ކ. ދޫނިދޫ ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 10 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ދޫނިދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، މިހާތަނަށް މި މަސައްކަތުގެ %39 ވަނީ ނިމިފައެވެ.

ސެޕްޓެމްބަރު މަހު އެމްޓީސީސީން މޮބިލައިޒް ކުރި މި މަޝްރޫއުގެ ދަށުން 4.61 އޭކަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތާއި 3.75 އޭކަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި 370 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތާއި 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 250 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް، 250 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް އަދި ދޫނިދޫ ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 51.4 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.