ރިޕޯޓް

ހުކުރު މިސްކިތް ފެނި ލަންކާ އެކުވެރިޔާވީ އާޝޯހް!

އަހުމަދު ސާއިލް އަލީ

1

"އެތަނަށް ވަނުމުން ފުރަތަމަ ވެސް ފެންނަނީ ކާބަފައިންގެ މޮޅު އަތްތެރި މަސައްކަތުގެ ފުރިހަމަކަން. މިސްކިތުގެ ކޮންމެ ބަޔަކުން ވެސް އެމީހުންގެ ހުނަރުވެރިކަމާއި މިސްކިތް ހަދާފައި ހުރި ފުރިހަމަކަން ބުނެދޭ." މިއީ ރާއްޖޭގައި މަސައްކަތް ކުރާ ލަންކާގެ މުސްލިމެއް ކަމަށްވާ ޑިލްޝާން ނަލީމް، 38، ހުކުރު މިސްކިތަށް ގެންދިއުމުން ފުރަތަމަ ވެސް އޭނާ ބުނި ވާހަކަ އެވެ.

ކުރިއަރާފައިވާ އިސްލާމީ ސިޓީތައް ކަމަށްވާ އަބޫދާބީ އާއި ދުބާއީ ފަދަ ތަންތަނަށް ވެސް މީގެ ކުރިން ގޮސްފައިވާ އަދި އެތަންނުގެ މިސްކިތްތަކަށް ވެސް ގޮސްފައިވާ ޑިލްޝާން ބުނިގޮތުގައި މިހާ ރީތި މިސްކިތަކަށް މީގެ ކުރިން އޭނާއަށް ދެވިފައެއް ނެތެވެ. އެހާ ޒަމާންވީ މިސްކިތެއް އެ ޒަމާނުގައި ހަދާފައިވާ ގޮތުން އެ އެކުވެރިޔާ ހަމަ އާޝޯހުވި އެވެ.

"މުޅި ދުނިޔޭގެ ވެސް އެންމެ ފުރިހަމަ ހިރިގަލު އިމާރާތްތަކުގެ ތެރޭގައި މިތަން ހިމެނޭނެ. މިއީ 1656 އާއި 1658 ދެމެދުގެ ޒަމާނުގައި އަޅާފައިވާ ތަނަކަށްވާއިރު ތަނުގެ މަސައްކަތް ނިންމާފައިވާ ރީތިކަމާއި ފުރިހަމަކަން ވަރަށް ވެސް ރީތި. މިސްކިތުގެ ފުރާޅާއި ސަޕޯޓުގެ ގޮތުގައި ހުރި ލަކުޑި ތަނބުތައް ވެސް ވަރަށް ނަލަ،" ހުކުރު މިސްކިތަށް ތައުރީފު ކުރަމުން ޑިލްޝާން ބުންޏެވެ.

ދިވެހި ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ "ވޯޓާ ޕާކް މޯލްޑިވްސްގެ" ޖެނެރަލް މެނޭޖާ، ޑިލްޝާން މިހާރު ވަނީ އާންމުކޮށް ހުކުރު މިސްކިތަށް ދާން ފަށައިފަ އެވެ. އެ ދާ ދިއުމުގައި އޭނާގެ އެކުވެރި އެހެން މުސްލިމް ބިދޭސީން ގެންގޮސް އެ މީހުންނަށް އެ މިސްކިތާ ގުޅޭ މައުލޫމާތު ދިނުމަކީ ޑިލްޝާން މިހާރު ލޯބި ކުރާ ކަމެކެވެ.

"ހުރިހާ މިސްކިތަކީ ވެސް ހިތަށް ފިނިކަން ގެނެސްދޭ އަމާން ތަންތަން. އެކަމަކު އަހަރެންނަށް މިއީ އެންމެ އަމާން ތަން. ޔަގީނުން ވެސް މިއީ ރާއްޖެ އައިސް ޒިޔާރަތްކުރަން ޖެހޭ ތަނެއް،" ޑިލްޝާން ބުންޏެވެ.

ވާނީވެސް އެހެންނެވެ. މި މިސްކިތަކީ ދިވެހީންގެ މަސައްކަތްތެރިކަމުގެ ކުޅަދާނަކަމާއި ހުނަރުވެރިކަން އެކުލެވޭ އިސްލާމީ ސަގާފަތާއި އިމާރާތް ކުރުމުގެ ފަންނު ދައްކުވައިދޭ ވަރަށް މުހިންމު ތަނެކެވެ. މި މިސްކިތުގައި ނަމާދު ކުރުމުގެ އިތުރުން އިސްލާމީ ތައުލީމު ފެތުރި އެވެ. މާލޭގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ހަދާފައިވާ މިސްކިތްތަކަށް ވުރެ ވެސް ހާއްސަ ކަމެއް މި މިސްކިތަށް ލިބެނީ މަސައްކަތުގެ ފުރިހަމަ ކަމުންނެވެ.

އެތައް ސަތޭކަ އަހަރެއް ވެފައިވާ ފުރިހަމަ ބިނާއެއް

އިމާރާތް ކުރިތާ 362 އަހަރަށް ވުރެ ގިނަ ދުވަސް ވީ ހުކުރު މިސްކިތަކީ ދުނިޔޭގެ ސަގާފީ ތަރިކައިގެ ވަގުތީ ލިސްޓުގައި މިހާރު ހިމެނޭ ތަނެކެވެ. ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ލިޔުންތައް ބުނާގޮތުން މި ފުރިހަމަ މިސްކިތް އިމާރާތްކޮށް ނިންމާލާފައިވަނީ ގާތްގަނޑަކަށް އަހަރާއި ހަ މަހުންނެވެ.

ހުކުރު މިސްކިތުގައި ކޮށްފައިވަނީ މުޅީންވެސް ގަލުވަޑާމާއި ލަކުޑީގެ ވަޑާމެވެ. ރޭނުމުގެ އެއްވެސް މަސައްކަތެއް އޭރަކު ކޮށްފައެއް ނެތެވެ. މާވަޑިންނަކީ ގއ. ކޮނޑޭ، އަލީމާވަޑިކަލޭގެ އާއި މަހުމޫދު މާވަޑިކަލޭގެ އެވެ. މިސްކިތުގެ ބިތްތަކާއި ތަނބުތަކާއި ބެރިބެރީގައި މުޅިންހެން ވަނީ ގުރުއާނުގެ އާޔަތާއި ރަސޫލާގެ ހަދީސެވެ. ކޮންމެވެސް ވަރަކަށް މިސްކިތާ ބެހޭ ތާރީހީ ވާހަކަތަކާއި އޭރުގެ ރަސްގެފާނު ކުރައްވާފައިވާ އަމުރުފުޅުތައް ވެސް މިސްކިތުގެ އެކި ހިސާބުތަކުގައި ލިޔެފައިވެ އެވެ.

އެކި ކަންކަމަށް ހާއްސަ މެޝިނެރީސް ނެތް ޒަމާނުގައި ހަދާފައިވާ މި ރީތި މިސްކިތް ބައިކޮށްފައިވަނީ ތިން ބަޔަކަށެވެ. އެއީ ފަހު މިސްކިތާއި މެދު މިސްކިތުގެ އިތުރުން މިހުރާބުގެ ހިމެނޭ ގޮތަށެވެ.

މިސްކިތުގެ ތިން ފަރާތަށް ވަނީ ފެންޑާ ލައިފަ އެވެ. ފެންޑާގައި ދާލަ ލައި މިސްކިތުގެ ބިއްތައް ހިރިގަލުން ހަދާފައިވާ އިރު ދޮރުތައް ހަދާފައި ވަނީ ހައިވަކަރާއި ފުނަލަކުޑިންނެވެ. ތަނބުތަކާއި މަތީ ފަންގިފިލަޔާއި ލާގެތައް ހަދައިފައިވަނީ ކަޅަގާރިޔާއި ކެލަޔާއި ކަޅުވަކަރާއި ކަނަހަނދުނާއި ހައިވަކަރާއި ގަލުންނެވެ. ހަތަރު ކުލައެއްގެ ލާއިން މިސްކިތުގެ ކުރެހުންތަކާއި ލިޔުންތައް ފުރިހަމަ ކޮށްފައިވެ އެވެ. ހިރިގަލުން މިސްކިތުގެ ބޮޑުބައި ހަދައިފައިވާއިރު އެ ގާ ތަކުގައި ރީތި ޑިޒައިންތައް ވަނީ ކުރަހައިފަ އެވެ.

ބިމަށް ތަނބު ޖަހައި ތަނބުގެ މަތީގައި ކާލި ހަދައި ބުރަފަތިބެރި އާއި ހުރަސްބެރި ހިންގާ ދެބެރި ދޭތެރޭ ތަބައްތަނބު ޖަހައި ބެރިމަތިން ލާގެ އަރުވާފައިވެ އެވެ. ގަލުގެ ބިންތަކުމަތީ ބުރަފަތިވަކަރާއި ފަތްފޮށިވަކަރާއި އަރިވަކަރަށް ހިމެނޭ ގޮތަށް ވަކަރު އަޅައި ތޮނަބައި ޖަހައި، ލިޔާފިލާ ބަހައްޓާފައި ވެސްވެ އެވެ. މީގެން ކޮންމެ ތަނެއްގައި ވެސް ލާ ހިންގައި ލާފެން ކޮށް، ދިގުހަރު ލިޔެ ހަދައިފައިވަނީ އެކަންކަމުގެ ދެވަނަ މިސާލެއް ނުވާހާ ފުރިހަމަ ކޮށެވެ.

މި މިސްކިތް ފުރިހަމަވާ އަނެއް ސަބަބަކީ ތާރީހީ މުންނާރެވެ. މި މުންނާރަކީ 300 އަހަރު ވީ ބިނާއެކެވެ. މުންނާރު ބިނާކުރައްވައި ނިމުނީ ހިޖުރައިން 1085 ވަނަ އަހަރު އެވެ. މުންނާރު ބިނާކުރެއްވީ އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި އެއިރު އަރަބިކަރައިގެ މުންނާރުތައް ހުންނަގޮތަށް ކަމަށްވެ އެވެ.

މުންނާރު ހަދައިފައިވަނީ ހިރިގައު ކޮށައި މަށައިގެން ދެބުރިއަށެވެ. ފުރަތަމަ ބަޔަށްވުރެ ދެ ވަނަ ބައި ހިމަ އެވެ. ތަޅުކަނޑައި ފައްތައި އެއްކޮށްފައިވާ މުންނާރުގެ ގާތައް ފޭވެދާނެތީ ބޭރުގައި ރޯނު އޮޅާފައިވެ އެވެ. އެ ޒަމާނުގައި ބަންގި ގޮވަމުން ދިޔައީ މުންނާރަށް އެރުމަށް ފަހު އެވެ. އެކަން ހުއްޓާލީ 1964 ވަނަ އަހަރު މުންނާރުގައި ތާޅަފިލި ބެހެއްޓުމަށް ފަހުގަ އެވެ. މިސްކިތުގެ ތެރޭގައި ހުރެގެން ތާޅަފިލި މެދުވެރިކޮށް އަޑުގަދަކޮށް ބަންގި ގޮވަން ފެށީ 10 އޭޕްރީލް 1964 ވީ ހުކުރު ދުވަހުގެ މެންދުރު ނަމާދުގެ ބަންގިން ފެށިގެން ކަމަށް ގައުމީ މަރުކަޒުގެ ލިޔުްތަކުގައިވެ އެވެ.

މުޅި ގޯތިތެރެއަށް ދޮންވެލި ލާފައިވާ ހުކުރު މިސްކިތުގައި ވުޟޫ ކުރުމަށްޓަކައި ހަތަރު ފެންވަޅު ހުރެ އެވެ. އޭގެން ކޮންމެ ވަޅަކީ ވެސް ހިރިގަލުން ހަދައި ހިރިގަލުން ތިލަވަތް ގާ އަޅާފައިވާ ވަޅުތަކެކެވެ. ފަހުން ގެނައި ބަދަލުތަކާ އެކު ވުޟޫ ކުރުމަށް އިސްކުރު ބަރިއަކާއި ފާހާނާއެއް ވެސް މިސްކިތުގެ ގޯތި ތެރޭގައި ވަނީ ހަދައިފަ އެވެ.

މި މިސްކިތުގެ ގަބްރުސްތާނަކީ ވެސް ބޮޑު ސަރަހައްދެކެވެ. މި ތަނުގައި ރާއްޖޭގެ ވަރަށް ގިނަ ރަސްރަސްކަލުންނާއި ރަނިރަނިކަނބަލުންގެ އިތުރުން ރަސްދަރިކަލުންނާއި ރަސްދަރިކަނބަލުން އަދި އަމީރުންނާއި ވަޒީރުންނާއި އެ ނޫން ވެސް ވަރަށް ގިނަ އިއްޒަތްތެރީން ފަސްދާނު ލައިފައިވެ އެވެ. އަދި އެކި ދުވަސްވަރުގެ ފަނޑިޔާރުންނާއި އިލްމުވެރިންނާއި ބައެއް ހާއްސަ ބޮޑުން ވެސް މި ތަނުގައި ވަޅުލައިފައިވެ އެވެ.

މިއީ ދިވެހިން ފަހުރުވެރިވާ ފަދަ ބިނާ އެކެވެ. ބިދޭސީން މިތަން ފެނި އާޝޯހު ވަނީ ހަމަ ވާން ވެގެންނެވެ. މި މިސްކިތަށް ވަދެ ބަލައިލުމުން ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ފެނިގެންދެ އެވެ. އެކަން ފެނި ބިދޭސީން މިވަނީ ހައިރާންވެފަ އެވެ.