ދ. މީދޫ ޔަންގް ސްޓާ ސްޕޯޓްސް ކްލަބުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ކުޑަކުދިންގެ ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

16 އަހަރުން ދަށުގެ އުމުރުފުރާއަށް އަމާޒުކޮށްގެން ހުޅުވާލި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލީ މީދޫގެ ޓީމުތަކަށެވެ. މިމަހުގެ 15 ވަނަ ދުވަހަށް ބައިވެރިވުމުގެ މުއްދަތު ހަމަވާ އިރު، މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

"މިއަހަރަށް އިއުލާން ކޮށްލާފައި މިހާރު މުބާރާތް އޮތީ. ރަޖިސްޓްރީ ވާން ޖެހޭނީ ނޮވެމްބަރު 15 ވަނަ ދުވަހުގެ ކުރިން. ރަށަށް ހުޅުވާލެވިގެން މިއީ މުބާރާތް ކުރިއަށްގެންދެވޭ ހަތަރުވަނަ ފަހަރު މިހާރު. މުބާރާތުގެ މައިގަނޑު މަގުސަދަކީ ހުނަރުވެރި ކުދިންތަކެއް ފުޓުބޯޅައިގެ މައިދާނަށް ނެރުމުގެ އިތުރުން ކުޑަކުދިންނަށް ފުޓުބޯޅައާއި ކުޅިވަރުގެ ތެރެއިން ރަނގަޅު އަހުލާގެއް ދަސްކޮށްދިނުން. ކްލަބުގެ އުންމީދަކީ މެދުކެނޑުމެއް ނެތި މުބާރާތް ކުރިއަށް ގެންދިޔުން. މި މުބާރާތުގައި ފައިސާގެ އިނާމެއް ނުދެން. އެއީ ކުޑަކުދިންގެ މުބާރާތަކަށް ވެފައި، އެކުދިންގެ އުމުރާ ނުގުޅޭ ކަމަކަށްވީމަ. ޓްރޮފީތައް ދެވޭނެ،" މުބާރާތާ ގުޅިގެން "ވަން"އަށް މައުލޫމާތުދެއްވަމުން ޔަންގް ސްޓާ ސްޕޯޓްސްގެ ރައީސް އިބްރާހީމް އަފްރާހު ވިދާޅުވިއެވެ.

އަފްރާހު ވިދާޅުވީ މީދޫގެ ޒުވާން ޖީލަށް މުބާރާތުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށް ގަބޫލުކުރެވޭ ކަމަށާއި ވަރަށް ރަނގަޅަށް މުބާރާތުގެ މަގުސަދު ހާސިލުވަމުން އަންނަ ކަމަށެވެ.

އެންމެފަހުން ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ރަނަރަޕް ދ. މީދޫގައި، އެ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ އެހީތެރިކަމާއެކު އަޅައިދީފައިވާ ފެންވަރު ރަނގަޅު ޓާފް ދަނޑެއް އޮވެއެވެ. އެ ދަނޑުގެ ސަބަބުން ފުޓުބޯޅަ އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް ޔަންގް ސްޓާ ސްޕޯޓްސްގެ ރައީސް އަފްރާހު ފާހަގަކުރައްވައެވެ.

ރާއްޖޭގައި އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތެއް ބާއްވާފައި ވަނީ ނ. އަތޮޅުގަ އެވެ. ޝިޔާމް މައުރޫފް ސޮކާ ކަޕްގެ ނަމުގައި އެ އަތޮޅު ހުރިހާ ރަށެއްގެ މެދުގައި ބޭއްވި ފުޓުބޯޅަ މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ފޯރިގަދަ އަދި އެންމެ އަގުބޮޑު މުބާރާތެވެ.