ފެބްރުއަރީ ހަތެއް، 2012 ގައި ހިނގައިދިޔަ ކަންކަމާ ބެހޭގޮތުން ނެރުނު ކޯނީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒު ނުކުރާހާ ހިނދަކު އަނެއްކާވެސް ބަޣާވާތެއް ނުކުރާނެ ކަމަށް ދަންނަވަން ކެރިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޯނީ ރިޕޯޓަކީ ހަތެއް ފެބްރުއަރީ 2012 ގައި ހިނގައިދިޔަ ކަންތައްތަކަކާ ގުޅިގެން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އެކުލަވައިލި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) އިން ތައްޔާރުކޮށް ނެރުނު ރިޕޯޓެކެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މިއަދު ވާހަކަދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ސަރުކާރު ވައްޓާލަން ނުކުތުމަކީ މިހާރު އޮތް ފުލުހުންގެ މުއައްސަސާ އިން ކުރާނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ފުރިހަމަަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފެބްރުއަރީ 7، 2012 ގައި ހިނގި ފަދަ ސަލާމަތީ ބާރުތަކުން ބަޔަކު ގައުމަށްވީ ގައްދާރުވުން ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކޯނީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
"އެކަންކަން ތަންފީޒު ނުކުރާހާ ހިނދަކު އަނެއްކާވެސް މިޔުޓްނީއެއް ނުކުރާނެ ކަމަށް ދަންނަވާކަށް ނުކެރޭނެ،" ނަޝީދު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި މިހާރު ތިބި ފަރާތްތަކާއި އަދި އެ މުއައްސަސާއާ އަލަށް ގުޅޭނެ ފަރާތްތަކުން ވެސް ސަރުކާރު ވައްޓާލުން ފަދަ އަމަލުތަކަށް އަރައިނުގަންނާނެ ކަމުގެ ޔަގީންކަން ލިބެނީ އެ މުއައްސަސާއަށް ގެންނަ ބަދަލުތަކުން ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ފުލުހުން އެ ޒާތުގެ ކަމެއް ކުރާނެ ކަމަކަށް." ހަމީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔައީ ހަތެއް ފެބްރުއަރީގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ވެސް ބަޔަކު ސަރުކާރާ ދެކޮޅަށް ނުކުމެ، ހިނގި ހަމަނުޖެހުންތަކަށްފަހު ރައީސްކަމުން އެމަނިކުފާނު އިސްތިއުފާ ދެއްވުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު