ރާއްޖޭގެ 32ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

އެމްއެންޑީއެފް ބުނީ މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު 06:00 ގައި ކަމަށެވެ. ތިނެއް ނޮވެމްބަރު ހަނދާނީ ބިނާ ސަރަހައްދުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

އެގޮތުން މި ރަސްމިއްޔާތުގައި ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ ޖަހައި، ގާޑް މައުންޓް ކޮށްފައިވަނީ ދިވެހި ސިފައިންގެ ދިދަ ޕާޓީގައި ހިމެނޭ ސިފައިން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. އެ ބިނާގައި ދިދަ ޖަހައި ގާޑް މައުންޓް ކުރުމަށްފަހު ހަތްބަޑީގެ ސަލާމެއް އަރުވާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ސިފައިންގެ އަޒުމް އާކުރުން އޮތްކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. ސިފައިންގެ އަޒުމް އާކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު އެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ސިފައިންގެ ޖެނެރަލް އޮފިސަރުން އަދި އެހެނިހެން ރޭންކްތަކުގެ އޮފިސަރުންގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސް އޮފިސަރުންނާއި ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކޮށްފައިވާ އެކި ރޭންކުތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާ ހިނގިއިރު ސިފައިންގެ ހިދުމަތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މިވަގުތު ސިފައިންގެ ހިދުމަތުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

ނަސްރުގެ ދުވަހާއި ގުޅިގެން ބޭއްވި މި ހާއްސަ މިރަސްމިއްޔާތު ނިންމާލާފައިވަނީ ސިފައިންގެ ލަވައިންނެވެ. މީގެ އިތުރުންވެސް ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއެންޑީއެފްގެ އޭރިއާތަކުގައި ހިމެނޭ އެމްއެންޑީއެފް ނޮދަން އޭރިއާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އަދި އެމްއެންޑީއެފް ސަދަން އޭރިއާގައި ޖަމާއަތުގައި ފަތިސް ނަމާދު ކުރުމުގެ އިތުރުން ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު ބާއްވާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި އޭރިއާތަކުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވާކަން އެމްއެންޑީއެފް އިން ފާހަގަ ކުރެއެވެ.