މޯލްޑިވިއަން ބްލަޑް ސާވިސްއަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް ކަމާ ގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިފަދައިން ވިދާޅުވީ، މޯލްޑިވިއަން ބްލަޑް ސާވިސަސްގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި، މޯލްޑިވިއަން ބްލަޑް ސާވިސަސްގެ އިސްވެރިން ވަނީ ޓެލެކޮންސަލްޓޭޝަންގެ ހިދުމަތްތައް ފެށުމަށް ކުރަމުން އަންނަ ތައްޔާރީތަކާއި ހިދުމަތް ހޯދާ މީހުންގެ ރެކޯޑުތައް ބެލެހެއްޓުމުގެ މަސައްކަތް "ޑިޖިޓަލައިޒް" ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ނައިބު ރައީސްއާ ހިއްސާކުރައްވައިފައެވެ.

މީގެ އިތުރުން އެ ސާވިސްއިން ދެމުންގެންދާ ހިދުމަތްތައް ހަރުދަނާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ވެސް އެ ބޭފުޅުން ނައިބު ރައީސްއާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ އިރު، އެކަމެއްގައި ޝާމިލުވާ ހުރިހާ އިދާރާތަކެއްގެ ހިއްސާއާއި ބައިވެރިވުން އޮންނަ ގޮތަށް ކަންތައްތައް ނިންމުމަށް އެދިވަޑައިގަންނަވައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސްގެ އަރިހުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.