އޮކްސްފޯޑުން އުފައްދަމުން އަންނަ ވެކްސިން އަންނަ އަހަރުގެ ކުރީކޮޅު އާއްމުކޮށް ބޭނުން ކުރެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓްރާ އާއި ޔުނިވަސިޓީ އޮފް އޮކްސްފޯޑް ގުޅިގެން ކޮވިޑާ ދެކޮޅަށް އުފައްދާ ވެކްސިންގެ ފަހުގެ ޓެސްޓުތައް ފަށާފައި ވާއިރު ޓެސްޓުތަކުގެ ނަތީޖާ މިއަހަރު ފަހުކޮޅު ލިބޭވަރު ވާނެކަމަށް ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޓީމުން ބުނެފައި ވެއެވެ.

ވެކްސިންގެ ނަތީޖާ ލަސްވުމަށް މެދުވެރިވެފައިވަނީ ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑްގެ ކޭސްތައް އިތުރު ވެ ނުރައްކާ ބޮޑުވުމާ ގުޅިގެން ކަމަށްވެސް ވެކްސިން ޓީމުން ބުނެފައި ވެއެވެ.

އެސްޓްރާޒެނެކާގެ ހަތަރު މިލިއަން ޑޯޒް މިއަހަރުގެ ފަހުކޮޅުގައި ލިބޭވަރު ވާނެކަމަށް އެޓީމުން ކުރީން ވަނީ ބުނެފައެވެ. އަދި 30 މިލިއަން ޑޯޒް މިދިޔަ ސެޕްޓެމްބަރަށް ލިބޭނެކަމަށް ކުރިން ލަފާކުރި ނަމަވެސް ޓެސްޓުތަކަށް ލަސްކަމެއް އައުމުގެ ސަބަބުން އެކަން ވަނީ ނުވެފައެވެ.

އެސްޓްރާޒެނެކާ އިން ހުރިހާ ސަރަހައްދެއްގައި ހަދަމުން އަންނަ ޓެސްޓުތަކުގެ ނަތީޖާ ވެސް ވަރަށް ރަނގަޅުކަމަށް ވެކްސިން ޓީމުން ވަނީ ބުނެފައެވެ.