ދުސްމިނުން މާލެ އަރައި ހަމަލާ ދޭން ފެށުމާއެކު ދިވެހި ސިފައިން ބިރުން ފިލި ވާހަކަ އާއި ގައުމުގެ ދިފާއުގައި ރައްދު ހަމަލާ ދޭން ނުކެރުނު ވާހަކައަކީ މިއަދު އެކި ގޮތްގޮތަށް ދައްކަމުން އަންނަ ވާހަކަތަކެކެވެ. އެ ހަމަލާއިން ރާއްޖެ ސަލާމަތްވީ އަވަށްޓެރި އިންޑިއާ ސިފައިން ރާއްޖެ އައިސް ދުސްމިނުންނާ ދެކޮޅަށް ދިން ހަމަލާތަކުގެ ސަބަބުން ކަމަށް ވެސް ވާހަކަ ދެކެވެ އެވެ. އެ ހާދިސާ ހިނގިތާ 32 އަހަރު މިއަދަށްވާއިރު ކަން ހިނގި ގޮތް އޮޅުވާލުމަށާއި ވަކި ބަޔަކު އެކަމުގެ ކްރެޑިޓް ނެގުމަށް އެކި ގޮތްގޮތަށް އެ ވާހަކަ މިވަނީ ދައްކަން ފަށައިފަ އެވެ.

"ތިޔަ ބުނާ ދިވެހި ސިފައިން ތިބީ ބިރުން އެނދު ދަށުގައި. ޔުނީފޯމް ވީދާލައި ރޯން. އިންޑިއާ ސިފައިން އައިކަމުން މި ގައުމު ސަލާމަތްވީ. އެ ނޫންނަމަ ތިބެން ޖެހޭނީ އަޅުވެތި ވެގެން،" މިއީ އުމުރުން 52 އަހަރު ދިވެއްސަކު އެ ހާދިސާ ކިޔައިދިން ގޮތެވެ.

އެ ދުވަހު ގައުމަށްޓަކައި ގުރުބާންވި މީހުންނާއި ދައުލަތުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. އެކަންކަން ލޮލުން ދުށް، އަދި ތަޖުރިބާ ކުރި އާއްމުންގެ ގިނަ ބަޔަކު ވެސް ދުނިޔޭގައި އެބަ ތިއްބެވެ. އެހެންކަމުން އެ ހަގީގަތް މިހާ އަވަހަށް އޮޅުވާލަން އުޅުނު ނަމަވެސް އެއީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ.

މީގެ 32 އަހަރު ކުރިން ނޮވެމްބަރު 3 ގައި ދިން އުދުވާނީ ހަމަލާއަކީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީގެ ހިތުގައި އުފެދިފައިވާ ރާއްޖޭގެ ވެރިކަންކުރުމުގެ ޝައުގުވެރިކަމުގެ ތެރެއިން އޭނާގެ އިސްނެގުމާއެކު އުފެދިގެން އައި ޓެރަރިސްޓް ހަމަލާއެކެވެ. އެ ހަމަލާ ރާއްޖެއަށް ދިނީ އިތުރު ހަ ދިވެއްސެއްގެ ބައިވެރިވުމާއެކު ސްރީލަންކާގެ ޕްލޯޓް ޖަމާއަތުގެ ތަމަޅަ ހަނގުރާމަވެރިން ހަތިޔާރާއެކު މާލެ ގެނެސްގެނެވެ. އެ ހަމަލާގައި 19 ދިވެހިން ޝަހީދު ކޮށްލި އެވެ. އޭގެ ތެރޭގައި ސިފައިންގެ އަށް ބޭކަލުންނާއި އާއްމުންގެ 11 މީހުން ހިމެނެ އެވެ.

ކަންހިނގި ގޮތުގެ ތަފްސީލީ މައުލޫމާތާއެކު 2012 ވަނަ އަހަރު ދިވެހި ސިފައިން ނެރެފައިވާ "ނޮވެމްބަރު ތިނެއް" ފޮތުގައި ބުނެފައިވާގޮތުން އެ ރޭގެ ފަތިހު ދުސްމިނުން މާލެ އަރައި ސިފައިންގެ މައިގޭޓާ ދިމާއަށް ހަމަލާދޭން ފެށުމާއެކު ހަމަ އެވަގުތު ސިފައިންގެއިން ރައްދު ހަމަލާދޭން ފެށި އެވެ. އެހެންވުމުގެ ސަބަބުން ދުސްމިނުންނަށް ކުރިއަށް އަރާނެ ފުރުސަތެއް ނުލިބުނެވެ. ދުޝްމިނުންގެ ހަމަލާތަކުގައި އެންމެ ފުރަތަމަ ޝަހީދުވީ ރައީސް އޮފީހުގެ ހުޅަނގު އުތުރު ގޭޓްގައި ޑިއުޓީއަށް ހުރި ޕްރައިވެޓް އަބްދުﷲ ޒުހައިރު އެވެ.

ފަތިހު 4:20 ގައި ސިފައިންގެއާ ދިމާއަށް ދުސްމިނުން ހަމަލާ ދޭން ފެށުމާއެކު ސިފައިންގޭގެ މައި ގޭޓްގެ ޑިއުޓީގައި ތިބި ޝަހީދު ހުސައިން އާދަމާއި އާދަމް މުހައްމަދު ވަގުތުން ރައްދުގައި ހަމަލާ ދޭންފެށި އެވެ. ހަމަލާ ބަދަލުކުރަން ފެށިތާ 10 ވަރަކަށް މިނިޓްފަހުން ޕްރައިވެޓް ހުސައިން އާދަމްގެ އަތަށް ވަޒަން އެރިކަމާއި ފުރަތަހަމަ މެގަޒިން ހުސްވެގެން ދެވަނަ މެގަޒިން ޖެހި ވާހަކަ ވިދާޅުވި އެވެ.

"ދެވަނަ މެގަޒިން ލޯޑްކޮށް ބަޑިޖަހަން ފެށުމާއެކު އޭނާގެ އަތުން ވަޒަން ހުސްވަނީއޭ އަދިވެސް ވަޒަން ނުލިބޭހާ ގޮވާލި. ޖަވާބުގައި ޑިއުޓީ އެންސީއޯ ލާންސްކޯޕްރަލް އަހުމަދު ރިޟާ ގޮވަމުންދިޔައީ އަދިވެސް ވަޒަނެއް ނުލިބޭ ކަމަށާއި އެތެރެއަށް ވަދެވޭތޯ ބެލުމަށް. އެވަގުތު ޕްރައިވެޓް ހުސައިން އާދަމަށް ވަދެވޭވަރަށް ދޮރު ހުޅުވައިދޭނަމޭ، އެތެރެއަށް ވަންނަން އަންނާށޭ ޕްރައިވެޓް ޖިހާދު އަހުމަދު ގޮވަމުންދިޔަ. ޕްރައިވެޓް ހުސައިން އާދަމް ގޮވަމުން ދިޔައީ އޭނާގެ އަތުގައި އެތެރެއަށް ވަދެވޭވަރަށް ވަޒަން ނެތް ކަމަށާއި ވަޒަންކޮޅެއް ލިބޭތޯ ބަލައިދިނުމަށް،" ފޮތުގައިވެ އެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން ހުސައިން އާދަމް ވިދާޅުވީ "އަހަރެން މަރުވަނީ. އަވަހަށް އެތެރެއަށް ވައްދައިދީ" މިހެންނެވެ. އިތުރު ވަޒަން ދެވެން ނެތް ކަމަށާއި އަދި އެވަގުތު ދުސްމިނުން ގޭޓަށް ހަމަލާ ދެމުންދާ ގޮތުން ސިފައިންގެ އެތެރެއަށް ވެއްދޭނެ ގޮތެއް ވެސް ނެތް ކަމަށް ރިޟާ ވިދާޅުވި އެވެ.

ރައްދުގައި ހުސައިން އާދަމް ހަމަލާދެމުން ދަނިކޮށް ދުސްމިނުން ދިން ހަމަލާތަކުން ބަޑީގެ މެގަޒިނަށް ވަޒަނެއް އަރައި މެގަޒިންތެރޭގައި ވަޒަންތައް ތާށިވެ، ލޯޑްކޮށްދިނުން ހުއްޓުނެވެ. ހުސައިން އާދަމް ދެމުންދިޔަ ރައްދު ހަމަލާ ހުއްޓުނު ވަގުތު ދުސްމިނުންނަށް ފުރުސަތު ލިބި، ދޮށިމޭނާ ބިލްޑިންގެ ސިފައިންގެއާ އެންމެ ކައިރި ގޭޓުގެ ތެރެއިން ވަރުގަދަ ހަމަލާތަކެއް އޭނާއާ ދިމާއަށް ފޮނުވާލި އެވެ. އެއާއެކު ހުސައިން އާދަމްގެ ހަށިގަނޑަށް ގިނަ އަދަދަކަށް ވަޒަން އަރައި ޝަހީދުވެގެން ހުރި ތަނަށް ވެއްޓުނެވެ.

"ދުސްމިނުން ސިފައިންގެއަށް ހަމަލާދިނުމުން ސިފައިންގެ އިމަންޖެންސީ ރަނގަބީލު ޖަހައި ސިފައިން ސަމާލުކަމަށް ގެނެސް، ސިފައިންގެ މައިގޭޓު ލައްޕައި ތަޅުލުމަށް ފުރުސަތު ލިބިގެން ދިޔައީ ހުސައިން އާދަމް ދިން އަވަސް ރައްދު ހަމަލާގެ ސަބަބުން. ސިފައިންގެ މައިދޮރަށް ހަމަލާދިން ދުސްމިނުން ސިފައިންގެއާ ދިމާއަށް އަޔަ ނުދީ ރައްދު ހަމަލާދީ ހުއްޓުވީ ޕްރައިވެޓް ހުސައިން އާދަމްގެ ހުޝިޔާރު ރައްދު ހަމަލާތަކުން،" ފޮތުގައި ޝަހީދު ހުސައިން އާދަމްގެ ހިތްވަރު މިގޮތަށް ބުނެދީފައިވެ އެވެ.

އެ އުދުވާނުގައި ދުސްމިނުން ސިފައިންގެ ހުޅަނގު ދެކުނު ކަނާ ދިމާއިން އިސްލާމީ މަރުކަޒާވީ ފަރާތުން ހަމަލާދޭން ފެށީ ސިފައިންގެ ބޮޑު ގޭޓަށް ހަމަލާދޭން ފެށިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ. ދުސްމިނުން ހަމަލާދޭން ފެށުމާއެކު ޓާސްކް ފޯސް ޑިއުޓީގައި ތިބި ފަސް މީހުން ހަތިޔާރު ރެޑީކުރި އެވެ. އޭރު ސިފައިންގެ ތެރޭގައި ނިދާފައި ތިބި މީހުން ހޭލައި ޓާސްކް ފޯސް ކައުންޓަރާ ދިމާއަށް އަންނަމުން ދިޔަ އެވެ. ހަތިޔާރާއެކު ދިވެހި ސިފައިން ދުސްމިނުންނާ ކުރިމަތިލާން ފެށި އެވެ.

ދިވެހި ސިފައިން ފަސްޖެހުމެއް ނެތި ދެމުންދިޔަ ހަމަލާތަކުގެ ސަބަބުން ތަމަޅަ ހަނގުރާމަވެރިންގެ އިސް ކޮމާންޑަރަކަށް ހުރި ވަސަންތީ އާއި ޖޫލީ މަރާލި އެވެ. ދިވެހި ސިފައިންގެ ހަމަލާތަކުން ވަސަންތީ އާއި ޖޫލީ މަރުވުމުން ދުސްމިނުން ފަހަތަށް ޖެހުމާއެކު އެވަގުތުކޮޅަށް ބަޑީގެ އަޑު ކެނޑުނެވެ. ވަސަންތީ އާއި ޖޫލީ މަރުވުމުން އެ ގުރޫޕްގެ ބާކީ ދެން ތިބި މީހުން މެރިންޑްރައިވްއާ ހަމައަށް ފަހަތަށް ޖެހުނެވެ. އޭރު ސިފައިންގެއިން ދޭ ހަމަލާތައް ވަރުގަދަކަމުން ކުރިއަށް ނާދެވިގެން ވަސަންތީ ގްރޫޕުގައި ދެން ތިބި މީހުން ތިބެން ޖެހުނީ މެރިންޑްރައިވްގަ އެވެ.

ސިފައިންގެ ތެރެއަށް ވަނުމަށްޓަކައި ދުސްމިނުންގެ ހަމަލާތަކުން ސިފައިންގެ ހުޅަނގު ދެކުނުކަން ގޮއްވާލި އެވެ. ދުސްމިނުން ސިފައިންގޭގެ ތެރެއަށް ވަނުން ހުއްޓުވުމަށް، އެތެރޭގައި ހުންނެވި މޫސާ އަލީ ޖަލީލުގެ އަތުގައި އޮތް އޭކޭ-47ގެ ބަޑިން ހަމަލާ ދެމުން ކަވަރު ނެގި އެވެ. ފާރުން ގޮއްވައިލި ބާގަނޑުން ދުސްމިނުން އެއްލި ސްމޯކް ގްރަނޭޑުން އަރަމުންދިޔަ އޮލަ ދުންގަނޑުގެ ތެރެއަށް ލެފްޓިނަންޓް މޫސާ އަލީ ޖަލީލާއި ޓާސްކް ފޯސް ޑިއުޓީގައި ތިބި ދެ ރައިފަލްމަނުން ކަމަށްވާ ޕްރައިވެޓް އަހުމަދު ރަޝާދާއި ޕްރައިވެޓް އަބްދުއްސަމަދު އިބްރާހިމް ވަގުތުން ބަޑިޖަހަން ފެށި އެވެ. މޫސާ އަލީ ޖަލީލްގެ އެންގެވުމަށް ޕްރައިވެޓް ދޮންމަނިކު އަލީ ވަނީ ގޮއްވާލި ބާގަނޑުން އެއްވެސް ދުޝްމިނަކަށް ނުވަދެވޭނެ ގޮތަށް ބަޑީގެ ވަޒަން ޖަހައިގެން އެ ސަރަހައްދު ކަވަރުކޮށްފަ އެވެ.

"ގޮއްވައިލި ބާގަނޑަށް ސިފައިންގެއިން ދެމުންދިޔަ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ބާނގަނޑުން އެތެރެއަށް ވަންނަން މަސައްކަތް ކުރި ދުސްމިނުންނަށް ފަހަތަށް ޖެހެން މަޖުބޫރުވި. އޭގެ ފަހުން ބަޑި ގުދަން ހުޅުވައި، ހަތިޔާރު ދޫކުރަން ފެށުމާއެކު ހަތިޔާރު ނަގައިގެން ޕްރައިވެޓް މުހައްމަދު ނާޒިމާއި ޕްރައިވެޓް މުހައްމަދު ރަފީއު އާއި ޕްރައިވެޓް މުހައްމަދު ވަހީދު ވެސް އޭކޭ-47ގެ ބަޑިން އެބާގަނޑު ކަވަރު ކުރުމުގެ މަސައްކަތް ކުރި،" ފޮތުގައިވެ އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ރިޔާސީ ގަނޑުވަރު، ތީމުގެ ދުސްމިނުންގެ ބާރުގެދަށަށް ގެނައުމަށް ހަމަޖައްސާފައިވާ ގުރޫޕަކީ ސަގަރު އަހުމަދު ނާސިރު ހިމެނޭ ފާރޫގުގެ ގްރޫޕެވެ. އެ މީހުން މާލޭގެ ފަސްގަނޑުގައި ޖެހުމާއެކު އަވަސްވެގަތީ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ތީމުގެއާ ދިމާއަށް ދިއުމަށެވެ. ސިފައިންގެއަށް ހަމަލާ ދޭން ފެށިކަން ތީމުގޭގައި ޑިއުޓީގައި ތިބި ސިފައިންނަށް އެނގުމާއެކު އެ މީހުން ތިބީ ރައްދުގައި ހަމަލާ ދޭން ތައްޔާރުވެގެންނެވެ.

"ދުސްމިނުން ތީމުގޭ މައިގޭޓަށް ދިން ފުރަތަމަ ހަމަލާއާއެކު ތީމުގޭގައި ތިބި ސިފައިން ރައްދުގައި ހަމަލާ ދޭން ފެށި. ފުރަތަމަ ރައްދުގައި ހަމަލާ ދެމުން ދިޔައީ ތީމުގޭ މައި ގޭޓުގެ ޑިއުޓީއަށް ތިބި ލާންސްކޯޕްރަލް އާދަމް ނަސީމާއި ޕްރައިވެޓް ނޫހު ހުސައިން،" ފޮތުގައިވެ އެވެ.

ދުސްމިނުން ތީމުގެއަށް ހަމަލާދޭން ފެށުމާއެކު ފޯނު ކުރައްވައި އެ ވާހަކަ މޭޖާ މުހައްމަދު ޒާހިރުގެ ގާތުގައި ރައީސް މައުމޫން ވިދާޅުވި އެވެ. ތީމުގޭގައި ހުރި ހަތިޔާރާއި ވަޒަނުގެ އިތުރުން، ރީއިންފޯސްމަންޓެއް ސިފައިންގެއިން ދެވެން ނެތުމާއެކު ރައީސް މައުމޫންގެ އަރިހުގައި ތީމުގޭގައި ހުންނެވުން ރައްކާތެރި ނޫން ކަމަށާއި ވެވަޑައިގެންނެވި އެންމެ އަވަސް ފުރުސަތެއްގައި ތީމުގެ ދޫކުރައްވައި ވަޑައިގެންނެވުމަށްޓަކައި ރައީސްގެ ކާރުކޮޅު ގެނެސް ދެއްވުމަށް ދެންނެވި އެވެ. ފުރަތަމަ ނިންމެވީ ސިފައިންގެއަށް ކާރުގައި ވަޑައިގަތުމަށެވެ. ނަމަވެސް ރައީސް މައުމޫންގެ އަރިހުގައި މަސައްކަތް ކުރައްވާ އާދަމް ނައީމް ލަފާދެއްވީ ސިފައިންގެއަށް ހަމަލާ ދެމުންދާތީ ސިފައިންގެއަށް ވަޑައިނުގެންނެވޭނެ ކަމަށެވެ. ބަޑިހިފައިގެން ތިބި ދުސްމިނުން ތީމުގޭ ކައިރި ހަރަކާތްތެރި ވާތީ ކާރުގައި ވަޑައިގަތުން ރަނގަޅު ނޫން ކަމަށް އާދަމް ނައީމް ވިދާޅުވި އެވެ.

ގާތްގަނޑަކަށް އެރޭ 4:45 ކަންހާއިރު ރައީސްގެ ހަށިފާރަވެރިޔާ ސާޖަންޓް އިބްރާހިމް ގާސިމާއި ތީމުގޭގެ އެގްޒެކެޓިވް ޑިރެކްޓާ އާދަމް ނައީމާއެކު ރައީސް މައުމޫނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި ދަރިކަލުން ޣައްސާން މައުމޫން ތީމުގެ ދޫކުރައްވައި ހިންގަވާފައި ވަޑައިގަތީ މ. ގުލިސްތާނުގެ އަށެވެ. އިންޑިއާ ސިފައިން މާލެ އައިސް ސިފައިންގެއަށް ވަޑައިގެންނެވެންދެން ރައީސް މައުމޫނާއި އާއިލާގެ ބޭފުޅުން ތިއްބެނީ އެގޭގަ އެވެ.

ދުސްމިނުން މާލެ ތެރޭގައި ވެސް ލާއިންސާނީ އަމަލުތައް ހިންގަމުންދިޔަ އެވެ. ދައުލަތުގެ ވެރިން އަތުލައިގަތުމަށް މަސައްކަތް ކުރުމާއި މާލެއިން ކަރަންޓް ކަނޑާލުމާއި މީހުން ރަހީނުކޮށް އިންސާނީ އައްޑަނައިގެ ގޮތުގައި ބޭނުން ކުރުން ފަދަ އެތައް ކަމެކެވެ.

ދުސްމިނުން މަގުތަކުގައި ހިނގައި އާއްމުންނަށް ބިރުދައްކައި، ކުށެއް ނެތް މީހުން ޝަހީދުކޮށް، ހަދާތީ ދިވެހި ސިފައިން ނިންމީ ރަށުތެރޭގެ ސަލާމަތީ ކަންކަން ބަލަހައްޓަން ސިފައިންގެ ތެރެއިން ބަޔަކު ނުކުތުމަށެވެ. ފުރަތަމަ ސިފައިން ބޭރަށް ނުކުތުމަށް ނިންމީ ބަހެއްގަ އެވެ. ނަމަވެސް ގޭޓް ތާށިވެފައި ހުރުމުގެ ސަބަބުންނާއި ދުސްމިނުން ދެމުން ދިޔަ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ބަހުގައި ނުކުމެވޭ ގޮތެއްނުވި އެވެ. މޫސާ އަލީ ޖަލީލްގެ ކޮމާންޑަރު ކަމުގައި ހިނގާފައި ބޭރަށް ނުކުތުމަށް 11 ސިފައިން ނެގި އެވެ. އޭގެ ތެރެއިން ބޭރަށް ނުކުތީ ނުވަ ސިފައިންނެވެ. އެ ސިފައިން ނުކުތުމާއެކު ދުސްމަނުން ހަމަލާން ދޭން ފެށި އެވެ.

"މި މީހުން ނުކުތީ ދުސްމިނުން ހަމަލާދެމުން ދަނިކޮށް އަމިއްލަ ފުރާނައަށް ބެލުމެއްނެތި ދުސްމިނުންނާ ދެކޮޅަށް ހަމަލާދީ ދުސްމިނުން ގާއިމުވެ ތިބި ތަންތަނާއި އެ މީހުންގެ ހަރަކާތްތައް ބަލައި ހޯދައި ދެނެގަތުމަށް. ބޭރަށް ނުކުތުމަށް ނެގުނު މީހުން ނުކުތީ އެ މީހުން އެ ނުކުންނަނީ ސީދާ ދުސްމިނުންގެ ހަމަލާތަކުގެ ކުރިމައްޗަށްކަން އެނގިތިބެ. މަރުވެދާނެތީ އެއްވެސް ޖެހިލުމެއް އަދި ބޭރަށް ނުކުތުމަށް އެއްވެސް މަޖުބޫރުކަމެއް ނެތި،" އެ ސިފައިންގެ ހިތްވަރު ފޮތުގައި ބުނެދީފައިވަނީ މިގޮތަށެވެ.

ބޭރަށް ނުކުތް ނުވަ ސިފައިންގެ ތެރެއިން ތިން މީހަކު ޝަހީދުވި އެވެ. އެއީ ޕްރައިވެޓް މުހައްމަދު އިބްރާހިމާއި ޕްރައިވެޓް މުހައްމަދު ހަސަނާއި ލާންސްކޯޕްރަލް އާދަމް ނަސީރެވެ.

ސިފައިންގޭގައި ތިބި ބޭކަލުންގެ އިތުރުން ގޭގައި ތިބި އެތައް ސިފައިންނެއް ވެސް ބަޑީގެ އަޑަށް ސިފައިންގެއަށް ވަނުމަށް ދިޔަ އެވެ. ބިރުން ފިލުމުގެ ބަދަލުގައި ކޮށްފައިވާ ހުވައާ އެއްގޮތަށް ގައުމުގެ ދިފާއުގައި މަސައްކަތް ކުރުމަށެވެ. އޭގެ ތެރެއިން ބައެއް ބޭކަލުން ދުސްމިނުންގެ ހަމަލާތަކުގައި ޒަހަމްވި އެވެ.

ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ ކަމަށް ބަލައިގެން މާލެ އަރައި ދިން ކުއްލި ޓެރަރިސްޓް ހަމަލާގައި ދުސްމިނުން އުންމީދުކުރި ގޮތަށް އެއްވެސް ކަމެއް ނުހިނގި އެވެ. ފަތިހު މާލެ އަރައި ހަމަލާދޭން ފެށި ދުސްމިނުންގެ މޫނުމަތިން އެ ދުވަހުގެ 9:00 ކަންހާއިރު ނުތަނަވަސްކަމާއި ހާސްކަން ފެންނަން ފެށި އެވެ. ދުސްމިނުން ސިފައިންގެއަށް ދެމުން ދިޔަ ވަރުގަދަ ހަމަލާތައް އެ ރޭގެ 8:30 ކަންހާއިރު އެއްކޮށް ހުއްޓުނެވެ.

ތަމަޅަ ހަނގުރާމަވެރިންގެ އިސްކޮމާންޑަރަކަށް ހުރި ވަސަންތީ މަރުވި ވާހަކަ ހަނގުރާމަވެރިންގެ ތެރޭގައި ދެކެވެން ފެށި އެވެ. އެ ވަގުތު ތަމަޅަ ހަނގުރާމަވެރިންގެ ތެރެއިން އިސްނަގައިގެން އުޅެންފެށީ ޕާޕާ ކިޔާ ހަނގުރާމަވެރި އެކެވެ. އެ ހިސާބުން ފެށިގެން ފިލައި ރައްކާވާން އެ މީހުންގެ ތެރޭގައި މަޝްވަރާ ކުރަން ފެށުނެވެ. އެހެންކަމުން ފިލައިރައްކާވާން ބޭނުންވާ ކަމަށް ޕާޕާ، ލުތުފީއަށް އެންގި އެވެ. ތަޅަމަ ހަނގުރާމަވެރިން ލުތުފީއަށް އެންގީ އެ ތަމަޅައިން ދޫކޮށްފައި ލުތުފީއަށް ފިލައިގެން ނުދެވޭނެ ކަމަށެވެ. އެ އެންމެނަށް ދަތުރުކުރެވޭނެ ވަރުގެ ބޯޓެއް ހޯދުމުގެ ތެރެއިން މާލޭ ބަނދަރުގައި މުދާ ހިފައިގެން އައިސް އޮތް މޯލްޑިވްސް ނޭޝަނަލް ޝިޕް މެނޭޖްމަންޓުގެ ބޯޓެއް ކަމުގައިވާ އެމްވީ ޕްރޮގްރެސްލައިޓު ހައިޖެކް ކުރި އެވެ. ހަނގުރާމަ ކާމިޔާބު ނުވުމުން ފިލަން ވެގެން، ލުތުފީ އިސްކޮށް ހުރެ ހަތިޔާރު އެޅި ތަމަޅަ ހަނގުރާމަވެރިންނާއެކު ބޯޓަށް އެ މީހުން އެރީ އެ ދުވަހުގެ 1:45 ކަންހާއިރު އެވެ. ދުސްމިނުން އެ ބޯޓަށް ތަކެތި އަރުވައި، ރަހީނުންގެ ގޮތުގައި މީހުން ވެސް އަރުވައި ނިމުމުން އެރޭގެ 11:20 ކަންހާއިރު ބޯޓު މާލޭ ބަނދަރުން ފުރި އެވެ.

އުދުވާނީ ހަމަލާއާ ގުޅިގެން ދިވެހި ސަރުކާރުން އަވަށްޓެރި އިންޑިއާގެ އަސްކަރީ އެހީއަށް އެ ދުވަހުގެ ހެނދުނު އެދުނެވެ. އޭރުގެ އިންޑިއާގެ ބޮޑުވަޒީރު ރާޖީވް ގާނދީ ނިންމެވީ އެ އެހީތެރިކަން ދެއްވުމަށެވެ. އެ އޮޕަރޭޝަނަށް "އޮޕަރޭޝަން ކެކްޓަސް" ގެ ނަން ދީ އިންޑިއާ އެއާފޯސްގެ މަތިންދާ ބޯޓެއްގައި ބްރިގޭޑިއާ ފާރޫގް ބަލްސާރާގެ ކޮމާންޑުގެ ދަށުން 50 ސިފައިން ފޮނުވި އެވެ. އިންޑިއާ ސިފައިން މާލޭ އެއާޕޯޓަށް ފޭބީ އެ ރޭގެ 9:30 ކަންހާއިރު އެވެ. އޭރު ހަނގުރާމަ ނާކާމިޔާބުވީ ކަމަށް ނިންމައި ހަނގުރާމަވެރިން ފިލަން ތައްޔާރު ވަނީ އެވެ. އިންޑިއާ ސިފައިން މާލެ އެރީ އެރޭގެ ދަންވަރު އެވެ. އޭރު ދުސްމިނުން ވަނީ ފިލައި ރައްކާވާން ވެގެން ފުރައިފަ އެވެ.

"އިންޑިއާ ސިފައިން މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސިއިރު ރަހީނުން ގޮވައިގެން ދުސްމިނުން ހައިޖެކުކުރި އެމްވީ ޕްރޮގްރެސް ލައިޓަށް މީހުން އަރަދަމުން ދަނީ. އެ މައުލޫމާތު އާންމުންގެ ފަރާތުން ސިފައިންގެ ކޮމިއުނިކޭޝަނަށް ދެމުން ގެންދިޔަ. ބޯޓަށް އެންމެ ފަހުން އެރީ ސަގަރު އަހުމަދު ނާސިރާއެކު ދިޔަ މީހުން،" ފޮތުގައިވެ އެވެ.

އިންޑިއާ ސިފައިން ހިންގި "އޮޕަރޭޝަން ކެކްޓަސް" އަށް ފުރަތަމަ އައީ އިންޑިއާ ސިފައިންގެ 1،300 މީހުންނެވެ. ފަހުން އިތުރު 300 މީހުންނާއެކު 1،600 އިންޑިއާ ސިފައިން މި އޮޕަރޭޝަންގައި ބައިވެރިވި އެވެ. ނަމަވެސް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މި އަދަދު 800 އަށް ތިރިކުރެވުނެވެ.

ބޯޓު ހައިޖެކްކޮށް ދުސްމިނުން ފިލަން ދާތީ އެ ބޯޓް ފައްތާލައިގެން ނަމަވެސް އެކަން ހުއްޓުވުމަށް ދިވެހި ސިފައިން އިންޑިއާ ސިފައިންގެ ގާތުގައި އެދުނެވެ. އެ ވަގުތުން ފެށިގެން ބޯޓު ހުއްޓުވަން އިންޑިއާ ސިފައިން ހަމަލާ ދޭން ފެށި އެވެ. ނަމަވެސް ފުރަތަމަ ދިން ހަމަލާތަކުން އެ ބޯޓް ނުހުއްޓުވުނެވެ. ގާދޫކޮލުން ނުކުމެގެން ބޯޓް ދިޔައީ އެވެ. ނަމަވެސް އެ ބޯޓް އަތުލުމުގެ މަސައްކަތް ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ވަނީ އޭރުވެސް ފަށައިފަ އެވެ.

އުދުވާނީ ހަމަލާ ރޭވުމުގައި އިސްކޮށް ހުރި އުމާ މަހޭޝްވަރަމާ ސެޓު މެދުވެރިކޮށް ގުޅުމުން ލުތުފީ އާއި ދުސްމިނުންގެ ޓީމުން ދިޔައީ އޭނާގެ ލަފާ ހޯދަމުންނެވެ. އުމޭ މަހޭޝްވަރަމް ލަފާ ދިނީ ބޯޓުގެ މިސްރާބު ސްރީލަންކާގެ މުއްލިކުލަމާ ދިމާއަށް ބަދަލު ކުރުމަށެވެ. އެއީ ނޮވެމްބަރު ހަތަރު ވަނަ ދުވަހެވެ. މުއްލިކުލަމާ ދިމާއަށް ބޯޓް މިސްރާބު ބަދަލުކޮށްފައި ވަނިކޮށް އެ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 9:25 ކަންހާއިރު ބޯޓުގެ މަތިން އިންޑިއާގެ އެއާފޯސްގެ މަތިންދާ ބޯޓެއް ދަތުރުކޮށްފައި ދިޔަ އެވެ. އެއާއެކު ޓެރަރިސްޓް ލުތުފީ އާއި އެހެން ދުސްމިނުން ވެސް ވަރަށް ބޮޑަށް ހާސްވި އެވެ.

ދުސްމިނުން އަތުލައިގަތުމަށް އިންޑިއާގެ ނޭވީގެ މަނަވަރު އައިއެންއެސް ގޯދާވަރީ ބޯޓާ ކައިރި ކުރަމުން ދިޔަ އެވެ. ދުސްމިނުން ދެމުންދިޔަ އިންޒާރުތަކާއި ބިރުދެއްކުންތަކަށް ބެލުމެއް ނެތި އެވެ. ދުސްމިނުން ބިރުދައްކަމުން ދިޔައީ އިންޑިއާ މަނަވަރު، ދުސްމިނުން ތިބި ބޯޓާ މާ ކައިރިކޮށްފި ނަމަ ރަހީނުން މަރައި މޫދަށް އުކާނެ ކަމަށެވެ. އެގޮތަށް އިންޒާރު ދިނުމަށް ފަހުގައި ކުށެއް ނެތް ރަހީނުންތަކެއް މެރި އެވެ.

ނޮވެމްބަރު ހަ ވަނަ ދުވަހުގެ ފަތިހެވެ. އިންޑިއާ ނޭވީގެ ދެމަނަވަރު ދަތުރުކުރަމުން ދިޔައީ ބޯޓުގެ ދެ ފަރާތުގައި އޮވެގެންނެވެ. އަމާން ދިނުމަށް ދުސްމިނުންނަށް ދިން ސުންގަނޑި އޭރު ހަމަވެއްޖެ އެވެ. އެވަރުން ވެސް ދުސްމިނުން ދޫނުދިނުމުން އިންޑިއާގެ މަނަވަރުން ބޯޓަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށި އެވެ. އެހަމަލާތަކުގައި ރަހީނު ކޮށްފައިވާ ބައެއް ދިވެހިންނާއި ދުސްމިނުންގެ ތެރެއިން ބަޔަކު ވެސް މަރުވި އެވެ.

"ބޯޓަށް އަމާޒުކޮށް އިންޑިއާ މަނަވަރުން ދެމުންދިޔަ ވަރުގަދަ ހަމަލާތަކުން ބޯޓުގެ ތަންތަން ދިޔައީ ހަވާލުވެ ކުދިކުދި ވަމުން. ރުއިމާއި ހަޅޭކުގެ އަޑާއި ބޯޓުގެ ބައިތައް ފުނޑު ފުނޑުވެގެން ފައިބާ އަޑުން ވަނީ ގުގުމާފަ. އޭރު ބޯޓުގެ މެދުތެރޭގައި އަލިފާން ރޯވެ އަނދަން ފަށައިފި،" ފޮތުގައި އެ ހަމަލާ ސިފަކޮށްފައިވަނީ މިގޮތަށެވެ.

އެ ހަމަލާތަކާއެކު މާޔޫސް ވެ، ތަޅަމަ ހަނގުރާމަވެރިންގެ ތެރެއިން އިސްކޮށް ތިބި ޕާޕާ އާއި ޗިންނަޝަންކަރު އަމިއްލައަށް ބޮލަށް ބަޑިޖަހައިގެން މަރުވި އެވެ. އެ ދުވަހުގެ ހެނދުނު 8:55 ކަންހާއިރު ޓެރަރިސްޓުން އަމާންދިނެވެ. ޓެރަރިސްޓުންނާއި ރަހީނުން އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުން މާލެ ގެނަ އެވެ.

ކަން ހިނގި ގޮތަކީ މިއީ އެވެ. ދުސްމިނުން މާލެ އަރައި ހަމަލާ ދޭން ފެށުމާއެކު ދިވެހި ސިފައިން ބިރުން ފިލީއެއް ނޫނެވެ. ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ސިފައިން މަދު ނަމަވެސް އޭގެ ތެރެއިން ގިނަ ސިފައިން ކެރިގެން ދުސްމިނުންނާ ކުރިމަތިލި އެވެ. ފުރާނަ އަތްމައްޗަށް ލައިގެން، ގައުމުގެ ދިފާއީ އައްޑަނައިގެ ގޮތުގައި އެ ސިފައިންގެ މޭތައް ދިއްކުރި އެވެ. ފަހު ލޭތިއްކާ ހަމައަށް ދާންދެންވެސް ގައުމު ދިފާއުކުރުމަށް ވެގެން ދިތިބި ހުވާ އަމަލާއި ބަހުން ސާބިތުކޮށްދިނެވެ. ދުސްމިނުންނަށް ހަނގުރާމަ ކާމިޔާބު ނުވެގެން އަނބުރާ ދާން ޖެހުނީ ދިވެހި ސިފައިން ރައްދުގައި ދެމުން ދިޔަ ހަމަލާތަކުގެ ސަބަބުންނެވެ. އިންޑިއާ ސިފައިން ރާއްޖެ އައިއިރު ދުސްމިނުން ދިޔައީ ފިލައި ރައްކާވުމަށް ތައްޔާރުވަމުންނެވެ. ބޯޓެއް ހައިޖެކްކޮށްގެން ފިލި ދުސްމިނުން އަތުލައިގަނެވުނީ އިންޑިއާގެ އެހީގަ އެވެ. ހަގީގަތަކީ މިއީ އެވެ.