މެންޗެސްޓާ ސިޓީގައި މިހާރު އޮތް ޓީމަށް ލިއޮނަލް މެސީ ބޭނުން ނުވާނެ ކަމަށާއި ސިޓީއަށް މެސީ ގެންގޮސްގެން ޓީމުގައި މައްސަލަ ޖެހޭނެ ކަމަށް ކުރިން އެކްލަބަށް ކުޅެފައިވާ އެމީލް ޕެންޒާ ބުނެފިއެވެ.

މިދިޔަ ސީޒަނަށްފަހު މެސީއާއި ބާސެލޯނާއާ ދެމެދު މައްސަލަތަކެއް ދިމާވެ، މެސީ ވަނީ ކްލަބުން ދޫކޮށް ދިނުމަށް އެދިފައެވެ. އޭރު ބާސާގެ ރައީސް ކަމުގައި ހުންނެވި ޖޯސެފް ބާޓޮމިއޫ އެކަމަށް ހުރަސް އެޅުމުން މެސީއަށް އެކަން ކާމިޔާބުވެފައި ނުވާ އިރު، މެސީ ވަނީ މީޑިއާއަށް ވަރުގަދަ ވާހަކަތަކެއް ދޫކޮށްލައިފައެވެ. އެ އިންޓަވިއުގައި މެސީ ބުނީ މި ސީޒަނަކީ އޭނާ ބާސާއަށް ކުޅޭނެ ފަހު ސީޒަން ކަމަށެވެ.

އެހިސާބުން މެސީއަށް އެންމެ ބޮޑަށް ފާރަލާފައިވާ ކްލަބަކީ ސިޓީއެވެ. ސިޓީން ވަނީ މެސީ ގެންދަން ހަރަދުކުރަން ތައްޔާރަށް އޮތް ކަމަށްވެސް ބުނެފައެވެ. ހާއްސަކޮށް ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާއަކީ މެސީގެ ރަން ދުވަސްވަރު އޭނާގެ ކޯޗު ކަމަށްވުމަކީ މެސީ ސިޓީއަށް ދާނެ ކަމަށް ބެލެވޭ އެއް ސަބަބުވެސް މެއެވެ.

މެސީ ގެންދިޔުމާ ގުޅޭގޮތުން ކްލަބަށް ކުރިން ކުޅުނު ޕެންޒާ ބުނީ ސިޓީއަށް މެސީއަށްވުރެ މުހިއްމު ވާނީ ޑިފެންސިވް ކުޅުންތެރިން ކަމަށާއި ގާޑިއޯލާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޑިފެންސްގެ މައްސަލަތައް ކަމަށެވެ.

"އަހަންނަށް ގަބޫލުކުރެވެނީ ޑިފެންސްގެ މައްސަލައަކީ ގާޑިއޯލާ އެންމެ އިސްކަމެއް ދޭން ޖެހޭ މައްސަލަހެން. މެސީ ކަހަލަ ކުޅުންތެރިއެއް ސިޓީއަށް ބޭނުމެއް ނުވޭ،" ޕެންޒާ ބުންޏެވެ.

"ސިޓީގެ ޑިފެންސް އޮންނަނީ ފޫ ގޮސްފައި. ކޮމްޕެނީ ނެތްތަން ފޫބައްދަން ސިޓީ ވަނީ ނުކުޅެދިފައި. އެ ސްޓޭބިލިޓީ ސިޓީގެ ޑިފެންސަކު ނެތް. ސިޓީގެ ޑިފެންސް މައްސަލަތައް ހުއްޓައި މެސީ ކަހަލަ ހައި ޕްރޮފައިލިކް ކުޅުންތެރިއެއް ގެންގޮސްގެން ޓީމުގައި މައްސަލަތަކެއް ޖެހޭނެ،" ޕެންޒާ އިތުރަށް ފާހަގަކުރިއެވެ.

ޕެންޒާ ފާހަގަކުރި ގޮތުގައި މެސީ ކުޅޭ އެޓޭކިން މަގާމުތަކަށް ކުޅުމަށް މިހާރުވެސް ސިޓީގައި ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި މެސީގެ ސަބަބުން މިހާރު ތިބި ކުޅުންތެރިން ނާއުންމީދު ވާނެ ކަމަށެވެ.

އުމުރުން 33 އަހަރުގެ މެސީ މިސީޒަން ދަށްކޮށް ފަށާފައިވާ އިރު، އޭނާގެ ފަރާތުން އެންމެ ގަޔާވާ ކުޅުމެއްވެސް އަދި ފެނިފައެއް ނުވެއެވެ.