ބ އަތޮޅުގެ ބައެއް ރަށްތައް އެއް ކަރަންޓު ވިއުގައަކުން ގުޅައިދޭނެ ބަޔަކު ހޯދަން ފެނަކައިން ދެ ވަނަ ފަހަރަށް އިއުލާނު ކޮށްފި އެވެ.
ފެނަކައިން ފުރަތަމަ ފަހަރަށް ކުރި އިއުލާނަށް އެކަށީގެންވާ ވަރަށް ތަރުހީބު ވަނީ ނުލިބިފަ އެވެ. ފެނަކައިން ދެ ވަނަ ފަހަރަށް ކުރި އިއުލާނުގައި ބުނީ، ބ. ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫ ކަރަންޓު ނެޓްވޯކް އެއް ވިއުގަ ކޮށް، ގުޅާލައި ގޮއިދޫގައި ސެންޓްރަލް ޕަވާ ހައުސް ހަދާނެ ބަޔަކު ހޯދަން ބޭނުން ވާ ކަމަށެވެ.
މަސައްކަތުގެ ބިޑު ސެކިއުރެޓީގެ ގޮތުގައި 10،000 އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދަށް ވާވަރަށް ދިވެހި ފައިސާ ދައްކަން ޖެހޭނެ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.
ބިޑް ސެކިއުރިޓީ ވާން ވާނީ އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓާއަކަށް ނުވަތަ ބޭންކް ގެރެންޓީ އަދި ސްޓޭމްޕް ޖަހާފައިވާ ޗެކެއް ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ރަޖިސްޓްރީ ކޮށްފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލަކަށެވެ.
މިމަހުގެ ހަވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 19 ވަނަ ދުވަހާ ހަމައަށް މަސައްކަތުގެ ބިޑުގައި ބައިވެރިވެވޭނެ އެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 20 ވަނަ ދުވަހެވެ.