ފެހެންދޫ

ބޮޑު ލޯންޗުގައި ތިން މިނެޓުން ގޮއިދޫއަށް! ފެހެންދޫ ދަރިވަރުން ސްކޫލަށް ދާން އުފުލި ތަކުލީފު މާޒީގެ ތެރެއަށް

ބ. ފެހެންދޫ ދަރިވަރުން ތައުލީމު ހޯދަން ކުޑަކުޑަ އަނގަމަތީ ޑިންގީއެއްގައި ކަނޑު ހުރަސްކުރުމަކީ އާ ވާހަކައެއް ނޫނެވެ. ފެހެންދޫގެ އާބާދީ މަދުވުމުން 2008 ވަނަ އަހަރު އެރަށު ސްކޫލު ބަންދު ކުރުމުން ދަރިވަރުން ކިޔަވަން ދާން ފެށީ އެއް ފަޅެއްގައި އޮންނަ ގޮއިދޫ ސްކޫލަށެވެ. ކުޑަ ޑިންގީއެއްގައި ގޮއިދޫއަށް ދާން ހަތް ވަރަކަށް މިނެޓް ނެގި ނަމަވެސް އެއިން ކޮންމެ ދަތުރެއް ނިޔާމަ ދަތުރަކަށް ނުވެ އެވެ. ބައެއް ދަތުރުތައް ކުރަން މަޖުބޫރުވީ ބިޔަ ރާޅުތަކުގެ ތެރެއިންނެވެ. ވާރޭ ވެހި ކަނޑު ގަދަ ދުވަސްތަކުގައި ސްކޫލަށް ދިޔައީ ތެމި ފޯވެގެންނެވެ.

މިއީ އާބާދީގައި ގާތްގަނޑަކަށް 300 މީހުން ދިރިއުޅޭ ފެހެންދޫގެ 33 ކުދިން ސްކޫލަށް ދާން އުޅުނު ހާލެވެ. އޭގެ ތެރެއިން ޕްރީ ސްކޫލުގައި ކިޔަވާ ހަ ކުއްޖަކު ވެސް ހިމެނެ އެވެ. އެހެންކަމުން މިއީ ކިޔާލަން ފަސޭހަ، ސިފަކުރަން އުދަނގޫ ވާހަކަތަކެކެވެ. ހިތަށް އަސަރުކުރުވި ދަތުރުތަކެކެވެ.

އެ ހާލުގައި އެކުދިން އުޅޭތާ އެތައް ދުވަހެއްވި ފަހުން އެ ބުރައަށް ލުއިކަމެއް ގެނެސްދިނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ފެހެންދޫ ދަރިވަރުން ސްކޫލަށް ދާން ޒަމާނީ ލޯންޗެއް ހަމަޖެހިގެން ދިއުމުންނެވެ. އެއީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން 1.5 މިލިއަން ރުފިޔާ ކަނޑައަޅައިގެން ހެދި ލޯންޗެކެވެ. ޖުލައި މަހުގެ ތެރޭގައި އެ ލޯންޗު ގޮއިދޫ ސްކޫލާ ހަވާލުކުރި ނަމަވެސް ލޯންޗުގެ ދަތުރުތައް ރަސްމީކޮށް ފެށީ މިއަދު އެވެ.

"ފެހެންދޫގައި ދެ ފާލަމެއް އޮތް ނަމަވެސް ދިޔަވަރު އޮންނަ ގޮތުން ޖެޓީއާ ލޯންޗު ކައިރިއެއް ނުކުރެވޭ. ނަމަވެސް އެމްޓީސީސީގެ ފަރާތުން ޖެޓީއަށް ކައިރި ކުރެވޭ ގޮތަށް އެ ސަރަހައްދު ފުން ކުރުމުން މިއަދު ވަނީ ދަތުރުތައް ފަށާފައި،" ލޯންޗު އޮޕަރޭޓްކުރާ ގޮއިދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ނާޒިމް "ވަން" އަށް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، ކޮވިޑް-19ގެ މި ހާލަތުގައި ޕްރީ ސްކޫލަށް ކިޔަވައިދޭން ނުފަށާތީ މިދުވަސްކޮޅު ފެހެންދޫ ސްކޫލަށް ދަނީ 30 ދަރިވަރަކު ކަމަށެވެ. އެ ކުދިންގެ ތެރޭގައި ކޮވިޑުގެ ހާލަތާ ގުޅިގެން ރަށަށް ބަދަލުވި، މާލޭގެ ބައެއް ސްކޫލުތަކުގައި ކިޔަވާ އެރަށުގެ ތިން ދަރިވަރަކު ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"ލޯންޗުގެ ޖާގައަކީ 30 މީހުން. ނަމަވެސް ޕްރީ ސްކޫލް ކިޔެވުން ފެށުމުން އަޅުގަނޑުމެން ޖެހޭނީ ވަކި ދަތުރެއް ކުރަން. އެއީ ސްކޫލުގެ ޖާގައިގެ ގޮތުން ޕްރީ ސްކޫލު ކިޔެވުން މި އޮންނަނީ އެހެން ގަޑިއެއްގައި. އެހެންވީމަ ދެ ދަތުރެއް ކުރަން ޖެހޭނީ އެކުދިންނަށް،" ނާޒިމް ވިދާޅުވި އެވެ.

މި ދަތުރުތަކާއެކު ކުރިން ހަތް މިނެޓުން ކުރަމުންދިޔަ ދަތުރުތަކުގެ ދިގުމިންވެސް ވަނީ ތިން މިނެޓަށް ކުރުވެފަ އެވެ. ރައްކާތެރިކަން ލިބިފަ އެވެ. ދަރިވަރުންގެ މޫނުމައްޗަށް ވަނީ ހިނިތުންވުން ގެނެސްދީފަ އެވެ. ބެލެނިވެރިންގެ ކަންބޮޑުވުމަށް ތަސައްލީއެއް އައިސްފަ އެވެ. މީގެ ދުވަސްތަކެއް ކުރިން ފެހެންދޫ ދަރިވަރުން ތައުލީމު ހާސިލުކުރަން އުފުލި ބުރަ މާޒީވެއްޖެ އެވެ.