ނައިބު ރައީސް ކަމުގެ މަގާމުން ވަކިކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވިދާޅުވެ ޑރ. މުހައްމަދު ޖަމީލު އަހުމަދު ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތް މިމަހުގެ 19 ވަނަ ދުވަހު ފެށުމަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ހެނދުނު 10:00ގައެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޖަމީލު އެ މައްސަލަ ހުށަހެޅުއްވީ ގާނޫނުގައި އިމްޕްރީޗްމަންޓް ޕްރޮސެސް ސާފުކޮށް ބަޔާންކޮށްފައިވާ އިރު، އޭނާ ނައިބު ރައީސްގެ މަގާމުން ވަކިކުރެވުނީ އެ ހަމަތަކާ ހިލާފަށް ކަމަށް ވިދާޅުވެއެވެ.

އެ މައްސަލަ ހުށަހެޅުއްވުމަށްފަހު ޖަމީލު އޭރު ވިދާޅުވީ އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައެޅުމަކީ ގާނޫނުގައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމު ދެމެހެއްޓުމަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ރައްޔިތުން ހޮވާފައިވާ ރައީސުންނާއި ނައިބު ރައީސުންގެ ނިމުން މަޖިލީހުގެ ތެރެއިން އުފެދިގެން އަންނަ ރިޝްވަތާއި ކޮރަޕްޝަނުގެ މައްޗަށް ބަރޯސާ ނުކުރުމަށް މިކަމުގައި ސުޕްރީމް ކޯޓުގެ ނިންމުމެއް މުހިއްމު ކަމަށް ޖަމީލު ވިދާޅުވިއެވެ.

21 ޖުލައި 2015 ގައި ޑރ. ޖަމީލް ނައިބު ރައީސް ކަމުގެ މަގާމުން ވަކި ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 78 މެންބަރުން ވޯޓާއެކު އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތްކަމަށް ނިންމައިފައެވެ. އެގޮތުން އެމަނިކުފާނުގެ މައްޗަށް އިތުބާރު ނުކުރެވޭ ކަމަށް ހުށަހަޅާފައިވަނީ އެމަނިކުފާނުގެ މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތުގައި އަދާކުރަމުން ނުގެންދާ ކަމަށާއި ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ ބޭނުން ނުހިފައި، ސަރުކާރުގެ އިދިކޮޅު ފަރާތްތަކާ ގުޅުންތަކެއް ބާއްވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ދެކޮޅަށް ވާހަކަދައްކަވާފައި ނުވާތީ މަޖިލީހުގެ އޭރުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.