަކޮށްފިއެވެ. އެންމެފަހުން ސިޓީއަށް ބެނިފީކާއިން ގެންދިޔައީ 62 މިލިއަން ޕައުންޑްގެ ޑިފެންޑަރު ރުބެން ޑިއާސްއެވެ. ޑިއާސްއަކީ 11 އަހަރުން ފެށިގެން ބެނިފީކާގެ ސިސްޓަމްގައި ހޭދަކުރި ވަރުގަދަ ޑިފެންޑަރެކެވެ. އެ ވާހަކަތައް އެއްފަރާތް ކޮށްލަން ހިނގާށެވެ. މިދިޔަ ޓްރާންސްފާ ސީޒަންގައި ބެނިފީކާއިން އެތުލެޓިކޯ މެޑްރިޑަށް ޖައޯ ފެލިކްސް ވިއްކާލީ 113 މިލިއަން ޕައުންޑުގެ އަގަކަށެވެ.
ބެނިފީކާގެ އެކަޑެމީގައި އަބަދުވެސް 470 ކުޅުންތެރިޔަކު ތަމްރީނު ވެއެވެ. އުމުރުން ހަ އަހަރާއި 13 އަހަރާ ދެމެދުގެ ކުދިން އެކަޑެމީގައި ތަމްރީނުވަމުން އަންނައިރު، ބެނިފީކާގެ ވިސްނުމަކީ އެކަޑެމީގެ ކޮންމެ ކުއްޖަކީ އިންވެސްޓްމަންޓެއް ކަމުގެ ވިސްނުމެވެ. ހަގު އުމުރުގެ ކުޅުންތެރިޔަކު ބޮޑު އަގުގައި ގަތުމަށްވުރެ، ކުއްޖާ ޅަ ދުވަހުން ފެށިގެން އޭނާއަށް އިންވެސްޓްކޮށް، ސްޓާރަކަށް ހެދުމަށް ހޭދަވާ ހަރަދު ކުޑައެވެ.
"އަހަރެން ނުވިސްނަން އެއީ ހަމައެކަނި ކުޅުންތެރިން ކަމަކަށް. ވިޔަފާރީގެ ވިސްނުމަކުން ވިސްނާއިރު، އެއީ ބޮޑެތި އިންވެސްޓްމަންޓް. މިސާލަކަށް އުމުރުން 22 އަހަރުގެ ކުޅުންތެރިޔަކު ގަތުމުގެ ހަރަދާއި، އޭގެ 20 ކުޅުންތެރިން ތަމްރީނު ކުރުމަށް ހިނގާ ހަރަދު އަޅައި ކިޔާލާއިރު، އެވަރުންވެސް ހެޔޮ ވަނީ 20 ކުޅުންތެރިން ތަމްރީނުކޮށް، ދަނޑަށް ނެރެން ކުރަން ޖެހޭ،" މަގަޅައިސް ބުނެފައި ވެއެވެ.
ބެނިފީކާގެ އެކަޑެމީއަށް ކުޅުންތެރިން ހޯދަނީ ބޮޑު ސްކައުޓިން ނެޓްވޯކެއް މެދުވެރިކޮށެވެ. ހަމައެކަނި ހުނަރުވެރި ކަމުގެ އިތުރުން، ކުޅުންތެރިއެއްގެ ގައިގައި ހުންނަން ޖެހޭ އެތައް ކަމަކަށް އެ ނެޓްވޯކްގެ ތެރެއިން ބަލައި، ކުއްޖާ އެކަޑެމީއަށް ސޮއިކުރާ ހިސާބުން މުޅި ހަޔާތް ބަދަލު ކޮށްލާނެއެވެ. ކޮންމެ ކުއްޖަކަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއްގެ އިތުރުން ޓީމް ތަމްރީނުތަކުގައި ކުޅުންތެރިޔާ މުޅިން އެހެން މިސްރާބަކަށް އަނބުރާލާއިރު، ހަމައެކަނި ބަލާ މިންގަނޑަކީ ހުނަރެއްވެސް ނޫނެވެ.
"މިސާލަކަށް ރުބެން ޑިއާސް އަށް ބަލާލަބަލަ! އޭނާ އެކަޑެމީއާ ގުޅުނުއިރު، އެއީ ހުނަރުގެ ގޮތުން އެވަރެޖް ކުޅުންތެރިއެއް. އެކަމަކު އޭނާއަށް މަސައްކަތް ކޮށްދިނީ އޭނާގެ ނެތް ހުނަރު ހޯދަން. ޑިއާސްއަށް އެކަޑެމީން ފުރުސަތު ލިބުނީ ލީޑާޝިޕްގެ އިތުރުން ދަނޑުމަތީގެ ވާހަކަދެއްކުމުގެ ހުނަރުވެރިކަމަށް ބަލާފައި. ޑިއާސްއަކީ ދަނޑުމަތީގެ ކޮމާންޑަރެއް. 11 އަހަރުން ދަށުގެ ޓީމަށް ކުޅުނުއިރުވެސް ހުރިހާ ކުޅުންތެރިން އެއްކޮށް، އޯގަނައިޒްކޮށް ކުޅުވާނީ ޑިއާސް،" ބެނިފީކާ އެކަޑެމީގެ ތަފާތު މަގަޅައިސް ކިޔައިދީފައި ވެއެވެ.
ބެނިފީކާގެ އެކަޑެމީން ކޮންމެ ކުޅުންތެރިއަކަށް ވަކި ޕްލޭނެއް ތައްޔާރު ކުރެއެވެ. ކުޅުންތެރިޔާ މަސައްކަތް ކުރަން ޖެހޭ ދާއިރާ ބަލައި، އެކަމަކަށް ހާއްސަ ޕްރޮގްރާމެއްގައި ކުޅުންތެރިޔާ ތަމްރީނު ކުރުމަކީ އެ ކްލަބުގެ އެކަޑެމީ ސިސްޓަމްގެ އެންމެ ބޮޑު ކާމިޔާބު ކަމަށް ކްލަބުގެ ޑިރެކްޓަރު ޕެޑްރޯ މާކޭޒް ބުނެފައި ވެއެވެ. އެއީ އެވްރެޖް ކުޅުންތެރިޔާ، 62 މިލިއަން ޕައުންޑްގެ ޑިފެންޑަރަކަށް ހަދައިލަދޭ ސިސްޓަމެވެ. އެ ސިސްޓަމްގެ ކާމިޔާބީ ބިނާވަނީ ކެތްތެރިކަމަށެވެ. ބައެއް ކުޅުންތެރިންނަށް ވިދާލުމަށް ވަގުތު ނަގާނެކަން ދެނެގަނެ، އެ ކުޅުންތެރިންނަށް ވަގުތު ދިނުމަކީ މައިގަނޑު އުސޫލެވެ.
އެކަމުގެ އެއް މިސާލަކީ ސިޓީއަށް ކުޅެމުން އަންނަ ބާނާޑޯ ސިލްވާއެވެ. ފުރާވަރުގައި ހެދި ބޮޑުވުމަށް ކުރިމަތިވި ބައްޔެއްގެ ސަބަބުން ބާނާޑޯއަށް އޭނާގެ އުމުރުފުރާގެ ކުޅުންތެރިންގެ ފިޒިކަލް ލެވެލްއާ އަރާ ހަމައެއް ނުކުރެވުނެވެ. އެހެން ކްލަބެއް ނަމަ ބާނާޑޯ އެކަޑެމީން ބޭރުކޮށްލާނެ ނަމަވެސް، ބެނިފީކާއިން ބެލީ އޭނާގެ ފުރިހަމަ ހުނަވެރިކަން ދެއްކޭނެ މަގެއް ހޯދައި ދުނިޔޭގެ މަތީ ފަންތިއަށް ނެރުމަށެވެ.
ބެނިފީކާގެ އެކަޑެމީ ކުޅުންތެރިންގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ އެކިއެކި މަގާމުތަކަށް ފަރިތަވުމެވެ. ސިޓީ ގެ ކޯޗު ޕެޕް ގާޑިއޯލާއަށް ބެނިފީކާ އެކަޑެމީގެ ކުޅުންތެރިން ކަމުދާ އެއް ސަބަބަކީވެސް އެއީއެވެ.
"ޒަމާނީ ކުޅުންތެރިއެއް ނަމަ، އެކިއެކި މަގާމުތަކަށް ކުޅެވެން ޖެހޭނެ. ބާނާޑޯ މިޑްފީލްޑްގެ އިތުރުން ވިންގަށްވެސް ކުޅޭނެ. ޖައޯ ކާންސެލޯ، އޭނާ ކުޅޭނެ ވިންގަށްވެސް ފުލް ބެކަށްވެސް، އެގޮތަށް ތަމްރީނު ވެފައިވާ ކުޅުންތެރިންނަކީ މުޅި ފުޓުބޯޅަ އެހެން ނަޒަރަކުން ދެކޭނެ ކުޅުންތެރިން،" މަގަޅައިސް ބުނެފައި ވެއެވެ.
ބެނިފީކާގެ އެކަޑެމީ ފަދަ އެކަޑެމީތަކާއެކު މިވަގުތު ޕޯޗުގަލްގެ ގައުމީ ޓީމަކީ ދުނިޔޭގައި އޮތް އެންމެ އުންމީދީ އެއް ގައުމީ ޓީމެވެ. ހަމައެކަނި ދަނޑުމަތީގެ ފަރިތަކުރުންތަކަކުން އެކަން ހާސިލެއް ނުވެއެވެ. ބެނިފީކާގެ ސިސްޓަމްގައި ވެސް ކުޅުންތެރިން ދޭ ތައުލީމީ މައުލޫމާތާއި، ހާއްސަ ސިފަތައް ދަސްކޮށްދިނުމުގެ ސެޝަންތަކަކީ ޒުވާން ޖީލެއް ބިނާ ކުރުމުގެ ފަހަތުގައިވާ ކަންކަމެވެ. ކްލަބުން ގެންގުޅޭ "ހޮލިސްޓިކް" އެޕްރޯޗުގެ ސަބަބުން ހަމައެކަނި ކުޅުންތެރިޔަކު ބިނާކުރެވުމުގެ ބަދަލުގައި އެންމެ ރަނގަޅު ޒުވާނަކު ބިނާކުރުމަށް ވެސް އެހީވެދެއެވެ. ބެނިފީކާގެ ކެމްޕަހުން ތައުލީމީ ފިލާވަޅުތަކުގެ އިތުރުން ސިވިލް ދިރިއުޅުމަކަށް ކުޅުންތެރިން ތައްޔާރު ކޮށްދެއެވެ.
"އަހަރެމެން ގަބޫލުކުރަން ހުނަރަކީ ކޮންމެ ތަނަކުންވެސް އުފަން ވެދާނެ އެއްޗެއްކަން. ރަނގަޅު އައިޑިއާއެއް ކޮންމެ ތަނަކުންވެސް އައިސްދާނެކަން. އެކަމަކު އަހަރެމެންގެ ޗެލެންޖަކީ މިކަން ދެމެހެއްޓިިވި ސިސްޓަމަކަށް ކުރުން. އަދި އުފައްދާ ކުޅުންތެރިންގެ ފެންވަރު އަދިވެސް ރަނގަޅުކޮށްގެން އެކަން ކުރުން،"
"އުފައްދާ ކޮންމެ ކުޅުންތެރިޔަކީ ކާމިޔާބު ފުޓުބޯޅަ ކުޅުންތެރިޔަކަށް ނުވާނެ. ފެލިކްސް އާއި ޑިއާސްއެއް އުފެއްދުނުއިރު، އޭގެ ތެރެއިން ފުރޭނިގެން ދިޔަ އެތައް ކުދިންނެއް ތިބޭނެ. މިއުޒީޝަނުން ނޫނީ އާޓިސްޓުންވެސް އުޅޭނެ. އެތައް އެކަޑެމީއެއް ބެނިފީކާގައި ހިންގާއިރު، އޭގެން އެއްވެސް މީހަކު މުޖުތަމައުން ބާކީވާނެ މީހެއް ނޫން ކަމަށް ހެދުމަކީ އެންމެ ބުރަކޮށް ކުރާނެ މަސައްކަތް. ބެނިފީކާގެ އެންމެ ބޮޑު ހުވަފެނަކީ ކޮންމެ ކުއްޖެއްގެވެސް ހުވަފެންތަކުގައި ކުލަ ޖައްސައިދިނުން،" ޑިރެކްޓަރު މާކޭޒް ބުނެފައި ވެއެވެ.
ބެނިފީކާގެ އެކަޑެމީ ސިސްޓަމަކަކީ މުޅި ދުނިޔޭގެ ހުރިހާ ގައުމަކަށް، ހުރިހާ ކްލަބަކަށްވެސް ނަމޫނާ ސިސްޓަމެކެވެ. އެ ސިސްޓަމްގެ ތެރެއަށް ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ދަގަނޑޭ ދިޔަ ނަމަ، މިއަދު ހުންނާނީ ކިހާ ހިސާބަކުތޯ އެއީ ދިވެހީން ހިތާ ހިތާ ކޮށްލާނެ ސުވާލެކެވެ. އެތައް ބައެއްގެ ހުވަފެނެއްވެސް މެއެވެ. އެހެން ނަމަވެސް ހާލަތު ތަން ނުދިނީ ކަމަށް ބެލެވިދާނެއެވެ. އުންމީދަކީ ދެވަނަ ދަގަނޑޭއެކެވެ. ދަގަނޑޭގެ ކެރިއަރުގައި ނުނިންމުނު، އެ ނިންމުން ނިންމުމަށެވެ.
- ރުބެން ޑިއާސް/ މެންޗެސްޓާ ސިޓީ 65 މިލިއަން ޕައުންޑް
- ޖާއޯ ފެލިކްސް/ އެތުލެޓިކޯ މެޑްރިޑް 113 މިލިއަން ޕައުންޑް
- ޖާއޯ ކާވާލިއޯ/ ނޮޓިންހަމް ފޮރެސްޓް 13.2 މިލިއަން ޕައުންޑް
- ނެލްސަން ސެމެޑޯ/ ބާސެލޯނާ 30.8 މިލިއަން ޕައުންޑް
- އެޑަސަން/ މެންޗެސްޓާ ސިޓީ 35 މިލިއަން ޕައުންޑް
- ވިކްޓާ ލިންޑަލޮފް/ މެންޗެސްޓާ ޔުނައިޓެޑް 31 މިލިއަން ޕައުންޑް
- ގޮންސާލޯ ގުއިޑެޒް / ޕީއެސްޖީ 25.5 މިލިއަން ޕައުންޑް
- ހެލްޑާ ކޯސްޓާ/ މޮނާކޯ 13 މިިލިއަން ޕައުންޑް
- ރެނާޓޯ ސަންޗޭޒް/ ބަޔާން މިއުނިކް 31.5 މިލިއަން ޕައުންޑް
- ޖާއޯ ޗާންސެލޯ/ ވެލެންސިއާ 13.5 މިލިއަން ޕައުންޑް
- ބާނާޑޯ ސިލްވާ/ މޮނާކޯ 14.2 މިލިއަން ޕައުންޑް
- އަންދްރާ ގޮމޭޒް/ ވެލެންސިއާ 18 މިލިއަން ޕައުންޑު
- އީވާން ކަވަލޭރިއޯ/ މޮނާކޯ 13.5 މިލިއަން ޕައުންޑް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް