ނޮވެމްބަރު ތިނެއްގައި، ބަރު ހަތިޔާރާއެކު ރާއްޖެ އައި އިންޑިއާ ސިފައިން ދެ އަހަރު ރާއްޖޭގައި ތިބުމަށްފަހު، އަނބުރާ ރާއްޖޭން ދިޔައީ އަމިއްލައަށް ފެނިގެން ކަމަށާއި ރާއްޖެއިން އެމީހުން ފޮނުވާލަން މަސައްކަތް ކޮށްގެން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މާދަމާއަކީ ނޮވެމްބަރު ތިނެއް 1988 ގައި ރާއްޖެ ހިފުމަށް ލަންކާގެ ޕްލޮޓް ޖަމާއަތުން، ދިން ހަމަލާއިން ރާއްޖެއަށް ނަސްރު ލިބުން ފާހަގަކުރާ ނަސްރުގެ ދުވަސް ކަމަށްވާތީ އެ ދުވަހާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އެ ހަމަލާއާ ގުޅިގެން އިންޑިއާ ސިފައިން ރާއްޖެ އައީ ދިވެހި ރައްޔިތުން އެދިގެން ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ އިސްތިގުލާލު ސަލާމަތްކޮށްދިނުމަށް ކަމަށެވެ.
އެއަށްފަހު ދެ އަހަރު އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށްފަހު އަނބުރާ ދިޔައީ އެމީހުން އެހާ އަވަހަށް ދާން ދިވެހިން ނޭދެނީސް ކަމަށްވެސް ވިދާޅުވިއެވެ.
"އިންޑިއާ ސިފައިން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިނެއްގައި ރާއްޖެ އައީ ބަރު ހަތިޔާރާއެކު ދިވެހިން އެދިގެން. ދިވެހިރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ އިސްތިގުލާލު ސަލާމަތްކޮށްދިނުމަށް. އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ދެ އަހަރު. 1990 ވަނަ އަހަރުގެ ޖަނަވަރީމަހު އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިޔައީ އެއްވެސް ދިވެއްސަކު އެދުވަހު އިންޑިއާ ސިފައިން އެހާ އަަވަހަށް ދިއުމަށް ހަގީގަތުގައި މާބޮޑަށް ނޭދި ތިއްބައި،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭން ދިޔަ ފަހުން މިވީ 31 އެއްހާ އަހަރު ދުވަހުގެ ތެރޭގައި އިންޑިއާ ސަރުކާރުން ގެންދިޔައީ ރާއްޖޭގެ ދިފާއީ ބާރުވެރިކަން އިތުރުކޮށްދެމުން ކަމަށްވެސް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެން ދެކޭ ގޮތުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިފެހެއްޓުމަށްޓަކައި އިތުރު ހަތިޔާރާއެކީގައި މި ރާއްޖެއަށް ކުއްލި ކުއްލިއަށް މީހުން އަންނަން ނުޖެހޭނެ އިންތިޒާމުތަކެއް އަޅުގަނޑުމެންނަށް މިވަނީ ކުރެވިފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެކަމަކު އެމަނިކުފާނު ވިދާލުވީ، އެއީ ވަކި ސަރުކާރަކުން ކުރި ކަމެއް ނޫން ކަމަށާއި އޭރުގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުއްސުރެ ފެށިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ހިންގަވަމުން ގެންދަވާ ސަރުކާރުގައިވެސް އަމަލުކުރަމުން ގެންދަނީ ހަމަ އެއްގޮތަކަށް ކަމަށެވެ.