އާންމު ފަރުދުންނާއި ވިޔަފާރިތަކުން އިޔާދަކުރަނިވި ހަކަތަ އަށް އަމާޒުކޮށްގެން ހިންގާ ތިމާވެއްޓާއި ރައްޓެހި މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާއްސަ ގްރީން ލޯނެއް ތައާރަފުކޮށްފި އެވެ.

މި ލޯނު ދޫކުރަން ހަމަޖެހިފައިވަނީ އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓުތަކުގެ ތެރެއިން އިރުގެ އަވިން ހަކަތަ އުފެއްދުމަށް ނުވަތަ އެނާޖީ އެފިޝަންޓް މުދާ ގަތުމަށާއި އެފަދަ ޕްރޮޖެކްޓްތަކަށް އިންވެސްޓް ކުރުމަށެވެ.

ބީއެމްއެލުން ބުނީ، ގްރީން ލޯނުގެ ދަށުން ޝަރުތު ހަމަވާ ކަސްޓަމަރުންނަށް 50،000 ރުފިޔާއިން ފެށިގެން 500،000 ރުފިޔާއާ ހަމައަށް އެއްވެސް ރަހުނަކާ ނުލައި ލޯން ލިބޭނެ ކަމަށެވެ. މި ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭއިރު އިންޓްރެސްޓް ރޭޓަކީ 12 ޕަސެންޓެވެ. މިއީ ރަހުނަކާ ނުލައި ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ދަށް އަދަދެއް ކަމަށް އެ ބޭންކުން ބުނެ އެވެ.

އޭގެ އިތުރުން ބޮޑު އިންވެސްޓެއް ކުރުމަށް ބޭނުންވާ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 20 މިލިއަން ރުފިޔާއާ ހަމައަށް ގްރީން ލޯން ލިބޭ ގޮތް ހަމަޖައްސައި އިންޓްރެސްޓް ރޭޓް 10 ޕަސެންޓަށް ވަނީ ދަށްކޮށްފަ އެވެ. އެގޮތަށް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން ޕްރޮޖެކްޓްގެ 15 ޕަސެންޓް އަމިއްލަ އަށް ހަރަދު ކުރަން ޖެހޭނެ އެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރު ލިބިގެންދާނެ އެވެ.

ބީއެމްއެލުން ބުނީ، ކަސްޓަމަރުންނަށް މާލީ އެހީތެރިކަން ހޯދުމުގައި ލުއިތަކެއް ހޯދައިދިނުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މި ގެނެވުނު ބަދަލާއެކު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހެޔޮ އަގެއްގައި ދެމެހެއްޓެނެވި ހަކަތަ ބޭނުންކުރާ މުޖުތަމައެއް އުފެއްދުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ބީއެމްއެލްގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިން ޑައިރެކްޓަރު މޫސާ ނިމާލް ވިދާޅުވީ ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ބޭނުންވާ މިންވަރު ރާއްޖޭގައި އިތުރުވަމުން އަންނަ ނިސްބަތަށް ބަލައި، އަދި ރަހުނަކާ ނުލައި ގްރީން ލޯން ދޫކުރެވޭ ގޮތަށް މި ގެނެވުނު ބަދަލުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މި ގެނެވުނު ބަދަލުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ މާކެޓުގައި ހިމެނޭ ވިޔަފާރިތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.