ބަހްރެއިންގެ ގައުމީ އެއާލައިން، ގަލްފު އެއާގެ ދަތުރުތައް އަންނަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް ފަށަން އެ އެއާލައިނުން ނިންމައިފި އެވެ.
ގަލްފު އެއާ އިން ބުނީ، އެ ދަތުރުތަކުގައި ބަހްރެއިން އާއި ރާއްޖެއާ ދެމެދު ހަފްތާއަކު ދެ ފްލައިޓް ބާއްވާނެ ކަމަށެވެ. އަދި އެ ދަތުރުތަކުގައި ބޭނުން ކުރާނީ އެ އެއާލައިންގެ އާ އެއާބަސް 321ނިއޯއެލްއާރުގެ ބޯޓެއް ކަމަށް ވެސް ގަލްފު އެއާ އިން ބުނެ އެވެ.
އެއީ އިކޮނޮމިކް ކުލާސްގައި 150 ގޮނޑި އަދި ފެލްކަން ގޯލްޑް ކުލާސްގައި 16 ފްލެޓް ބެޑް ގޮނޑި ހިމެނޭ ބޯޓެކެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ކުރަން ފެށި ގަލްފު އެއާ އިން މިހާރު ވެސް އަންނަނީ އަބޫ ދާބީ، ދުބާއީ، ކުވޭތު، ޖިއްދާ، މަދީނާ، މުސްކަޓް، ކައިރޯ، އައްމާން، ލަންޑަން، ޕެރިސް، އެތެންސް، މެނީލާ، ޑާކާ އަދި އިންޑިއާ އާއި ޕާކިސްތާނުގެ ބައެއް މަންޒިލްތަކަށް ފްލައިޓްތައް ބާއްވަމުންނެވެ.
ގަލްފު އެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމާއެކު އެ އެއާލައިން ވެގެންދާނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލި ފަހުން މެދުއިރުމަތިން ރާއްޖެއަށް ފްލައިޓްތައް ބާއްވާ ފަސް ވަނަ އެއާލައިނަށެވެ.
މެދު އިރުމަތިން ރާއްޖެއަށް މިހާރު ފްލައިޓްތައް ބާއްވާ އެއާލައިންތަކަކީ އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ގަތަރު އެއާވޭސް އަދި ފްލައި ދުބާއީ އެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި