ކ. ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގެ ތެރެއިން ބަނގްލަދޭޝްް މީހެއް ކަމަށްވާ ޝާހް އާލަމް މަރައިލި މައްސަލައިގައި، ބައެއް ހެކިންނަކީ ފިލައިގެން ހިނގައިދާނެ ބައެއް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވެއްޖެއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އެ މައްސަލައިގެ އަޑު އެހުުމުގައި، ކެހިބަސް ނެގުން ލަސްވަމުންދާ މައްސަލައިގައި، ދައުލަތުގެ ވަކީލު ވިދާޅުވީ ބައެއް ހެކިންގެ ހެކި ބަސް ވީ އެންމެ އަވަހަކަށް ނަގަން ބޭނުންވާ ކަމަށެވެ.

އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންނަކީ ބާބުލް މިއާ އާއެކު އެއް ގެއެއްގައި ދިރިއުޅުނު ބަންގްލަދޭޝް ބަޔަކާއި، ބާބުލް މިއާ އާއީ ޝާހް އާލަމްގެ ރައްޓެހިންގެ ގޮތުގައި ތިބި އެ ގައުމުގެ ބައެކެވެ.

ޝާހް އަލަމް މަރާލާފައި ވަނީ މިއަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.

އޭނާގެ މަރުގެ މައްސަލައާ ގުޅިގެން، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ވަނީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ބަބުލް މިއާ ގެ މައްޗަށް އުފުލައިފަ އެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމަކީ ވެސް ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.

ނަމަވެސް ދައުވާ ރައްދުވާ ބާބުލް މިއާ އަށް ދައުލަތުން ހަމަޖައްސައިދީފައިވާ ވަކީލަށް އޭނާއާ މުއާމަލާތް ކުރެވޭނެ ގޮތް ހަމަޖެހިފައި ނުވާތީ އެކަން ހަމަޖައްސައިދިނުމަށް ވަކީލު ވަނީ އެދިވަޑައިގެންފައެވެ.

އެ މައްސަލައިގައި ދައުލަތުން ވަނީ ބާބުލް މިއާގެ ވަކީލަށް ތަރުޖަމާނަކާ އެކު ވަގުތު ދިނުމަށްވެސް އިއުތިރާޒެއް ނެތް ކަމަށް ބުނެފައެވެ.

އެކަމާގުޅިގެން މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމެއްގައި ހެކިބަސް ނަގަން ނިންމަވައި، ދައުވާއަށް ބާބުލް މިއާގެ ވަކީލު ފުރިހަމައަށް ތައްޔާރުވުމަށް އެދިވަޑައިގެންފައެވެ.

މި މައްސަލަ އަވަސްކޮށްދިނުމަށް މިއަދުގެ އަޑުއެހުމުގައި މައްސަލަ ރައްދުވާ ބާބުލްމިއާ ވަނީ ޝަރީއަތުގެ މަޖިލީހުގައި އެދިފައެވެ.