ހިމާޔަތްކޮށްފައިވާ ސަރަޙައްދެއް ކަމުގައިވާ ކ. ތަނބުރުދޫ ތިލައިގެ ޒޮނޭޝަން މުރާޖައާކޮށް، ތަނބުރުދޫ ހިމެނޭގޮތަށް ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅުއްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ތަނބުރުދޫ އާއި އެރަށު ތިލަ ހިމާޔަތް ކުރުމަށް ރައީސް ނިންމަވާފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމަށްފަހު ވަޒީރުންގެ ލަފާގެ މަތިންނެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރުމަށްފަހު ހިމާޔަތްކުރުމަށް ނިންމި ސަރަހައްދަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ސަރަހައްދެކެވެ. މި ސަރަހައްދު ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅި މައިގަނޑު ސަބަބަކީ ތަނބުރުދޫ އާއި އެ ރަށް ވަށައިގެންވާ މާހައުލަކީ ވެސް ގުދުރަތީ އަދި ތަބީއީ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދެއްކަމުގައިވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.

މިއަދުގެ ބައްދަލުވުމުގައި މި ސަރަހައްދުގެ ހާއްސަ ސިފަތަކުގެ މައްޗަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ތައްޔާރުކޮށްފައިވާ ޓެކްނިކަލް ސާވޭ ރިޕޯޓާއި އަދި މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ތައްޔާރުކޮށްފައިވާ "ކ. ތަނބުރުދޫ ގުދުރަތީ އާސާރެއް،" މި ކަރުދާހުގެ މައްޗަށް ވަޒީރުން ވާހަކަ ދެއްކެވިއެވެ.

ތަނބުރުދޫ އަކީ ރާޅާ އެޅުމަށް ހާއްސަ ޕޮއިންޓެކެވެ. މާލެ ސަރަހައްދުގެ ރާޅާ އެޅުންތެރިން ވަރަށް ގިނައިން ތަނބުރުދުއަށް ރާޅާ އެޅުމަށް ދެއެވެ. މީގެ ކުރިން އެރަށް ވަނީ ރިސޯޓެއް ހަދަން ސިފައިންގެ ވެލްފެއާ ކުންފުންޏަށް ދީފައެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއް ކަނޑޫފާ ރައްކާތެރި ކުރުމަށް ނިންމި ނިންމުމުގެ ދަށުން ބޮޑުތިލަދުންމަތީގެ 14 ސަރަހައްދަކާއި އައްޑޫ ސިޓީގެ ހަތަރު ސަރަހައްދަކާއި ފުވައްމުލައް ސިޓީގެ އެއް ސަރަހައްދު، އަދި ފާދިއްޕޮޅުގެ ފަސް ސަރަހައްދެއް ހިމެނޭހެން ޖުމްލަ 24 ސަރަހައްދު މިހާތަނަށް ވަނީ ހިމާޔަތްކޮށްފައެވެ. އަދި ތިމާވެށީގެ ގާނޫނުގެ ދަށުން މާލެ އަތޮޅު އުތުރު އަދި ދެކުނު ހިމެނޭގޮތަށް 11 ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ނުވަ ޑައިވް ސައިޓަކާއި، ކ. ރަސްފަރިއާއި ކ. ހުރާގެ ކަނޑޫފާ ސަރަހައްދެވެ.