ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސް ދޯންޏަކަށް ތޫނު އެއްޗިއްސާއެކު އެރި މައްސަަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުށްވެރިކޮށް، ތަހުގީގު އަވަސްކުރުމަށް ގޮވާލައިފިއެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ފެންމަތިވި މި މައްސަލައިގައި ބަޔަކު އަރާފައިވަނީ ސ. ހިތަދޫގައި ދުއްވާ "ފަސްކުރި" ނަމަކަށް ކިޔާ ދޯންޏަކަށެވެ. އަދި އެ މައްސަލައާ ގުޅިގެން ޖުމްލަ 16 މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް ކޯޓުން ވަނީ އެ އެންމެން ދޫކޮށްލައިފައެވެ.

އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ދޯނި ހައިޖެކްކޮށް ދޯނީގައި ތިބި ފަޅުވެރިންނަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކި މައްސަލައަކީ ރާއްޖޭގެ ގާނޫނު އަސާސީންނާއި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި ރާއްޖެއިން ބައިވެރިވާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ މުއާހަދާތަކާއި ދިރިހުރުމުގެ ހައްގާއި ނަފްސު ރައްކާތެރިކުރުމުގެ ހައްގާއި މުދާ ރައްކާތެރިކުރުމުގެ ހައްގާއި މަސައްކަތްކުރުމުގެ ހައްގަށް ހުރަސްއެޅިދާނެ ފަދަ މައްސަލައެއް ކަމަށެވެ. އެހެންކަމުން މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައި ވަނީ ޓެރަރިޒަމްގެ މި މައްސަލައަކީ ހައްސާސް މައްސަލައެއް ކަމަށާއި ވީ އެންމެ އަވަހަށް ތަހުގީގުކޮށް، މި ބިރުވެރި އަމަލު ހިންގާފައިވާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނެސް، މި ހާދިސާ ކުރިމަތިވި މަސްވެރިންނަށް އިންސާފު ކަށަވަރުކުރުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކަށް އިލްތިމާސް ކުރާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުގެ އިދާރާތަކުން އެންމެ އެކަށީގެންވާ ފިޔަވަޅުތައް އަޅަމުންދޭތޯ ކޮމިޝަނުން ފާރަވެރިވެ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރު ގާތުން ބަލަމުން އަންނަ ކަމަށްވެސް ބަޔާނުގައިވެއެވެ.

މީގެ ކުރިން ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި މީހުން ކޯޓުން ދޫކޮށްލާފައިވާތީ އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ކަމަށެވެ. އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނައިރު މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމެއް ވެސް ތަހުގީގުގެ ތެރެއިން ބެލިގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދޯނީގެ ވެރިފަރާތާ ހަވާލާދީ ގަމު ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޝާހީން "ވަން" އަށް ވިދާޅުވީ، އެ ދޯންޏަކީ އެރަށު އިހުރާމުގޭ އިދުރީސް ނަމަކަށް ކިޔާ މީހެއްގެ ދޯންޏެއް ކަމަށެވެ. އަދި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެ ދޯނި ކާށިދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރަށް ވިއްކާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދޯނި ގަތުމަށް ކަނޑައެޅި އަދަދު އެއްކޮށް ދައްކާފައި ނުވުމުން އެ ދޯނި އަނބުރާ ހޯދަން ދޯނީގެ ވެރިފަރާތުން ފުލުހުންނަށާއި ކޯޓަށް ހުށަހެޅުމުން ލ. ގަމު ކޯޓުން ވަނީ ދޯނީގެ މައްސަލަ ވަކިގޮތަކަށް ނިމުމުގެ ކުރިން ފަސްކުރި ދޯނީގެ ވެރިފަރާތުގެ ހުއްދަނެތި އެއްވެސް މީހަކު އެ އުޅަނދަށް އަރައި ފޭބުމާއި ދޯނީގައި ތިންވަނަ ފަރާތެއް ތިބުމަކީ އިދުރީސްއަށް އިއާދަ ނުކުރެވޭ ބޮޑު ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އެހެންވެ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ފަސްކުރި ދޯންޏާއި އެ ދޯނީގައި ހުރި ތަކެތި ވަގުތުން ހަވާލުކުރަން ވަނީ އަމުރުކޮށްފައެވެ.