ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހުމަދު މޫސާގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ފުލުހުން ބުނާ ގޮތުން، އަހުމަދު މޫސާއަކީ ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ދެ މީހުންގެ ތެރެއިން އެކަކެވެ.
އެކަމުގައި ދެން އެންމެ އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވެނީ ގއ. ވިލިނގިލި/ ލައިޓްހައުސް، ޝަހީބް އިބްރާހިމް އެވެ. ނަމަވެސް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިއުމުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. އަދި އެ މައްސަލަ މިހާރު ވަނީ އިސްތިއުނާފު ކޮށްފަ އެވެ.
މި މައްސަލައިގައި އަހުމަދު މޫސާ ހައްޔަރުކޮށް ފުރަތަމަ ޖެހީ ފަސް ދުވަހެވެ. ނަމަވެސް ފަހުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އަހުމަދު މޫސާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިމަހުގެ ދެވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް އިތުރު 10 ދުވަސް ދީފައިވާ ކަމަށެވެ.
މި މައްސަލައިގައި ޝަހީބާއި އަހުމަދު މޫސާގެ އިތުރުން އިތުރު ތިން މީހަކާއި ކުޑަކުއްޖަކު ވެސް ހައްޔަރުކުރި އެވެ. ފުލުހުންގެ އޮފިޝަލު ވިދާޅުވި ގޮތުގައި އެ އެންމެން ވެސް ތިބީ ބަންދުގަ އެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް، ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ރާއްޖެއަށް ކަނޑުމަގުން އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތި ހޯދީ، ހުޅުމާލެ ފަޅުތެރޭގައި އޮތް ދޯންޏެއްގެ ތެރެއިންނެވެ. ދޯނިން ފެނުނު ތަކެތީގެ ތެރޭގައި ހިމެނެނީ މެޓައެމްފިޓަމިން އާއި ހެރޮއިން ކަމަށް ފުލުހުން ބުނެ އެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް