ރ. މަޑުއްވަރީގެ އިހުތިސޯސްގެ ތެރޭގައި އުފުލަންދޫ ހަމަޖައްސަވައިދެއްވުމުގެ އިތުރުން ރ. މީދޫގެ އިހުތިސޯސްގެ ތެރެއަށް ތާވާތާ ހިމަނައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު މަޑުއްވަރީއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މަޑުއްވަރީގެ ބިމުގެ ޖާގައިގެ ދަތިކަން ދިމާވެފައިވާ ރަށެއް ކަމަށްވުމުން މަޑުއްވަރީ ބިން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކާނެ ކަމަށެވެ. ރައީސް ވިދާޅުވީ މިއަހަރުގެ ތެރެއިގައި ހަ ވަރަކަށް ހެކްޓަރުގެ ބިން މަޑުއްވަރިން ހިއްކާނެ ކަމަށެވެ.

"ހައެއްކަ ހެކްޓަރު މި ރަށަށް އިތުރުކުރެވެން އޮތީ. އެއަކުން ގެދޮރުގެ މައްސަލަ ހައްލުނުވާނެ. ރަށުގައި ހުރި އިގުތިސޯދީ ބޭނުންތަކަށް ބޭނުންކުރާ ތަންތަން ރަށުގެ ބޭރަށް ގެންދިއުމަކީ ބިމުގެ ބޭނުން އެންމެ ބޮޑަށް ހިފޭނެގޮތް. މި ރަށުގައި ފައިބަރުގެ މަސައްކަތްކުރާއިރު ކެންސަރުގެ މައްސަލަވެސް ބޮޑު. އެހެންވީމަ އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ މި ހުރިހާ މައްސަލައެއް ހައްލުވާގޮތަށް އުފުލަންދޫ މިރަށުގެ އިހުތިސޯސްގެ ތެރޭގައި ހިމަނައިދޭނަން. އެކަމުގެ ގާނޫނީ ލިޔެކިޔުންތައް ހަމަޖެހިގެންދާނެ. އެއާއެކު ދިރިއުޅޭ ސަރަހައްދުގައި ހުންނަންނުޖެހޭނެ ކަންކަން އެތަނަށް ބަދަލުކުރުމަށް އެދެން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މަޑުއްވަރީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، ހިއްކާ ސަރަހައްދު ހިމާޔަތްކުރުމާއި، ބަނދަރުގެ ބޭރު ތޮށީގައި އުޅަނދު އެޅޭނެގޮތަށް ހުރިހާކަމެއް އެކުއެކީގައި ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މީދޫއަކީ ވެސް ބިމުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން އެ ރަށަށް ވެސް ފަޅު ރަށެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މީދޫގައި ވެސް ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑު. މީދޫ ރައްޔިތުންނަށް ވެސް ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. މީދޫގެ އިހުތިސާސްގެ ތެރޭގައި ތާވަތާ ހިމަނަން ނިންމި ވާހަކަ އަޅުގަނޑު އިއުލާނުކޮށްލަން ބޭނުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ރާއްޖޭގެ ކޮންމެ ރަށަކަށް ފަޅު ރަށެއް ލިބޭ މިންވަރަށް ރަށްތަކަށް އެދެން ހުޅުވާލާނެ ކަމަށެވެ. ރައީސް ވިދާޅުވީ ފަޅު ރަށްތައް ދޫކުރާއިރު އެއީ އެހެން ވެސް މިނިސްޓްރީއަކަށް ނޫނީ އަމިއްލަ ބަޔަކަށް ދީފައި އޮތް ރަށެއް ނޫންކަން ނުވަތަ ގާނޫނީ މައްސަލަގަނޑެއްގެ ތެރޭގައި އޮތް ރަށެއް ނޫންކަން ސަރުކާރުން ޔަގީން ކުރާނެ ކަމަށެވެ.