ކޮވިޑް 19އާ ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ތައްޔާރީތައްވަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ތާވަލުކޮށްފައި އޮތީ މި އަހަރުގެ އޭޕްރިލް މަހު ބާއްވާ ގޮތަށެވެ. ނަމަވެސް ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު އަންނަ އަހަރަށް ފަސްކުރިއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން އީސީގެ މެންބަރު ފުއާދު ތައުފީގް ވިދާޅުވީ، އީސީން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ކަމަށެވެ. ނަމަވެސް ސީދާ ތާރީހެއް ވިދާޅެއް ނުވެއެވެ.
"ލޯކަލް ކައުންސިލް އިންތިހާބު މިއަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ކަނޑައެޅިފައި އޮއްވައި ކޮވިޑުގެ ހާލަތުގެ ސަބަބުން ލަސްކުރީ، ލަސްކޮށްފައި މިހާރު އަޅުގަނޑުމެން މި އުންމީދުކުރަނީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭނެ. އިރާދަކުރެއްވިއްޔާ އެކަން އެގޮތުގައި ދާނެ،" ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ، އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އިދާރީ ގޮތުން ކުރަން ޖެހޭ ކަންތައްތައް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
މީގެ އިތުރުން ފުއާދު ވިދާޅުވީ، އަންނަ އަހަރުގެ އިންތިހާބަށް ކޮވިޑް 19އާ ގުޅިގެން ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ ކަމަށާއި އެގޮތުން ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އިންތިހާބު ކުރިއަށްދާއިރު އަޅާނެ ކަމަށެވެ. އަދި ކެމްޕޭނު ކުރަން ބޭނުންވާ ފަރާތްތަކަށް އެޗްޕީއޭގެ ގައިޑްލައިންއާއެކު ކެމްޕޭނު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރުވަނީ ގާނޫނަށް އިސްލާހު ގެނެސް ދަންމާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު