މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

މާޒިޔާއަށް ޔޫރަޕުގެ ލީގުތަކުގައި ކުޅެފައިވާ ތަޖުރިބާކާރު ގޯލްކީޕަރެއް

ޔޫރަޕް ގައުމުތަކުގެ ލީގުތަކުގައި ކުޅެފައިވާ އުމުރުން 29 އަހަރުގެ ގޯލްކީޕަރެއް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ސޮއިކޮށްފިއެވެ.

އަންނަ ސީޒަނަށް އެންމެ ބޮޑަށް ތައްޔާރުވަމުން އަންނަ، މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ކްލަބު މާޒިޔާއިން މިއަދު އިއުލާން ކޮށްފައިވަނީ ސާބިއާގެ ގޯލްކީޕަރު ނިކޮލާ ވުޖުނާކެވެ. ނިކޮލާއަކީ ޔޫރަޕް ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ބައެއް ގައުމުތައް ކަމަށްވާ ސާބިއާގެ އިތުރުން ބޮސްނިއާގެ ލީގުތަކުގައިވެސް ކުޅެފައިވާ ގޯލްކީޕަރެކެވެ. އޭގެ އިތުރުން އޭނާ ވަނީ މެސަޑޯނިއާގެ ފުރަތަމަ ޑިވިޝަންގައިވެސް ކުޅެފައެވެ.

ސާބިއާގެ އެކަޑެމީތަކުން ކެރިއަރު ފެށި ނިކޮލާ ވަނީ ސާބިއާގެ ދެވަނަ ޑިވިޝަންގެ ޓީމުތައް ކަމަށްވާ ސްލޯގާ ކްރަލިވޭއޯއާއި ރަޑްނީކީ ޕިރޮޓްގެ އިތުރުން ޑައިނަމޯ ރާންޖޭއަށްވެސް ކުޅެފައެވެ. 2017 ވަނަ އަހަރުން ފެށިގެން ނިކޮލާ މެސަޑޯނިއާގެ ފުރަތަމަ ޑިވިޝަންގައި ކުޅެފައިވާ އިރު، އޭނާ ވަނީ ސިލެކްސް ކްރަޓޯވާއާއި އަކެޑޭމިއާ ޕަންޑޭވްގެ އިތުރުން ބެލަސީމާ ސްޓްރޫމިކާއަށްވެސް ކުޅެފައެވެ.

އޭގެ ފަހުން ސާބިއާގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އެފްކޭ ރަޑްނިކް ސުލްޑުލީކާގެ އިތުރުން ބޮސްނިއާ ދެވަނަ ޑިވިޝަންގެ ވިޖެޑާގައިވެސް ނިކޮލާ ވަނީ ދުވަސްތަކެއް ހޭދަކޮށްފައެވެ.

މާޒިޔާއަކީ މިވަގުތު ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ފާހަގަކޮށްލެވޭ ޓީމެކެވެ. މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުވެސް އެ ކްލަބުން ކާމިޔާބު ކޮށްފައިވާ އިރު، މާޒިޔާއިން ވަނީ އޭއެފްސީ ކަޕްގައިވެސް މޮޅު ކުޅުމެއް ދައްކައިފައެވެ. މާޒިޔާ އިން އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖުގެ ޖާގައެއް ހޯދީ ޕްލޭ އޮފްގައި ބެންގަލޫރު އެފްސީ ކަޓުވާލުމަށްފަހުއެވެ. ގްރޫޕު ސްޓޭޖުގެ ބައެއް މެޗުތައް ކުޅުމަށްފަހު އޭއެފްސީން އޭއެފްސީ ކަޕް ކެންސަލް ކުރީ ކޮވިޑް 19އާ ގުޅިގެންނެވެ.

އޭއެފްސީ ކަޕް ކެންސަލް ކުރުމުން މާޒިޔާއަށް ބޮޑެތި މާލީ ގެއްލުންތަކެއް ކުރިމަތިވެފައިވާ އިރު، އެ ގެއްލުމުގެ ބަދަލު ނުދެވޭނެ ކަމަށް ދާދިފަހުން އޭއެފްސީން ވަނީ އަންގައިފައެވެ. މިދިޔަ ސީޒަންގެ ގިނަ މެޗުތަކެއްގައި މާޒިޔާގެ ގޯލް ބެލެހެއްޓީ އަފްގާނިސްތާން ގައުމީ ޓީމުގެ ގޯލްކީޕަރު އޮވޭސް އަޒީޒީއެވެ. އޭނާގެ އިތުރުން މާޒިޔާގެ ގޯލުން ދެން ފެނިފައިވަނީ ގައުމީ ޓީމުގެ ޒުވާން ގޯލްކީޕަރު ހުސައިން ޝަރީފެވެ.

މާޒިޔާއިން މިއަދު ވަނީ ކްލަބަށް ކުޅެމުންދިޔަ ސާބިއާގެ ޑިފެންޑަރު ޕީޓާ ޕްލަނިޗް ކޮންޓްރެކްޓް އާކުރިކަންވެސް ހާމަކޮށްފައެވެ. އޭއެފްސީ ކަޕްގެ އިތުރުން ލީގުގެ ފަހު މެޗުތަކުގައިވެސް ޕްލާނިޗް ފެނިފައިވާ އިރު، ލުބުނާނާއި އިންޑޮނޭޝިއާގެ ޓޮޕް ލީގްގައި ކުޅެފައިވާ ޕްލަނިޗް މާޒިޔާއިން ގެނައީ އޭއެފްސީ ކަޕަށް އެ ޓީމު ވަރުގަދަ ކުރުމުގެ ގޮތުންނެވެ.

މާޒިޔާއަކީ މި ސީޒަނަށްވެސް އެންމެ އަވަހަށް ފަރިތަކުރުންތައް ފެށި ޓީމެވެ. އެ ކްލަބުން އޭއެފްސީ ކަޕަށްވެސް ތައްޔާރުވަމުން އަންނަ އިރު، މިދިޔަ ސީޒަނަށްވެސް ނުކުތީ ހުރިހާ ތައްޓެއް ނެގުމަށެވެ. ކަންދިމާކުރި ގޮތުން ލީގަށްފަހު އެފްއޭ ކަޕްގެ މެދުތެރެއިން، ކޮވިޑް 19އާ ގުޅިގެން ސީޒަން ކެންސަލްކޮށްލީއެވެ.