ރޫޓު ފިހާރައިގެ ފައިސާ ފޭރުމުގައި ބައިވެރިވި އިތުރު ތިން މީހަކު ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ރޫޓު ފިހާރައިގެ ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރެން އުޅެފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 11:40 ހާއިރު އެވެ.
ފުލުހުން ބުނީ ރޫޓް ފިހާރައިގެ ފައިސާ ފޭރުމުގައި އަމަލީ ގޮތުން ބައިވެރިވި އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދެއް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި މީގެ ކުރިން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ވަނީ އެ ހަތަރު މީހުންގެ ވަނަވަރުވެސް އާންމުކޮށްފައެވެ.
އެ ހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަހުމަދު އަމީރު (20 އ) އާއި ގއ. ވިލިނގިލި/ ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު (23 އ) އާއި ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު (22 އ) އަދި ލ. ގަން/ ތުނޑި، ކީމިޔާގެ، އަބްދުﷲ ރާޝިދު (27 އ) އެވެ. މި ހަތަރު މީހުންނަކީ އެ ފައިސާ ފޭރެން މަސައްކަތް ކުރި ހަތަރު މީހުންނެވެ.
މި ހަތަރު މީހުންނަކީ ވެސް ވައްކަމާއި ތޫނު ހަތިޔާރުން ހަމަލާދީ، ފޭރުމާއި މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު